ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަންއަށް ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ. މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމީ ޙަރަކާތްތައް ކުރިޔަށް ދިޔައީ މިއަދު ޖުމްހޫރީ މައިދާނުގައެވެ.

ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ރަސްމީ ފާލަމުން މާލެއަށް ފައިބައި ވަޑައިގެންނެވުމުން އެދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އެއަށްފަހު، އެ ބޭފުޅުން ވަނީ ރާއްޖޭގެ ސްކޫލް ކުދިން އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ހުށަހަޅައިދިން އައިޓަމެއް ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާ ސޭޝެލްސްގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް އިން 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ދިވެހިރާއްޖެއާއި ސޭޝެލްސްއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ސޭޝެލްސްގެ ރައީސްގެ ޝަރަފުގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، އެ ފެންވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ސޭޝެލްސްގެ ރައީސަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި ސޭޝެލްސްގެ ރައީސް ، އެމަނިކުފާނުގެ އަރިހުގައި ރާއްޖެވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތައްފަހު ސޭޝެލްސްގެ ރައީސް‏ ވޭވަލް ރާމްކަލާވަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ހަތްކޮޅުގައެވެ. އަދި ސޭޝެލްސްގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިން ސޮއެކުރައްވާ ފޮތުގައި ވަނީ ސޮއެކުރައްވާފައެވެ.

ސޭޝެލްސްގެ ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ސޭޝެލްސްއާ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި، ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ސޭޝެލްސްގެ ރައީސްގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެންދުރުގެ ފަރިއްކޮޅެއްވެެސް މިއަދު މެންދުރުފަހު އޮންނާނެއެވެ.