ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ދިވެހި ސިވިލް ސަރވިސް ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން ސަރުކާރުގެ ތަންފީޒީ ގުނަވަން ހިންގާނެ އެންމެ އިސްމީހުން ކަނޑައެޅުމުގައި، ސަރުކާރުގެ އެންމެ އިސްވެރިޔާއަށް އޮންނަންވާނެ މިންވަރަށްވުރެ ދައުރު ހަނިވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިބިލް ތަޞްދީޤު ނުކުރައްވައި، އިއްޔެ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާތީ، މިބިލް މަޖިލީހަށް ފޮނުއްވި ސަބަބުތައް ހާމަކުރައްވައި، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މިނިވަން މުއައްސަސާތަކަށް މީހުން ހޯދުމާއި، އެމީހުންގެ ކިބައިގައި އެކަމުގެ ލަޔާޤަތާއި ޤާބިލިއްޔަތު ހުރިތޯ ބެލުމަކީ، ދައުލަތުގެ ތަންފީޒީ ބާރުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރަކަށްވާންވާނީ، ސަރުކާރުން އެކަން ކުރައްވާފައިވަނީ ރަނގަޅަށްތޯ ބައްލަވައި، ފާރަވެރިވެ، މަޖިލީހަށް ސަރުކާރުން އެނަންތައް ހުށަހެޅުއްވުމުން، އެނަންތައް ފާސްކުރެއްވުން ނުވަތަ ނުކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) ގައިވާ "ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން" މި ޢިބާރާތަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން ކަމުގައި ފާސްކުރާނީ، ދައުލަތުގެ ވެރިޔާ ހުށަހަޅާ ނަންތަކެއްކަން، މި ޢިބާރާތުން ވަރަށް ސާފުކޮށް އެނގޭ ކަމަށް ވިދާޅުވިއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ މަސައްކަތަކީ، ރައްޔިތުންގެ މަޖިލީހުން ކުރާނެ ކަމެއް ނޫންކަމާއި، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހެޅުމަކީ ދައުލަތުގެ ވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކުރާ ކަމެއްކަން، ޤާނޫނުއަސާސީގެ އެހެނިހެން މާއްދާތަކުންނާއި އަދި ޢަމަލު ކުރެވިފައިވާ އުޞޫލުތަކުން ސާފުވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، އިއްޔެ އެމަނިކުފާނު ތަޞްދީޤު ކުރެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލްގެ މުހިންމު ކަމުގެ މައްޗަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެބިލުން ރައްކާތެރިކޮށްދޭ ޙައްޤުތަކުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. މިގޮތުން އެ ޤާނޫނުގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަކީ ކޮބައިތޯ ކަނޑައަޅައި، އެމީހުންގެ ދަފްތަރު ބަލަހައްޓަން ފެށުމާއެކު، އެދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށްވެސް، އެމީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް ކޮންމެ މަހަކު މަދުވެގެން -/2000 ރުފިޔާގެ މާލީ ޢިނާޔަތެއް ސަރުކާރުން ދެއްވަން ޖެހިވަޑައިގަންނަވާ ގޮތަށް އޮތް އޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައަޅައި، އެމީހުންގެ ދަފްތަރު ބަލަހައްޓަން ފެށުމާއެކު، އެދަފްތަރުގައި ހިމެނޭ ކޮންމެ މީހަކުވެސް، އެމީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް ސަރުކާރުގެ ޚަރަދުގައި ހެލްތް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭން ޖެހޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ މައްސަލަތައް ޙައްލު ކުރެއްވުމުގައި، ރައީސް ރާޖަޕަކްސައާއެކު ކުރެއްވި މަޝްވަރާތަކުގެ ތަފްޞީލު ދެއްވިއެވެ. އަދި ރާޖަޕަކްސަގެ މަޝްވަރާއާއި ލަފާފުޅުގެ މަތިން ބައެއް ކަންކަން ހިންގަވަން ފަށްޓަވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ވާދަވެރި ސިޔާސީ ޕާޓީތަކާއި، އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު، ސްރީލަންކާގެ ރައީސް ބޭއްވެވި ބައްދަލުވުމުގައި، މަޖިލީހުގައި ކަންތައް ގެންދާނެގޮތާ ގުޅޭގޮތުން ޑީ.އާރު.ޕީ.ގެ ތިން މެންބަރުންނާއި، އެމް.ޑީ.ޕީ.ގެ ތިން މެންބަރުން ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވާލުމަށް އެއްބަސްވެފައިވުމާއެކު، އެކޮމިޓީ އެކުލަވާލެވި، އެކޮމިޓީގެ މަސައްކަތް ހަލުވިކަމާއެކު ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންގެ ނަންފުޅުތައް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، އެމަޖިލީހަށް ފޮނުއްވުމުގެ ކަންތައް، އިރާދަކުރެއްވިއްޔާ މިފެށޭ ހަފްތާގެ ތެރޭގައި ކުރިއަށް ގެންދަވާނެކަންވެސް މިއަދުގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.