ވޭތުވެދިޔަ ތަނަށްވުރެ ފުރިހަމަގޮތުގައި ކުރިއަށް އޮތް ތަނުގައި ސާކުގެ ޙަރަކާތްތައް ހިނގާނެކަމަށް ފެނިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބުޓާންގެ ވެރިރަށް ޓިމްޕޫގައި ހުންނަވައިގެން އެމަނިކުފާނު މިއަދު ދެއްވި 46 ވަނަ ރޭޑިޔޯ ޚިޠާބުގައި، ނިމިގެންދިޔަ ސާކް ސަމިޓުގެ މައްޗަށް ބައްލަވާ ލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

16 ވަނަ ސާކް ސަމިޓް

ސާކް ސަމިޓް އަބަދުވެސް ފާހަގަވެފައި މިއޮންނަނީ މާބޮޑު ނަތީޖާތަކެއް ނުނެރެވި، ވަރަށްގިނަ ވާހަކަތަކެއް ދެކެވޭ ޖަމާއަތެއްގެ ގޮތުގައި ކަމަށާއި، އެހެންނަމަވެސް، ސާކް ސަމިޓަކީ، ސާކުގެ ޤައުމުތަކުގެ ރައްޔިތުންނަށް ފައިދާކުރަނިވި ކަންތައްތަކެއް ހިންގާ ޖަމާޢަތަކަށް ހެދުމަށް މި ފަހަރު ވަރަށް މަސައްކަތް ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަމިޓުގައި އަދި ސާކުގެ ޤައުމުތަކުގެ މެދުގައި ތަރައްޤީގެ މަޝްރޫޢުތަކާއި، ވިޔަފާރީގެ އެންމެހައި ކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި އެންމެ މުހިންމު ގޮތެއްގައި ޙައްލެއް ހޯދަން ޖެހިފައި އޮތީ، އިންޑިއާއާއި ޕާކިސްތާނާ ދެމެދުގައިހުރި މައްސަލަތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަންނަ އަހަރުގެ ސަމިޓް ބޭއްވޭނީ، ދިވެހިރާއްޖޭގައި ކަމަށްވުމާއެކު، ޚާއްޞަގޮތެއްގައި މަސައްކަތްކޮށްގެން، ރާއްޖޭގައި މިބޭއްވޭ ސަމިޓަކީ، މުޅި ސާކުގެ ހިންގުމަށް ބަދަލެއް ގެންނަ ސަމިޓަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި އެމަގަށް ވަރަށްބޮޑަށް މަސައްކަތްވެސް ކުރައްވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ޗައިނާއަށް ކުރައްވާ ދަތުރުފުޅު

ސާކް ސަމިޓަށްފަހު ޗައިނާއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، ޗައިނާއާއި ދިވެހިރާއްޖެއާ އޮންނަ ގުޅުންތައް ރަނގަޅު ކުރުމަކީ، އަދި ބަދަހިކުރުމަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ އެކިއެކި ތަރައްޤީގެ މަޝްރޫޢުތަކަށް، ޗައިނާ ސަރުކާރުން މިހާތަނަށްވެސް ލިބިފައިވާ އެހީތެރިކަން ކުޑައެއްނޫން ކަމަށާއި، މިދަތުރުފުޅަށްފަހު، ކުރިއަށްއޮތް ތަނުގައި އެ އެހީތެރިކަން އެތައް ތަނަކުން، އެތައް ގުނައަކުން ބޮޑުވެގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ބޭނުންފުޅު

ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވަމުން ގެންދަވާ އެކި ދަތުރުފުޅުތަކުގެ ބޭނުންފުޅުގެ މައްޗަށްވެސް މިއަދުގެ ރޭޑިއޯ ޚިޠާބުގައި އެމަނިކުފާނު ބައްލަވާލެއްވިއެވެ. ރާއްޖެއަށް ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ހޯދުމަށްޓަކައި އަޅުގަނޑުމެން ނުފޮރޮޅާ އެއްވެސް ގަލެއް ބާއްވައިގެން ނުވާނެ ކަމަށާއި، ރާއްޖެއަށް ފައިސާ ހޯދުމަށްވެސް، މަޝްރޫޢުތައް ހޯދުމަށްވެސް، އެހީތެރިކަން ލިބުމަށްވެސް، އެކި ތަންތަނަށް ދަތުރުކުރައްވައި، ލައްކަ ގިނަ މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ހަމަ އަބަދު އަޅުގަނޑު، ގަލަމެއް ހިފައިގެން، އެހެން ނޫނިއްޔާ އުދައްޔެއް ކަތިވަޅިއެއް ހިފައިގެން ހުއްޓަކަސްވެސް އަޅުގަނޑުމެން މި ބޭނުންވާ ތަރައްޤީއެއް، އަޅުގަނޑުމެން މި އުންމީދުކުރާ ރިވެތި ދިރިއުޅުން، އަޅުގަނޑުމެންނަށް ހޯދަން ދަތިވާނެ. ދަތުރުކުރުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑު ކުރާ ހިތްވާ ކަމެއްނޫން. މިއީ ވަރަށް ބުރަ ކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރައްވަން ނުޖެހޭ ކަމެއް އެމަނިކުފާނުގެ އަމިއްލަފުޅު ބޭނުންފުޅަކަށްޓަކައި ދުވަހަކުވެސް ނުކުރައްވާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންހެނުންނާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގާ ފަރާތްތަކަށް ޙައްޤު އަދަބު ދެއްވުން

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި، ގިނަ ފިރިހެނުންތަކެއް އެއްވެ، އަންހެނަކާއެކު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގި ވާހަކައިގެ ޚަބަރެއް މިދިޔަ ހަފްތާގައި އެމަނިކުފާނު އެއްސެވި ކަމަށް ވިދާޅުވެ، މިބާވަތުގެ ކަންތައްތައް ހިނގާ މިންވަރު، ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެބާވަތުގެ ކަންކަން ހިނގާދިޔުމުން، އެކަމާ އަޅުއްވާނުލައްވާ ސަރުކާރުން ދޫކޮށްނުލައްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވިއެވެ. ކަމާގުޅޭގޮތުން އަޅަންހުރި ހުރިހާ ފިޔަވަޅެއް އަޅައި، އަދި އެކަން ހިންގާ ބަޔަކަށް އެކަމުގެ ޙައްޤު އަދަބު ލިބޭނެ މަގަށް ތަޙުޤީޤާއި އަދި ދަޢުވާ އުފުލުމާއި އަދި ޝަރީޢަތުގެ ކަންކަންވެސް ހިނގާނެ އުސޫލެއް ހޯދުމަށް ފުލުސް އޮފީހުގައިވެސް އެދިވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިބާވަތުގެ ކަންކަމާ އަޅާނުލާ ތިބެގެން، އަޅުގަނޑުމެން މިއެދޭ މުޖްތަމަޢު ބިނާކުރަން އުނދަގޫވާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަކީ، އަދި އެމަނިކުފާނުގެ އުންމީދަކީ، ރާއްޖެއަކީ، އަންހެނުންނަށްވެސް، ފިރިހެނުންނަށްވެސް، ޒުވާނުންނަށްވެސް، ދޮށީޢުމުރުގެ މީހުންނަށްވެސް، އެންމެންނަށްވެސް އުފާވެރިކަމާއެކުގައި ދިރިއުޅެވޭ ރާއްޖެއަކަށްވުން ކަމުގައި ވިދާޅުވިއެވެ. އަދި އެއްވެސް މީހަކަށް އެއްވެސް އިރެއްގައި މަގުމައްޗަށް ނުކުމެއުޅުން އެއީ ބިރަކަށްވެގެން ނުވާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ އެހެންވިޔަކަ ނުދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.