ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުޞަތު ހުޅުއްވާލެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، 2006 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ މަސްވެރިކަން އާދަޔާ ޚިލާފަށް ދަށްވެފައިވާތީ، ރާއްޖޭގެ މަސްވެރިކަމުގެ ޙާލަތު މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށް ކުރެއްވިދާނެ އެއްކަމަކީ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ، އަތޮޅުތަކުގެ ބޭރުދުނީގެ ފުއްޓަރުން ފެށިގެން 100 ނޯޓިކަލް މޭލުން ފެށިގެން 200 ނޯޓިކަލް މޭލު ފުޅާ ކަނޑުގެ ސަރަޙައްދުގައި ރީނދޫ އުރަހަކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނުމަސްވެރިކަން ކުރުމަށް ދިވެހި މަސްވެރިންނާއި ކުންފުނިތަކަށް ހުޅުވާލެއްވުންކަން މެންބަރުން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި ކުރެވޭ ކަޅުބިލަމަހުގެ މަސްވެރިކަމުގައި އެވްރެޖްކޮށް 22 އިންސައްތަ ޙިއްޞާކުރާ ޤައުމެކެވެ. ނަމަވެސް، އިންޑިއާ ކަނޑުގައި ބާނާފައިވާ ކަންނެލީގެ ތެރެއިން ދިވެހިރާއްޖެ ޙިއްޞާކުރާ މިންވަރަކީ އެވްރެޖްކޮށް 5 އިންސައްތައެވެ. އެހެންކަމުން، ދިވެހިރާއްޖެއިން ކަންނެލީގެ މަސްވެރިކަން އިތުރަށް ފުޅާކުރުމަކީ މުހިންމު ކަމެއް ކަމާއި، އެހެނީ ކަޅުބިލަމަހާއި އަޅާބަލާއިރު، ކަންނެލީގެ އަގު ބާޒާރުގައި މާ ބޮޑުތަންވެސް ބޮޑުވެފައި މަސްވެރިންނަށް އެއިން ލިބޭނެ ނަފާ، އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށްވެސް މެންބަރުން ދެކެވަޑައިގަންނަވައެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުޞަތު ހުޅުއްވާލެއްވުމުން އެކަން ކުރަންޖެހޭނީ، ދިވެހި ބޯޓުފަހަރުގައި ދިވެހިން ކަމަށާއި، މަސްގަންނަން ޖެހޭނީ ރާއްޖެއަށް ކަމަށް ހަމަޖެއްސެވުމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.
ލޭނު މަސްވެރިކަން ކުރުމަށް ކަނޑައަޅުއްވާ އުޞޫލުތަކާއި، އެކަމުގެ އިތުރު ތަފްޞީލު، އަންނަ ހަފްތާގެ ތެރޭގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން އިޢްލާނު ކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ.
މިއަދުގެ ޖަލްސާގައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ދާއަޅައިގެން މަސްވެރިކަން ކުރެވިދާނެ އުޞޫލުތަކަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި އިއްޔެ ނިމުނު ޑޯނަރސް ކޮންފަރެންސާބެހޭ މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ދެއްވައި، އެކަމާބެހޭ މަސައްކަތްތައް ގެންދަންވީގޮތާ ބެހޭގޮތުން މެންބަރުންނާ މަޝްވަރާ ކުރެއްވިއެވެ.