"މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖް 2010" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު ހުޅުއްވައިދެއްވައިފިއެވެ. މި މުބާރާތް ހުޅުއްވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި މުބާރާތް ރާއްޖޭގައި ބޭއްވޭ ކަމަށްޓަކައި ވަރަށް އުފާފުޅުކުރައްވާ ކަމަށާއި، އަދި މުބާރާތުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

މާލޭ ކުޅިވަރު އެކުވެނީގައި މިމަހުގެ 25ން 29އަށް އޮންނަ މި މުބާރާތަކީ، ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތެވެ. މިމުބާރާތް ހިނގަމުންދާނީ ފަސް ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ، މެންސް ސިންގަލްސް، ވިމެންސް ސިންގަލްސް، މެންސް ޑަބަލްސް، ވިމެންސް ޑަބަލްސް އަދި މިކްސްޑް ޑަބަލްސްއެވެ. މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމް ކުރައްވައިގެން މިބާއްވާ މުބާރާތުގައި ދުނިޔޭގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިންގެ އިތުރުން، ރާއްޖޭގެ ކުޅުންތެރިންވެސް ބައިވެރިވެއެވެ.

"މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖް 2010" ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އޮތް މުބާރާތްގެ ފުރަތަމަ މެޗް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.