ރަޝިޔާގެ މޮސްކޯގެ މެޓްރޯއަށް އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާތަކެއްގައި، ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމް ވުމާ ގުޅިގެން، ރަޝިޔާގެ ރައީސް ޑިމިޓްރީ މެޑްވެޑޭވަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ރަޝިޔާގެ ރައީސަށް ފޮނުއްވި މި މެސެޖްގައި ޓެރަރިޒަމްގެ މި ޢަމަލު، ދިވެހި ސަރުކާރާއި ރައްޔިތުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެ، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި، ރައީސް މެޑްވެޑޭވަށާއި، ރަޝިޔާގެ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މޮރޮކޯގައި ހިނގި ގްލައިޑަރ އެކްސިޑެންޓެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް އަދި އަބޫދާބީގެ ރޫލަރ ޝައިޚް ޚަލީފާ ބިން ޒައިދު އަލް-ނަޙްޔާންގެ ކޮއްކޯފުޅު، ޝައިޚް އަޙްމަދު ބިން ޒައިދު އަލް-ނަޙްޔާން، އަވަހާރަވުމާ ގުޅިގެން ޝައިޚް ޚަލީފާ ބިން ޒައިދު އަލް-ނަޙްޔާނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޝައިޚް އަޙްމަދަކީ އަބޫދާބީ އިންވެސްޓްމަންޓް އޮތޯރިޓީގެ މެނޭޖިންގ ޑައިރެކްޓަރެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 41 އެވެ.