ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ވައިސް ޗެއަރމަން މިސްޓަރ ސުން ޖައިޒެންގއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާއަކީ އަބަދުވެސް ރާއްޖެއާއެކު ވަރަށް ގާތް ގުޅުމެއް ބަހައްޓާ ޤައުމެއް ކަމުގައި ފާހަގަކުރައްވައި، ޗައިނާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި މޫސުމަށް އަންނަމުންދާ ނޭދެވޭ އަސަރުތަކަށް ޙައްލެއް ހޯދުމުގައި ޗައިނާއިން އަދާކުރަމުންދާ ދައުރުގެ މައްޗަށް ބައްލަވާލައްވަމުން، މިސްޓަރ ސުން ޖައިޒެންގ ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގެ ސަބަބުން، ތިމާވެށީގެ މައްސަލަތައް ރާއްޖެއަށް މިހާ ބޮޑުވެގެން ގޮސްފައިވަނީ ކީއްވެގެންކަން ހާމަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރާއީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި، ވަކިން ޙާއްޞަކޮށް، ގެދޮރު އެޅުމުގެ މަސައްކަތުގައި، ޗައިނާގެ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ލިބިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް މިފަދަ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ލިބެމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މިސްޓަރ ސުން ޖައިޒެންގ ދެއްކެވި ވާހަކަފުޅުގައި، ޗައިނާއިން ބޭނުންވަނީ ދުނިޔޭގެ ޤައުމުތަކާއެކު ވަރަށް އެކުވެރި ގުޅުމެއް ބާއްވަން ކަމަށާއި، އެގޮތުން ރާއްޖެއަކީ ޗައިނާއިން ވަރަށް ގާތްކޮށް ދެކޭ ޤައުމެއް ކަމުގައި ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ޗައިނާގެ ސިޔާސީ ނިޒާމާ ބެހޭގޮތުންނާއި، ޗައިނާގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާގޮތާ ބެހޭގޮތުންވެސް މިސްޓަރ ސުން ޖައިޒެންގ ރައީސުލްޖުމްހޫރިއްޔާއަށް މަޢްލޫމާތު ދެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕ.ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރ ރީކޯ މޫސާ މަނިކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.