ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމާ ގުޅޭގޮތުން މަޢްލޫމާތު ދެއްވުމަށް މާދަމާރޭ ޚާއްޞަ ޖަލްސާއެއް ބާއްވަވާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ. މިޖަލްސާ އޮންނާނީ މާދަމާރޭ 8.30ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.

މިޖަލްސާގައި އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން ސަރުކާރުން ރައްޔިތުންނަށް ފޯރުއްވައި ދެއްވަމުން ގެންދަވާ އެކި ޚިދްމަތްތަކާއި، ރައްޔިތުންނަށް އެކަމުން ލިބުނު ލުއިފަސޭހައާބެހޭ މަޢްލޫމާތު ދެއްވާނެއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. އަދި ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ މައްޗަށް މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލު ވާހަކަފުޅު ދައްކަވާނެއެވެ. އަދި ހައުސިންގއާ ބެހޭގޮތުން މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމް ވާހަކަފުޅު ދައްކަވާނެއެވެ.

މިޖަލްސާއަށް ޢާންމުކޮށް ދަޢުވަތުވަނީ ހުޅުއްވާލައްވާފައެވެ. އަދި ޖާގައޮތް މިންވަރަކުން ރަންނަބަނޑޭރި މާލަމުގައި އިށީނދެވަޑައިގެންނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.