ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ ފަރާތުން ޤައުމަށް ލިބޭ އިޤްތިޞާދީ ފައިދާގެ އިތުރުން، އެ މީހުން މެދުވެރިކޮށް ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އިންސާނީ އަދި ޘަޤާފީ ގުޅުން އިތުރަށް ވަރުގަދަ ކުރެވިދާނެ ކަމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން އިންތިޒާމް ކުރައްވައިގެން ބާއްވަވާ ބަންގްލަދޭޝްގެ ޘަޤާފީ އަދި ފަންނީ ހަރަކާތްތަކުގެ ޕްރޮގްރާމް ފެށްޓުމުގެ ގޮތުން "ބަންގްލަދޭޝްއާ ރާއްޖެއާ ދެމެދުގައިވާ ތާރީޚީ ގުޅުން" މިނަމުގައި މިއަދު ހެނދުނު ބޭއްވެވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ވަރަށް ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެ، މީގެ ތެރެއިން ގިނަ މީހުންނަކީ އެމީހުން ކުރާ މަސައްކަތުގެ އިތުރުން ވަރަށް ގިނަ ފަންނީ ހުނަރުތައް ލިބިފައިވާ މީހުންކަން ފާހަގަކުރެއްވިއެވެ. އަދި މި މީހުން މެދުވެރިކޮށް ބަންގްލަދޭޝްގެ ޘަޤާފަތް ދިވެހިންނަށް ދައްކައިދީ، ދެޤައުމުގެ ދެމެދުގައިވާ ޘަޤާފީ އަދި ފަންނީ ގުޅުން ބަދަހި ކުރެވިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވަމުން، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޚާއްޞަ ގޮތެއްގައި އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ގާތް ގުޅުމެއް އޮތްކަން ދެޤައުމުގެ ތާރީޚުން ފެންނަ ކަމުގައި ވިދާޅުވިއެވެ. އަދި ވިޔަފާރިއާއި، އިޤްތިޞާދީ ދާއިރާއާއި، އިތުރު އެހެން ދާއިރާތަކުންވެސް ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރުން ބަދަހި ކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު ބައްލަވާލެއްވިއެވެ.
މި މޭރުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްއަކީ މަދަނީ މުޖްތަމަޢުގެ ހަރަކާތްތެރިކަން ވަރަށްބޮޑު އަދި މިދާއިރާއިން އެންމެ ބޮޑަށް ކުރިއަރާފައިވާ އެއްޤައުމު ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި މަދަނީ މުޖްތަމަޢު އިތުރަށް ހަރުދަނާކޮށް އެ ދާއިރާގެ ހަރަކާތްތެރިކަން އިތުރުކުރުމުގައި ބަންގްލަދޭޝްގެ ތަޖުރިބާއާއި އެހީތެރިކަމުގެ ފައިދާ ރާއްޖެއަށް ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މިއަދު ހެނދުނު ނަލަހިޔާ ހޮޓަލުގެ ސެމިނާރ ރޫމުގައި ބޭއްވުނު މި ފޯރަމްގައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައިވާ ތާރީޚީ އަދި ޒަމާނީ ގުޅުމާބެހޭ ޕްރެޒެންޓޭޝަނެއް، ބަންގްލަދޭޝްގެ ޑާކާ ޔުނިވަރސިޓީގެ ޕްރޮފެސަރ އަންވަރު ޙުސައިން ދެއްވިއެވެ.