ސަރުކާރުގެ ތަޢްލީމީ ސިޔާސަތުގެ އަމާޒަކީ، ފުރިހަމަ ރައްޔިތަކު ތައްޔާރުކުރެއްވުން ކަމަށާއި، މަދަރުސާގެ ބޭނުމަކީ މަދަރުސާއިން ނުކުންނަ ކޮންމެ ދަރިވަރަކީވެސް ރަނގަޅު ހަރުދަނާ ރައްޔިތަކަށްވާނެ ދަރިވަރަކަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލްގެ ތިންވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމަށް، ރޭ އެ ސްކޫލްގައި ބޭއްވެވި ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ސިފަކުރައްވާ ފުރިހަމަ ރައްޔިތަކީ ކޮބައިކަން ހާމަކުރެއްވިއެވެ. އެފަދަ ރައްޔިތަކީ، އިސްލާމް ދީނަށާއި، ދިވެހިރާއްޖެއަށް ބޯލަނބާ، އަދި ދިވެހިންގެ ތަރައްޤީއަށް އަތުކުރި އޮޅާލައި ހުންނާނެ ރައްޔިތަކު ކަމުގައި ވިދާޅުވިއެވެ. އަދި އެފަދަ ފުރިހަމަ ހަރުދަނާ ރައްޔިތަކީ، "އޭނާގެ އަމިއްލަ ޙަލާލު މަސައްކަތުން އޭނާއާއި އޭނާގެ ޢާއިލާ ގޮވައިގެން އުޅެވޭ، ރަނގަޅު އާމްދަނީއެއް ހޯދޭ، ޤައުމުގެ ތަރައްޤީގައި ބައިވެރިވެވޭ، ރަނގަޅު ޢާއިލާއެއް ބިނާކުރަން މަސައްކަތްކުރާ ހަރުދަނާ ރައްޔިތެއް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަރުދަނާ ރައްޔިތަކު އުފެއްދެވުމަށް ސަރުކާރުން ބަރޯސާ ކުރައްވަމުން ގެންދަވަނީ، ތަޢްލީމީ ނިޒާމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން، މަދަރުސާތަކުން ނުކުންނަ ދަރިވަރުންނަކީ، ފުރިހަމަ ދަރިވަރުންނަށް ހެއްދެވުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދަރިވަރުންނަށް ވަށާޖެހޭ ތަޢްލީމެއް ދެއްވުންކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ހަރުދަނާ ރައްޔިތެއް ބިނާކުރުމަށްޓަކައި ސަރުކާރުގެ އަމާޒަކީ، ހަމައެކަނި 60 ޕަރސެންޓަށްވުރެ ގިނަ ދަރިވަރުން "ސީ" ފާހަށް ވުރެ މަތިން ފާސްވެގެން ނުކުތުން ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ސަރުކާރުގެ އަމާޒަކީ ކޮންމެ ދަރިވަރަކީވެސް އިތުރު ޙަރަކާތްތަކުގައި ބައިވެރިވާ، އަދި ކޮންމެ ދަރިވަރަކީވެސް މުނިފޫހިފިލުވުމާއި އިޖްތިމާޢީ އެހެން ކަންކަމުގައި ޙަރަކާތްތެރިވާ ދަރިވަރަކަށް ހެދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޣާޒީ ސްކޫލަކީ، ރަނގަޅު ގޮތުގައި ހިންގޭ، ސަރުކާރުގެ ތަޢްލީމީ ސިޔާސަތު ތަންފީޒު ކުރުމުގައި ކާމިޔާބުތައް ހޯދައިދޭ މަދަރުސާއަކަށް ހެއްދެވުމަކީ، ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރޭ، ޣާޒީ ސްކޫލްގައި ބޭއްވުނު ޙަފްލާގައި، އެ ސްކޫލްގެ ސްމާޓް ރޫމް، ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވިއެވެ. އަދި އެ ސްކޫލަށް ތަފާތު އެކިއެކި ޚިދްމަތް ކުރައްވާފައިވާ ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވިއެވެ. އެބޭފުޅުންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. އަދި އެސްކޫލްގެ އަހަރީ ޙަފްލާ ޝަރަފްވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިކަން ފާހަގަކުރައްވައި، އެސްކޫލްގެ ފަރާތުން އެމަނިކުފާނަށް ހަނދާނީ ފިލައެއް އެރުއްވިއެވެ.