ވިޔަފާރި ކުންފުނިތަކުންނާއި ވިޔަފާރި ކުރައްވާ ހުރިހާ ފަރާތްތަކަކުންވެސް، ވިޔަފާރީގެ އިޖްތިމާޢީ މަސްއޫލިއްޔަތު އަދާކުރެއްވުން އިތުރަށް ވަރުގަދަ ކުރައްވައި، ފުރިހަމަ ކުރެއްވުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުވައިދޭ އެންމެ ބޮޑު ކުންފުނި، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔޫ.އެސް.ސީ.)ގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، އެމް.ޑަބްލިޔޫ.އެސް.ސީ.އަކީ ދީނީ، އިންސާނީ، އަދި އަޚްލާޤީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އަދާ ކުރާ ކުންފުންޏެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ބޯފެން އުފައްދާ އެންމެ ބޮޑު ކުންފުނީގެ ގޮތުން، މިފަދަ އިންސާނީ ޚިދުމަތެއް ފޯރުވައިދިނުމުގައި، ފައިދާ ހޯދުމުގެ އިތުރުން، ރައްޔިތުންގެ ހެވާ ލާބައަށް ރިޢާޔަތް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ޚާއްޞަ ގޮތެއްގައި ޤައުމުގެ ނިކަމެތިންނާމެދު ވިސްނަވައި، ކުންފުނީގެ އިޖްތިމާޢީ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ގޮތުން ކުރައްވާ ކަންތައްތައް އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ބޯފެނުގެ މުހިންމު ކަމާއި، ސާފު ބޯފެން ނުލިބުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ކުރިމަތިވަމުންދާ ޞިއްޙީ އަދި ސިޔާސީ ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ސާފު ބޯފެނާ ނަރުދަމާގެ ޚިދުމަތަކީ، މިހާރުގެ ޤާނޫނުއަސާސީއިން ހުރިހާ ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ޙައްޤެއް ކަމަށާއި، މި ޚިދުމަތް ހުރިހާ އެންމެންނަށް ލިބޭނެ ގޮތް ފަހިކޮށްދިނުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ މި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ސާފު ބޯފެން ލިބޭނެގޮތް އިންތިޒާމްވެގެންދިޔަކަން ފާހަގަކުރެއްވިއެވެ. އަދި އާބާދީގެ ބާކީ ބަޔަށް ސާފު ބޯފެނުގެ ޚިދުމަތް އަވަހަށް ލިބޭނެ ގޮތެއް ހެދުމަށްޓަކައި އެމް.ޑަބްލިޔޫ.އެސް.ސީ. ފަދަ ފެނުގެ ޚިދުމަތް ފޯރުވައިދޭ އިތުރު ކުންފުނިތައް އުފައްދަވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއިން އެއްވެސް ކުންފުންޏަކުންވެސް އެ ކުންފުންޏެއް އުފެދިފައިވާ ސަބަބާއި ކުންފުނީގެ އަޞްލު މަޤްޞަދު ހަނދާން ނައްތާނުލުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

މި ޙަފްލާގައި ވޭތުވެދިޔަ އަހަރު އެކި ގޮތްގޮތުން ފާހަގަކުރެވުނު ޚިދްމަތްތެރި މުވައްޒަފުންނަށް އަހަރީ އެވޯޑް ދެއްވީ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. ދިގު މުއްދަތަކަށް ޚިދްމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑު ދެއްވީ ކުންފުނީގެ ޗެއަރޕާރސަން ނީޒާ ޢިމާދެވެ. އަދި ޚިދްމަތުގެ އަގު ވަޒަން ކުރެއްވުމުގެ ސެޓްފިކެޓްތައް ދެއްވީ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ މުޙަންމަދު އަޙްމަދު ދީދީއެވެ.