بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން، މިއަދު މި ހިނދުން ފެށިގެން މި ހުޅުވާލެވޭ ފުރުޞަތުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް.
އަޅުގަނޑުމެން ރައްޔިތުންނަކީ، ދިވެހި ރައްޔިތުންނަކީ، ދެންމެގައި ފާހަގަކުރެވިގެންދިޔަ ފަދައިން، ފެށުނީއްސުރެ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައި ތިބި ބައެއް. އެކި ފުރުޞަތުތަކުގައި އެކި ގޮތްގޮތަށް، މި އަންނަނީ އެހީވަމުން. އަޅުގަނޑުމެންގެ އަޑު އިއްވެން އޮތް ގޮތަކަށް އިއްވަމުން. އެހެންނަމަވެސް، އެ މަސައްކަތް އެއަށްވުރެ މަތީ ފަންތިއަކަށް ގެންދަން އެބަޖެހޭ.
މިހާރު ދުނިޔޭގައި، މީގެ ކުރިން ފަލަސްޠީނާ އެކީގައި ވާހަކަ ނުދައްކާ ތިބި ފަރާތްތަކުންވެސް، ފާޅުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ތެދުވެ މަސައްކަތް ކުރާތަން ފެނޭ. އެއީ، ލިބޭ ވަރަށް ބޮޑު ހިތްވަރެއް.
އަޅުގަނޑުމެންގެ މަސައްކަތްވެސް އިތުރު ހަރުފަތްތަކަކަށް މިއަދު ގެންދަންޖެހޭ. މިއީކީއެއް ދެ ޤައުމެއްގެ ދޭތެރޭގައި އޮތް މައްސަލައެއް ނޫން. މިއީ، އިސްލާމީ އުއްމަތަށް ކުރިމަތިވެފައި އޮތް ބޮޑު ކަމެއް. އަޅުގަނޑުމެންނަކީ މުސްލިމުން. މުސްލިމުންގެ ސިފަޔަކީ، އެއް މުސްލިމަކަށް ދިމާވާ ކޮންމެ ކަމެއްގައި މުޅި އުންމަތް ޝާމިލްވުން. އެއީ، ދީނުގައި ކަން އޮތްގޮތް. ހަށިގަނޑުގެ އެންމެ ކުޑަ ތަންކޮޅަކަށް ތަދުވިޔަސް، މުޅި ހަށިގަނޑު އެކަމުގައި ވޭންއަޅާނެކަން، މިސާލެއްގެ ގޮތުގައި އިސްލާމްދީނުގައި އަޅުގަނޑުމެންނަށް ދަސްކޮށްދީފައި އޮންނަނީ. އެއީ، މުސްލިމް އުންމަތުގެ ސިފަޔަކީ.
އެހެންވީމާ، މިއީކީއެއް ފަލަސްޠީނާއި އިޒްރޭލާ ދޭތެރޭގައި އޮތް މައްސަލައެއް ކަމަށް ބަލައި، އަޅުގަނޑުމެން ލޯމަރައިލައިގެން ތިބެގެން ނުވާނެ. މިއީ، އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެވެސް ޙައްޤެއް. ޒިންމާއެއް. މަސްއޫލިއްޔަތެއްގެ ގޮތުގައި ބަލަން އެބަޖެހޭ. ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް، ހުރިހާ ކަމެއް ކޮށްދިނުން. ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭ ކަމެއް މިއީ.
އަޅުގަނޑުމެންނަށް اللهُ سُبْحَانَهُ وَتَعَالَى ނިޢުމަތް ދެއްވަނީ، އެ ނިޢުމަތް ޒިންމާދާރުކަމާ އެކީގައި، ބޭނުންކުރުމަށްޓަކައި. މިއީ، އިމްތިޙާނެއް. އިމްތިޙާނުގައި ފާސްވަނީ، އެ އިމްތިޙާނުގައި ކަންކަން ރަނގަޅު ގޮތުގައި ކުރުމަށް އެނގޭ ފަރާތްތައް. ކަންކަން ދިމާވާ ވަގުތު، އެ މީހެއްގެ ހުރި ސިފައެއް ފެންނާނީ. މިއޮތީ އަޅުގަނޑުމެން މުސްލިމުންގެ ކުރިމަތީގައި މި ވަގުތު އޮތް އެންމެ ބޮޑު މައްސަލަ، މީގެ ކުރީގައި ބޮޑުނުވާވަރަށް، ބޮޑުވެފައި. ފަލަސްޠީނުގެ ރައްޔިތުންނަށް މިވަގުތު އަޅުގަނޑުމެންގެ އެހީތެރިކަން ނުދީފިނަމަ، ދެން އަޅުގަނޑުމެން ދައްކާނެ އެހެން ވާހަކައެއް މިކަމުގައި، ނޯންނާނެ.
ދިވެހި ރައްޔިތުން، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން، އެއް ކަމެއްގައި އެކައްޗެއް ކިޔާ ކަމެއް މިކަމަކީ. އެހެންވީމާ، ހުރިހާ ރައްޔިތުން، ކޮންމެ ދިމާއެއްގައި ތިއްބަސް، ކޮންމެ ޕާޓީއެއްގައި ހުއްޓަސް، ކޮންމެ ވިސްނުމެއްގައި ހުއްޓަސް، މިއީ އެކައްޗެއް ކިޔާ ކަމެއް.
އެހެންވީމާ، މިއަދު ހުރިހާ ރައްޔިތުން ނުކުމެވަޑައިގެން، މި ޓެލެތޯނުގައި ބައިވެރިވެވަޑައިގަތުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އަދި ޔަގީންވެސް ކުރާ ކަމެއް. މި ޓެލެތޯނުގައި މިރޭ 12 ޖަހަންވާއިރަށް މި އެއްކުރެވޭ ފައިސާ، ދެންމެ ވަރަށް ތަފްސީލުކޮށް ޕީ.އެސް.އެމް.ގެ އެމް.ޑީ. އަދި ފޮރިން މިނިސްޓަރ އެ ތަފްޞީލް ދެއްވި ފަދައިން، ވަރަށް ޒިންމާދާރުކޮށް، ޓްރާންސްޕޭރަންޓްކޮށް، އިރާދަކުރެއްވިއްޔާ މިކަން ކުރުމަށް ނިންމާފައި މިވަނީ. ސީދާ ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް ފައިސާގެ އެހީ ލިބޭގޮތަށް، ފޯރުކޮށްދޭ ގޮތަށް.
އެހެންވީމާ، މުއްސަނދިން، ވިޔަފާރިވެރިންވެސް، އަދި އެންމެ އާދައިގެ މީހާވެސް، މިއަދު އެފަރާތަކަށް ވެދެވެން އޮތް އެހީއެއް ވެދިނުމަކީ އަޅުގަނޑު އެދޭ ގޮތެއް.
މީގެ ކުރިން ބޭއްވުނު ޓެލެތޯނުތަކާއި، ހަރަކާތްތަކުގައި ވަރަށް ލާމަސީލު އެހީތެރިކަމެއް ހުރިހާ ރައްޔިތުން ދެއްވި. އެހެންނަމަވެސް، އެއަށްވުރެވެސް ބޮޑެތި އަދަދުތަކުން ފައިސާ މިއަދު ދެއްވާނެ ކަމަށް ޔަގީންކުރަން. މިއަދު މި އެއްކުރެވޭ ފައިސާއިން، މާނަހުރި ބަދަލެއް ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުމަށް އަޅުގަނޑުމެންނަށް ގެނެސްދެވޭނެ ކަމަށް، ޢާއިލާތައް މިހާރު އެ އުޅެމުންދާ ނިކަމެތި ހާލަތުން އަރައިގަތުމަށްޓަކައި ކޮންމެވެސް ކަންތައްތަކެއް އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަމަށްވެސް ޔަގީންކުރަން.
އަޅުގަނޑަށް ޔަގީން، އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން މިކަމުގައި މިއަދު ލާމަސީލު މިސާލެއް ދައްކަވާނެ. ދިވެހި ރައްޔިތުން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައި ކަން ވަރަށް ފުރިހަމަކަމާ އެކީގައި، މިއަދު ސާބިތުކޮށްދެއްވާނެ ކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.
އެހެންވީމާ، އެކަމަށް ހިތްވަރު ދެމުން، އެކަމަށްޓަކައި ވަރަށް ބޮޑަށް ގޮވާލަމުން، އަޅުގަނޑު ވަކިވެލާނަން. އަޅުގަނޑު ޔަގީންކުރަނީ، މި ދެންނެވި ފަދައިން މިއަދަކީ ތާރީޚުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް އަޅުގަނޑުމެން އެންމެ ބޮޑަށް އެހީތެރިކަން ދޭ ދުވަހުގެ ގޮތުގައި ހައްދަވައި ދެއްވާނެ ކަމަށް.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ، މުސްލިމުންނަށް ދިމާވާ ހާލަތްތަކުގައި، ދީލަތިކަމާ އެކީގައި، އެހީތެރިކަން ދިނުމުގައި ކާމިޔާބު ލިބޭ ބައެއް ކަމުގައި ލެއްވެވުން. އާމީން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.