بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން، ދައުލަތުގެ ވަޒީރުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްބޭފުޅުން، އަދި ޖަލުތައް ބަލަހައްޓަވާ ފަރާތްތަކުގެ ތެރެއިން އިސްބޭފުޅުންނާއި އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް ހަމަ ފާހަގަކޮށްލަން، ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، އަހަރުތަކުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވިއްޖެ. އެނގިވަޑައިގަންނަވާނެ 2018 ގައި ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގަތުމާއެކު، ޖަލުތަކުގެ ކަންތައްތައް ރަނގަޅު ކުރުމަށާއި، ޤައިދީންއާ ދޭތެރޭގައި ޢަމަލުކުރެވޭ ގޮތްތައް ރަނގަޅުކުރުމަށްޓަކައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަން ފަށައިފައިވޭ.

މީގެތެރެއިން އެންމެ އިސްކަމެއް ދެވުނު މަސައްކަތަކީ، ޤައިދީން އަނބުރާ މުޖުތަމަޢަށް ގެނައުން. އެނގިވަޑައިގަންނަވާނެ، ދެންމެ ކޮމިޝަނަރ އޮފް ޕްރިޒަންސް އެ ވިދާޅުވިގޮތަށް، ވަރަށް ހުނަރުވެރި، އިނޮވޭޓިވް ރަނގަޅު ޒުވާނުން މި ޖަލުތަކުގައިވެސް މިތިބީ. އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކަށްވަނީ، ހުރިހާވެސް މަޤްޞަދަކަށްވަނީ، ވީހާވެސް ވަރަކުން އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްގެން، އެއްވެސް މީހަކު ބާކީނުވެ، އަދި އެފަދަ ފަރާތްތައްވެސް މުޖުތަމަޢަށް ގެނައުން.

އަޅުގަނޑު މިއަދު މީގައި ހަމަ ދަންނަވާލަން އޮތީ، އަޅުގަނޑުމެންނަށް ކުރިމަތިން މި ފެންނަ ކަންތައްތަކުންވެސް އެބަ އެނގޭ، އިތުރު ތަޢާރުފެއް ނުވަތަ މާގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް، ކިހާވަރުގަދަ ވިސްނުންތެރި، ހުނަރުން ފުރިފައި ތިބި ބައެއްކަން ޖަލުތަކުގައިވެސް ތިބީ ޤައިދީންގެ ގޮތުގައި.

އަޅުގަނޑުމެންނަށް ޙަޔާތުގައި ލިބޭ ދުވަސްތަކަކީ އެއީ، އަޅުގަނޑުމެން ޢާއިލާއާއެކީ، އުފާވެރިކަމާއެކު އުޅެންޖެހޭ ދުވަސްތައް. ޤައުމުގެ މަސައްކަތްތަކުގައި، އަމިއްލަ މަސައްކަތްތަކުގައި އުޅެންޖެހޭ ދުވަސްތައް. އެއްވެސްގޮތަކަށް ޖަލުތަކުގެ ތޭރިތަކުގެ ފުރަގަހަށް ގޮސްފައި، ޖަލުތަކުގައި ތިބުން، އެއީކީ ނޫން. މިކަމާ ފުންކޮށް ވިސްނަންވީ.

އަޅުގަނޑަށްވެސް އެނގޭ، ޖަލުތަކުގައި މިހާރު ތިބި މީހުންނަކީ ކޮންމެވެސް ސަބަބަކާ ހެދި، ކޮންމެވެސް ކަމަކާ ހެދި ތިބި މީހުން. އަދި އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭވެސް މެ، މީގެ ތެރެއިން ތަފާސްހިސާބުތަކަށް ބަލައިފި ކަމަށްވަންޏާ، ވަރަށް ގިނަ ބަޔަކު ތިބީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި، އެކި ގޮތްގޮތުން. ސަރުކާރުން ގިނަ މަސައްކަތްތަކެއް މިހާރުވެސް އެބަ ކުރެވޭ. ޚާއްޞަކޮށް، މި ޕްރިވެންޝަނަށްޓަކައި. އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ، ކުރެވޭ މަސައްކަތްތަކުން، މި ފަރާތްތަކަށް މުޖުތަމަޢާއެކު އުޅެވޭނޭ މަގު ފަހިވެގެން ދިއުން.

އެނގިވަޑައިގަންނަވާނެ، މި މައްސަލައަކީ، ވަރަށް ބޮޑު މައްސަލައެއް. މިއީކީ އެއް އަހަރު، ދެ އަހަރު، ތިން އަހަރުގެ ތެރޭގައި އަޅުގަނޑުމެންނާ ހަމައަށް އައި މައްސަލައެއް ނޫން. ޒަމާންތަކެއްވެއްޖެ. އެންމެ އެކަށޭނަ ގޮތްތަކަށް ކަންތައްތައް ނުކުރެވުމުގެ ސަބަބުން ކަމަށްވެސް ވެދާނެ. އެހެންނަމަވެސް، މި ކަންތައްތައް ކާމިޔާބު ކުރުމަށްޓަކައި، ކުށް މަދު މުޖުތަމަޢަކަށް ހެދުމަށްޓަކައި ކުށްވެރިން އަނބުރާ ގެންނަންޖެހޭ. މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތް ބޭނުންވާ ކަމެއް. މުޅި މުޖުތަމަޢު އެކީގައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ސަރުކާރާއި، ޖަމުޢިއްޔާތަކާއި އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރެވިގެން ނޫން ގޮތަކަށް، އަޅުގަނޑުމެންނަކަށް މި ކަންތައްތަކެއް ކާމިޔާބެއް ނުވާނެ.

މަދުން ނަމަވެސް، އަޅުގަނޑުމެންނަށް ހަމަ އެބަ އަޑުއިވޭ، އެކިކަހަލަ ކަންތައްތައް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ހިނގައިގެން މިދަނީ. މިކަމުގައި ޒިންމާވާންވީ އަޅުގަނޑުމެން ހުރިހާ އެންމެންވެސް. ކޮންމެ ޢާއިލާއަކުންވެސް މަސައްކަތްތައް ކުރަންވީ ކޮންމެ މީހަކުވެސް މަސައްކަތްތައް ކުރަންވީ، ތިމަންނާގެ ދަރިންނަކީ، އަދި ތިމަންނާމެންނަކީ އެންމެ ރަނގަޅު މީހުންގެ ގޮތުގައި ވެވޭތޯ މަސައްކަތް ކުރަންވީ. އެންމެ އުފާވެރި ދުވަސްތައް ހޭދަކުރަންވާ ވަގުތު، ކުރީގައިވެސް އަޅުގަނޑު މި ދެންނެވި ގޮތަށް، ޢާއިލާ ދޫކޮށްފައި ދިއުމަކީ އެއީ، ވަރަށް ބޮޑު ހިތްދަތި ކަމެއް. ވަރަށް ބޮޑު ހިތާމައެއް. މިހުރީ ފެންނަން، އަޅުގަނޑުމެންގެ ޤައުމުގައި ގިނަގުނަ މަސައްކަތްތަކެއް އެބަ ހިނގާ. ކުރިއަށް ރޭވިފައި އޮތީވެސް ގިނަގުނަ މަސައްކަތްތަކެއް. ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްޤީގެ މަސައްކަތްތައް އެބަދޭ. އަޅުގަނޑުމެން ހަމައެކަނި މި މާފުށްޓަށް، މި ރަށަށް ހަމައެކަނި ބަލައިލި ނަމަވެސް، އަޅުގަނޑުމެންނަށް އެބަ އެނގޭ، ރާއްޖެ އަޅުގަނޑުމެންނަށް ކުރިމަގުގައި ފެނިގެންދާނެ ގޮތް. އަޅުގަނޑުމެންނަށް ޒުވާނުން، މީހުން އެބަ ބޭނުންވޭ. މި މަސައްކަތްތައް ކޮށް، އަޅުގަނޑުމެންގެ ޤައުމު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، ބޭނުންވަނީ އަތްތަކެއް. ހުނަރުވެރި ބައެއް ބޭނުންވަނީ. އެކަމާ ކެރިގެން، ޖޯޝާއެކު އުޅޭނެ ބައެއް. އެހެންވީމާ، ހަމައެކަނި މި މާފުށީގެ މިސާލުންވެސް އަޅުގަނޑުމެންގެ ހިތަށް ވަންނަންވީ، އަޅުގަނޑުމެންނަށް ގަބޫލުކުރެވެންވީ، ކުރާނެ ކަންތައްތައް، ކުރެވިދާނެ ކަންތައްތައް އެބަހުރިކަން.

އެހެންވީމާ، މިއަދުވެސް އަޅުގަނޑު ހަމަ ނަސޭހަތްތެރިވަން، ޚާއްޞަކޮށް، މިއަދު އަޅުގަނޑުމެންގެ ޖަލުތަކުގައި ތިބި ޤައިދީންނަށް، ޢަޒުމާއެކު މަސައްކަތް ކުރާށޭ. އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެންގެ ކޮންމެ މީހެއްގެވެސް ވިސްނުން ހުންނަންވީ އާޚިރަތް ދުވަހަށްޓަކައި. ދުނިޔޭގައި ހެޔޮކަމެއް ކުރުމަށްޓަކައި. ޢާއިލާއަށް އަޅައިލުމަށްޓަކައި. ޤައުމަށްޓަކައި ކަމެއް ކޮށްދެވޭތޯ. އެ ނޫން އެހެން އެއްވެސް ވިސްނުމެއް، އަޅުގަނޑުމެން ގެންގުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެންގެ ގޯސް ވިސްނުމެއް ހުރި ކަމަށްވަންޏާ، އެ ކަންތައްތައް ދޫކޮށްލަންވީ. އެނޫން ގޮތަކަށް އަޅުގަނޑުމެންނަށް ދުނިޔެއެއްވެސް ނުލިބޭނެ. އަޅުގަނޑުމެންނަށް އާޚިރަތެއްވެސް ނުލިބޭނެ.

އާދެ، އަޅުގަނޑު ހަމަ މި ފުރުޞަތުގައި ފާހަގަކޮށްލަން، ކުރީގައި އަޅުގަނޑު މި ދެންނެވި ގޮތަށް 2018 އިން ފެށިގެން ގިނަ ޕްރޮގްރާމްތަކެއް އެބަ ހިންގޭ. އަޅުގަނޑު ޤަބޫލުކުރަން، މީގެ ކުރީގައިވެސް ހުރިހާ ދުވަސްތަކެއްގައިވެސް، ޖަލުތަކުގައި ޤައިދީންނަށްޓަކައި އެކިއެކި ޕްރޮގްރާމްތައް ހިންގޭ. އަބަދުވެސް ބޭނުމަކަށްވެފައި އޮންނަނީ، މުޖުތަމަޢަށް މީހުން ނެރުން. އެއްވެސް ބަޔަކު، އެއްވެސް ސަރުކާރަކުން ޖަލުތަކުގައި މީހުން ބޭތިއްބުމަކީ، އެއީ މަޤްޞަދެއްގެ ގޮތުގައެއް ދެކިފައެއް ނެތް. އަދި ވަކިން ޚާއްޞަކޮށް، މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމެއް، ޖަލުގައި އެކިއެކި ޕްރޮގްރާމްތައް ހިންގައިގެން، އެ މީހުން ނެރުމަށްޓަކައި. އެގޮތުން، މިދިޔަ ދުވަސްތަކުގައި ތަފާތު ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައި އެބަވޭ. އެކިއެކި ހުނަރުގެ ޕްރޮގްރާމްތަކާއި، މަސައްކަތްތައް ދަސްކޮށްދިނުމާއި، އަދި ވަޒީފާތައް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުގެ އެކިއެކި ކުންފުނިތަކާއި އަދި އެކިއެކި އިދާރާތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްވެސް ވަރަށް ކާމިޔާބުކަމާއެކު ފެށިގެންދާކަން އަޅުގަނޑު ހަމަ މި ފުރުޞަތުގައި ފާހަގަކޮށްލަން ބޭނުން.

އާދެ، މިއިން ކޮންމެ ކަމެއްވެސް މި ކުރެވެނީ، އެތައް ބައެއްގެ އެހީތެރިކަމާއި މަދަދުވެރިކަން މިކަމުގައި ލިބިގެން. ޖުމްލަކޮށް އަޅުގަނޑު ހަމަ ޚާއްޞަކޮށް، ރީހެބިލިޓޭޝަން ޕްރޮގްރާމްތަކާއި، އަދި ހުނަރު ޕްރޮގްރާމްތަކާއި، ވަޒީފާގައި އަހުލުވެރިކުރުވުމަށްޓަކައި ހިންގޭ ޕްރޮގްރަމްތަކަށް ދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ހަމަ އެއާއެކު، ޖަލުގެ އޮފިސަރުން، ޕްރިޒަންސްއިން އެކުރެވޭ މަސައްކަތްތައް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިސްނަންގަވައިގެން ކުރެވޭ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށްވެސް ވަކިން ޚާއްޞަކޮށް ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި ހަމަ މިކަމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ކުރައްވާ މަސައްކަތްވެސް ފާހަގަކޮށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ނިންމާލުމުގެ ކުރިން، އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، ޒުވާނުންނޭ ވިސްނުން ބަދަލުކުރަންވެއްޖެއޭ. ކުށްތަކާ ދުރަށްދާން ޖެހިއްޖެއޭ. ހަމައެކަނި އެންމެ މުހިންމު ކަމަކީ، ޢާއިލާއާއި، ދަރިންނާއި، މައިންބަފައިން ކަމުގައި އަޅުގަނޑުމެންގެ އެންމެން ހިތުގެ އަޑިން ޤަބޫލުކޮށް، ޤައުމަށްޓަކައި، ތިމާގެ ޢާއިލާއަށްޓަކައި، ވިސްނައި، އުޅުން މުޅިން ބަދަލުކުރަންވެއްޖެއޭ. އަނިޔާއެއް އެހެން މީހަކަށް ދެވޭ ކަމަށްވަންޏާ، އެކަމުން އޭނާއަށް ކުރާނެ، އެމީހެއްގެ ޢާއިލާއަށް ކުރާނެ އަސަރު، އެ ހިތާމަ، އެ ވޭނާ ދޭތެރޭ ކޮންމެ މީހަކުވެސް މިއަދު ވިސްނާލަންވެއްޖެއޭ. އަޅުގަނޑުމެންގެ ޢާއިލާއަށް، ރައްޓެއްސަކަށް، ތިމާގެ މީހަކަށް ދެރަގޮތެއް މެދުވެރިވާ ވަގުތު، އަޅުގަނޑުމެންނަށް ކުރާ އަސަރު، އަޅުގަނޑުމެންނަށް އެނގޭ، އެހެން މީހުންނަށްވެސް އެގޮތްވާނެކަން.

އެހެންވީމާ، މިއަދު ދުނިޔެއަށް އަންނަ ބަދަލުތަކާއި، އަޅުގަނޑުމެންގެ ޤައުމަށް އަންނަން އޮތް ބަދަލުތަކާއި، އަންނަމުންދާ ބަދަލުތަކުގެ މައްޗަށް ވިސްނައި، އަޅުގަނޑުމެންނަކީ ތަހުޒީބު، ރަނގަޅު، ހެޔޮލަފާ ބަޔަކަށް ވުމުގެ ވިސްނުމާއެކު، އެންމެން މަސައްކަތް ކުރަންވެއްޖެއޭ. ޚާއްޞަކޮށް، ޒުވާނުން މިކަމުގައި ބާރުއަޅަންވެއްޖެއޭ. މިކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކުން، ސަރުކާރުގެ ހުރިހާ އިދާރާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ވިޔަފާރިވެރިންނާއި، ކަމުގައި ޝާމިލްވާ، ޤައުމުގައި ކޮންމެ މަސައްކަތެއް ކުރަން ތިބި މީހުންނާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، އަދި އާންމުކޮށް، އަޅުގަނޑުމެންގެ ތެރޭގައި ތިބި މަސައްކަތްތެރި ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން، މި މަސައްކަތް އަޅުގަނޑުމެން ކުރަންވެއްޖެ.

އަޅުގަނޑުމެންނަށް ކިތަންމެހާވެސް ފޮނިކޮށް، ފަށުވި ޢިބާރާތްތަކުން ވާހަކަ ދެއްކިދާނެ. ޚިޔާލު ފާޅުކުރެވިދާނެ، ނަސޭހަތްވެސް ދެވިދާނެ. ކަންކަން ކޮށްދެވިވެސްދާނެ. އެހެންނަމަވެސް، ޢަޒުމާއެކު އަޅުގަނޑުމެން ޤަބޫލުކޮށްގެން، ވަކި ޓާގެޓަކަށް ދާން މަސައްކަތް ނުކޮށްފި ކަމަށްވަންޏާ ހާސިލެއް ނުވާނެ.

އެހެންވީމާ، ނިންމާލުމުގެ ކުރިންވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރަމާ ހިނގާށޭ. ދިވެހި ޒުވާނުންނަކީ ހަމަ ޙަޤީޤަތުގައިވެސް އަދަޔާ ޚިލާފު ބައެއް. ދިވެހިންނަކީ އާދަޔާ ޚިލާފު ބައެއް. ހުނަރުވެރި، ތޫނުފިލި ބައެއް. ޒަމާނުއްސުރެ ފެށިގެން، އަޅުގަނޑުމެން ދުނިޔެއަށް އައުމުގެ މާ ކުރިއްސުރެ ފެށިގެން އަޅުގަނޑުމެންނަށް ފެންނަން އެބަހުރި ޙަޤީޤަތްތައް. އެހެންވީމާ، އެކަމުގެ މައްޗަށް ގަދައަޅައި އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާށޭ.

އަޅުގަނޑުގެ އުންމީދަކީ، މިފަދަ ކަންތައްތަކުގެ ފުރުޞަތު އިތުރަށް ލިބިގެން ދިއުން. ތިމާގެ އަސްލު ހުރި ހުނަރުގެ ބޭނުންކުރުމުގެ ފުރުޞަތު، ހަމަ ކޮންމެ މީހަކަށްވެސް، ކޮންމެ ދިވެއްސަކަށްވެސް ލިބިގެން ދިއުން.

ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ބަރަކާތްލައްވައި، ޚާއްޞަކޮށް، މިފަދަ ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވައި ޢާއިލާއާއެކީ ތަނަވަސްކަމާއެކު އުޅުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.