ސިޔާސީ ވާދަވެރިކަމެއްގެ ތެރޭގައި ރަށަށް ގެއްލުންވާ ބާވަތުގެ ކަންކަން ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިލަދުންމަޑުލު ދެކުނުބުރީ މަނަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ހުރިހާ ފަރާތްތައް މަޝްވަރާ ކުރައްވައިގެން ކަންކަން ރަނގަޅު މަގަކަށް ގެންގޮސް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުން ނޭދޭ ގޮތަކަށް، އެހެން އަތަކަށް ކަންތައްތައް ގެންދަވަން ބޭނުންފުޅު ނުވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ތަޢްލީމަށް ދެއްވަމުން ގެންދަވާ ޚާއްޞަ ސަމާލުކަމުގެ މައްޗަށާއި، ތަޢްލީމީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސްކޫލުތަކުގެ ބޯޑުތައް އެކުލަވާލައްވައި، ބޯޑުތަކަށް ސްކޫލް ހިންގުމުގެ ވަރަށް ބޮޑު ބާރެއް މިހާރު ދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދަރިންނަށް ކިޔަވައިނުދީ ލިބޭނެ އެއްވެސް ތަރައްޤީއެއް ނޯންނާނެ ކަމަށާއި، ކުދިންގެ ނަތީޖާ ރަނގަޅު ނުކުރެވެނީ ޚަރަދު ނުކުރާތީ ނޫން ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދަތުރުފަތުރުގެ ނިޒާމުން މިލަދުންމަޑުލު އުތުރުބުރީގެ ރަށްތައް ގުޅާލުމުގެ މަސައްކަތް ގޮސްފައިވާ މިންވަރުގެ މައްޗަށާއި، ބޯހިޔާވަހިކަން ފޯރުއްވައިދެއްވުމަށް ކުރައްވާ މަސައްކަތްތައް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަދި ރަށްރަށުގެ އިންޖީނުގެތައް ޔުޓިލިޓީޒް ކުންފުނިތަކުން ހިންގަން ފެށުމުން ލިބޭނެ ފައިދާތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، އެމަނިކުފާނު އަރިހުގައި ސުވާލު ދެންނެވުމުގެ ފުރުޞަތު ރައްޔިތުންނަށް ހުޅުއްވާލެއްވިއެވެ. އަދި ރައްޔިތުން ދެންނެވި ސުވާލުތަކަށް ރައީސް ޖަވާބު ދެއްވައި، ރައްޔިތުން އެދޭ ކަންތައްތައް ކުރިއަށް ގޮސްފައިވާ ގޮތުގެ މަޢްލޫމާތު ދެއްވިއެވެ.