ރާއްޖޭގެ އިޖްތިމާޢީ ހަމަޖެހުމާއި އެއްބައިވަންތަކަމާއި އަމާންކަމަށްޓަކައި ފުލުހުން ކުރައްވާ މިންނެތް މަސައްކަތުގައި، އެއްބާރުލުން ދެއްވުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، ފުލުހުންގެ 77 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ޕޮލިސް ވެހިކަލް ގަރާޖުގައި މިރޭ ބޭއްވެވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުލުހުންގެ ޚިދްމަތުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، ރާއްޖޭގެ ފުލުހުންނަށްވެސް އަދި ސިފައިންނަށްވެސް ސަރުކާރުން ފޯރުވައިދެއްވަން މިހާރު ބޭނުންފުޅުވާ އެންމެ އަގުހުރި އެއްޗަކީ، ރީތިނަމާއި ޤަދަރާއި، އެންމެންގެ ލޯތްބާއި އިޙްތިރާމާއި އިތުބާރު ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އެއްވެސް ފުލުހެއް ނުވަތަ ސިފައިންގެ މީހެއް، ނޫނީ ނަރުހެއް، ކަސްޓަމްސްގެ ނުވަތަ އިމިގްރޭޝަންގެ އަދި ޔުނިފޯމް އެއްވެސް މުވައްޒަފަކު، ޔުނިފޯމްގައި ހުންނަވައި، ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ޚިދްމަތަށް އެދިވަޑައިގެންފިނަމަ، އެބޭފުޅަކަށް ބޭނުންފުޅުވާ ޚިދްމަތެއް، އިޙްތިރާމާއެކު އަވަސްކޮށްދެއްވުމުގެ އިންތިޒާމެއް ހުރިހާ އޮފީސްތަކެއްގައިވެސް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، އަމިއްލަ ފަރާތްތަކުންވެސް އެ ނަމޫނާ އާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި އެއްވެސް ތަނެއްގައި އެއިން ބޭފުޅަކު ކިޔޫ ޖެހިވަޑައިގެންފިނަމަ، އެބޭފުޅަކަށް ޖާގަ އިސްކުރެއްވުމުގައި ދީލަތިވެލެއްވުމަށާއި، ޢުމުރުން ދުވަސްވީ މީހުންނާއި، ވަކިން ޚާއްޞަކޮށް، މާބަނޑު އަންހެނުންނާމެދުވެސް މިއަޚްލާޤު ދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ފުލުހުންގެ މަސައްކަތުގައި ހޯދިފައިވާ ބައެއް ކާމިޔާބީތައް ފާހަގަކުރައްވަމުން، ރާއްޖޭގައި އާދަވެ އަށަގެންފައިވާ އިޖްތިމާޢީ ނުރަނގަޅު އާދަތަކާއި، ދިރިއުޅުން ތޮއްޖެހިފައިވާ މިންވަރު މިނެފިނަމަ، އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި، މުޅި ޤައުމުގެ ކްރައިމްރޭޓް އެދަރަޖައަށް ދަށްކުރެވުނުކަމީ، ވަރަށް އަގުހުރި ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިމަސައްކަތުގައި ދެމިތިއްބަވާއިރު، ރައްޔިތުންނާމެދު އޯގާތެރިކަމާއި ކުލުނު އިސްކުރެއްވުމަށް ރާއްޖޭގެ ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ފުލުހުންގެ މަސައްކަތުގައިވެސް ގޮންޖެހުންތަކާއި ދަތިތައް ހުރިފަދައިން، ސަރުކާރުގެ ކުރިމަތީގައިވެސް ދަތިތަކާއި ގޮންޖެހުންތައް އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި އުނދަގުލާއި ބުރަ އުފުލުމަށްވުރެ، ދެމެހެއްޓެނިވި ގޮތެއްގައި ކަމެއް ކާމިޔާބު ކުރުމަށް ފަސޭހަ އެހެން އެއްވެސް ގޮތެއް ނޯންނަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ކަންކަން ކާމިޔާބު ކުރުމަށްޓަކައި ދަތި އުނދަގޫ މާޙައުލަކުން އެލިބޭ ހިތްގައިމުކަމާއި އުފާ އެނގިވަޑައިގަންނަވާނީ، އެކަން ތަޖްރިބާ ކުރައްވާ ބޭފުޅުންނަށް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން، އެ ތަޖްރިބާ ކޮށްލުމުން ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން، ޢާންމު މަޞްލަޙަތާއި، މުޖްތަމަޢުގެ ހަމަޖެހުމާއި އަމާންކަން ދިފާޢު ކުރުމަށް، މިއަށްވުރެ ވަކި ރަން ޒަމާނެއް ދިވެހި ފުލުހުންނަކަށް އަދި ސިފައިންނަކަށްވެސް މީގެފަހަކުން ނުލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދޫދެއްވައިގެން، މި ސަރުކާރު އޮތްނަމަވެސް، އެނަމުގައި ކުށްކުރާ މީހުންނަށް ދޭންނުޖެހޭ ދޫދީގެން އިތުރަށް ތިބެވެން ނެތް ކަމުގައި ވިދާޅުވިއެވެ. އަދި އެމީހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކަމުގައިވިޔަސް، ހަރުކަށި ވިސްނުމުގެ ޚިޔާލުފާޅުކުރާ މީހަކު ކަމުގައިވިޔަސް، ޤާނޫނާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ، އެފަރާތްތަކާމެދު ހަމަހަމަ އުޞޫލުން ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޑިމޮކްރަސީއާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ޤާނޫނު ވެއްޔާ މޮޑެލުމަށް އޮތް ފުރްޞަތެއް ކަމުގައި ދެކެވަޑައިނުގެން، އެމީހުންގެ ޢަމަލުތައް ޤާނޫނުގެ އިމަށާއި، ހަމަ ބުއްދީގެ ޗާޓަށް ފެއްތުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުންވެސް ރާއްޖޭގެ ތަރައްޤީގައި ޙިއްޞާކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެފަރާތްތަކުން ސަރުކާރުން ފޯރުއްވައިދެއްވޭނެ އެންމެހާ ވަސީލަތްތަކާއި ޢިނާޔަތްތައް، ސަރުކާރުގެ ފޯރުންތެރިކަން އެހިނދަކަށް އިތުރުވި މިންވަރަކުން އިތުރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ޤާނޫނުއަސާސީއާއި ފުލުހުންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ފުލުހުންގެ ވާޖިބު އަދާކުރެއްވުމަށާއި، ފުލުހުންގެ މަސައްކަތަށް ހުރަސްއެޅޭފަދަ ގޮތަކަށް އިރާދަކުރެއްވިއްޔާ ޤާނޫނީ އޮނިގަނޑު ބައްޓަންވެގެންދިޔަ ނުދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދިވެހި ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ހަމައެއާއެކު، މިފަދަ ކަންކަމާ ކަންބޮޑުވެވަޑައިނުގެން، ފުލުހުންގެ ވާޖިބު އަދާކުރެއްވުމުގައި، ސާބިތުކަމާއެކު ދެމިތިއްބެވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އެއްވެސް ކަމެއްގައި ހަރުކަށިކަން އިސްނުކޮށް، އޯގާތެރިކަމާއި ކެތްތެރިކަމާއެކު މުޢާމަލާތް ކުރުމަކީ، ސަރުކާރުން ކޮންމެހެން ހިފަހައްޓަވަން ބޭނުންވާ ސިފައެއް ކަމަށާއި، ފުލުހުންނަށް ޖިސްމާނީ ގެއްލުންދީ، އެމީހުންގެ ސަފުތައް ރޫޅާލުމަށް ޢަދާވާތްތެރިކަން އިސްކުރުމަށް ދޫކޮށްލުމަކީ، ބަލަން ތިބެވޭނެ މަންޒަރެއް ނޫން ކަމަށާއި، އެއީ އެއްވެސް ޤާނޫނީ ދައުލަތެއްގައި ހުސްވާން ދޫކޮށްލެވޭނެ ޖާގައެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުލުހުންގެ 77 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މިރޭ ބޭއްވެވި ޚާއްޞަ ޖަލްސާގައި، 2010 ވަނަ އަހަރުގެ ބިޒްނަސް ޕްލޭނާއި، ޕޮލިސް ލައިފްގެ އަހަރީ ނަންބަރު ނެރުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. އަދި ވޭތުވެދިޔަ އަހަރު ފުލުހުންނަށް އެކިގޮތްގޮތުން ޚިދްމަތްކޮށްދެއްވި ފަރާތްތަކަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޤަދަރު އުފުލިގެންދާފަދަ ގޮތެއްގައި އިޖްތިމާޢީ، އިންސާނީ ޚާއްޞަ ޚިދްމަތެއް ކޮށްދެއްވި ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ހަނދާނީ ފިލާ ދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޕޯސްޓަރ ކުރެހުމުގެ މުބާރާތުން 1 ވަނަ ހޯދި ދަރިވަރު އަޙްމަދު އިޔާޝްއަށް ތަށްޓާއި ސެޓްފިކެޓް ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް މުޙަންމަދު ޝިހާބެވެ.