ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެވަޑައިގެންފިއެވެ. ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށެވެ.

ސޭޝެލްސްގެ ރައީސްގެ ދެކަނބަލުންނާއި އަދި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަށް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު (ނ.ޢ.ޢ.ވ)އެވެ. ސޭޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ ހޯމަ ދުވަހުގައެވެ.

ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަންގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި އެއަށްފަހު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމާއި ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި ގުޅޭގޮތުން މީޑިޔާއަށް މަޢުލޫމާތު ދެއްވުމަށް ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.

ސޭޝެލްސްގެ ރައީސް ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަކީ ދެ ޤައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް މަގުފަހިވެގެން ދާނެއެވެ. ދިވެހިރާއްޖެއާ ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1 ޖުލައި 1980 ވަނައަހަރުގައެވެ.