ޖަރުމަނުވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޔެންސް ޕްލޯޓްނަރ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރިގުޅުމާއި މިގުޅުން އިތުރަށް ބަދަހި ކުރެއްވުމާބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތަށް ދަތުރުފުޅެއް ކުރައްވާގޮތަށް ހަމަޖެހިފައިވުމާއެކު އެދަތުރުފުޅުގެ ތަފްޞީލް މިސްޓަރ ޕްލޯޓްނަރ، ރައީސް ނަޝީދަށް އެރުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއި އިބްރާހީމް ޙުސައިން ޒަކީއާއީ ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފް ބައިވެރިވެވަޑައިގެންނެވިއެވެ.