ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު މަރޮށްޓަށް ވަޑައިގެން، މަރޮށީ ރައްޔިތުންނާ ބައްދަލުކުރައްވައި، ސަރުކާރުން ރައްޔިތުންގެ ފައިދާއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށާއި، ހިންގަވާ ޕްރޮގްރާމްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން މަދަނަ ޕްރޮގްރާމްގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، ސަރުކާރުން ބޭނުންފުޅުވަނީ، މިޕްރޮގްރާމްގައި ބައިވެރިވެވޭނެ ގޮތެއް އެންމެންނަށްވެސް ހޯއްދަވައިދެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަށްރަށުގެ އިންޖީނުގެތަކަށް ދިމާވެފައިވާ މައްސަލައިގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ލިބޭ އެއްޗަކުން ޚަރަދު ހަމަޖެއްސޭ އިންޖީނުގެތައް އަދިވެސް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ ސިޔާސަތަކީ އިންޖީނުގެތައް ޔުޓިލިޓީޒް ކުންފުނިތަކުގެ ދަށުން ހިންގަވަން ފެށްޓެވުން ކަމަށާއި، މިގޮތަށް ފެށްޓެވީމާ ކަރަންޓްގެ އަގަށް ބަދަލެއް އަތުވެދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަރޮށީ ބަނދަރު ހެއްދެވުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުގެ މައްޗަށް ބައްލަވާލައްވައި، ކަމާބެހޭ މިނިސްޓްރީތަކާ ވާހަކަފުޅު ދައްކަވައިގެން، އެކަން ޙައްލު ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރަށު މަދަރުސާއާއި ޞިއްޙީ މަރްކަޒުގެ ކަންތައްތައް ރަނގަޅު ކުރެއްވުމަށްވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވުމަށް ފުރްޞަތު ހުޅުއްވާލެއްވިއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުން ދެންނެވި އެކި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.