ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފިންލެންޑުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މިސްޓަރ ސައުލީ ނީނިސްތޯއާއި، ޚާރިޖީ ވަޒީރު މިސްޓަރ އެލެގްޒެންޑަރ ސްޓަބާއި، އެޤައުމުގެ ކުރީގެ ރައީސް މާޓީ އަހްޓިސާރީއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ފިންލެންޑުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު، ފިންލެންޑުގެ ޚާރިޖީ ވަޒީރު މިސްޓަރ އެލެގްޒެންޑަރ ސްޓަބާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާބެހޭގޮތުންނާއި، ޞަރަހައްދީ މައްސަލަތަކާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމުގައި ޔޫރަޕްގެ އިއްތިހާދުގެ ބައިވެރިވުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބަރުމާގެ ވާދަވެރި ލީޑަރު އަންގ ސަން ސޫޗީ ބަންދުގައި ބަހައްޓަމުން ގެންދާތީ، އޭނާ ވީހާވެސް އަވަހަކަށް މިނިވަން ކުރުމަށް ރާއްޖެއިން ގޮވާލަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުންތަކުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާވަނީ ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ ފިންލެންޑުގެ ކުރީގެ ރައީސް މާޓީ އަހްޓިސާރީއާވެސް ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް އަހްޓިސާރީގެ "ކްރައިސިސް މެނޭޖްމަންޓް އިނިޝިއަޓިވް" އާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. "ކްރައިސިސް މެނޭޖްމަންޓް އިނިޝިއަޓިވް"އަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ޞުލްޙަ ޤާއިމުކޮށް މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރެއްވުމަށް 2000 ވަނަ އަހަރު ރައީސް އަހްޓިސާރީ ޤާއިމުކުރެއްވި އަމިއްލަ ޖަމާޢަތެކެވެ.