ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އުތުރުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީ ގޮއިދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މިއަދު މެންދުރު ބައްދަލުކުރައްވައިފިއެވެ.

ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ރަށްރަށަށް ޒިޔާރަތް ކުރެއްވުމުން ލިބިވަޑައިގަންނަވާ އެންމެ ބޮޑު ފިލާވަޅަކީ އަދި އުފާފުޅަކީ، އެރަށެއްގައި ހުންނަވައިގެން އެރަށަކާ ގުޅޭގޮތުން ނަޒަރު ހިންގެވުމަށް ލިބިވަޑައިގަންނަވާ ފުރްޞަތު ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަށްރަށުގެ އިންޖީނުގެތައް ޕްރޮވިންސްގެ ޔޫޓިލިޓީ ކުންފުނިތަކުގެ ދަށުން ހިންގެވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެ ސިޔާސަތު އެގޮތަށް ކަނޑައަޅުއްވާފައިވަނީ، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި އިންޖީނުގެތައް އުފެދި ހިނގަމުން އައިސްފައިވާ ގޮތާއި، އިންޖީނުގެތަކަށް ދިމާވެފައިވާ މައްސަލަތަކާއި، އެކަމުގެ ސަބަބުން ރަށްރަށުގެ ތަރައްޤީއަށް ހުރަސްއެޅޭ މިންވަރާއި، މިކަންކަން ވަރަށް ބޮޑަށް ދިރާސާ ކުރައްވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ޕްރޮވިންސްގެ ހުރިހާ ރަށެއްގައި ހުރި ހުރިހާ އިންޖީނުގެތައް އެއް ކުންފުންޏެއްގެ ދަށުން ހިންގުމުން، އިންޖީނުގެތައް ތަރައްޤީ ކުރުމަށާއި، އިންޖީނުގެތައް ރަނގަޅަށް ހިންގުމަށާއި، ހަމަ އަގެއްގައި ކަރަންޓް ދިނުމަށްވެސް ފަސޭހަވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި އުޞޫލުން އިންޖީނުގެތައް ހިންގެވުމުގެ ކަންތައް ހަމަޖެހުމުން، ކަރަންޓް ބިލު ދެއްކުމަށް ދަތިވާ ފަރާތްތަކަށް، މާލެއެކޭ އެއް އުޞޫލުން ސަބްސިޑީ ދިނުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގޮއިދޫ އިންޖީނުގެ، ޔޫޓީލިޓީ ކުންފުނީގެ ދަށަށް ގެންދިޔުމާމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ސަރުކާރުން ކޮންމެ ރަށެއްގައި ކުރައްވާ ކޮންމެ ކަމެއްވެސް ކުރައްވަމުން ގެންދަވާނީ، ރަށްރަށުގެ ރައްޔިތުންނާ މަޝްވަރާ ކުރައްވައި، ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލުގެ މައްޗަށް ބިނާކުރައްވައިގެން ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުން ނޭދޭ ކަމެއް ސަރުކާރުން ނުކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތައް ފުއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށާއި، އެކަންކަމުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އަންނާނެ ހެޔޮ ބަދަލުތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.