بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ، ސްޕެޝަލް އެންވޯއި ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ ނޫރައްދީން، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް، އުކުޅަހު ކައުންސިލްގެ މެންބަރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން، އުކުޅަހުގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭނެ، ދިވެހިރާއްޖޭގެ ނަލަކަމުގެ ވާހަކައަކީ ދައްކައި ހުސްނުވާނެ ވާހަކައެއްކަން. ރާއްޖޭގެ މުޅި އިޤްތިޞާދު ބިނާވެފައި ވަނީ ދިވެހިރާއްޖޭގެ އަތޮޅުތަކާއި، ރަށްތަކާއި، ފަރުތަކާއި، ކަނޑުތަކާއި، ފަޅުތަކުގެ ޤުދުރަތީ މުއްސަނދިކަމާއި، އެތަންތަނުގެ ހިތްގައިމުކަމުގެ މައްޗަށް. ރާއްޖޭގެ ރަށްތަކުގައި ދިވެހިން ދިރިއުޅެމުން އަންނަތާ އެތައްހާސް އަހަރުތަކެއް ވެއްޖެ. ރާއްޖޭގެ ޤުދުރަތީ ވެށީގެ މުއްސަނދިކަމާއި، ރީތިކަން ޙިމާޔަތްކޮށް ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ، ދައުލަތުގެ އަސާސީ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެން.

އަޅުގަނޑުމެން ދިވެހިންނަށް މޫސުމަށް އަންނަ ބަދަލުތަކަށް މާބޮޑު ޙައްލެއް ހޯދައިނުދެވިދާނެ. އެހެން ނަމަވެސް، މިކަންކަމާ ގުޅިގެން އަންނަ ބަދަލުތަކަށް ހޭނުމަށް ތައްޔާރުވެ ތިބުމަކީ، އެންމެން އެކުގައި ކުރަން ޖެހިފައިވާ ކަމެއް.

ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެބޮޑު އެއް މައްސަލައަކީ، ދެންމެ މިނިސްޓަރ ޝައުނާ ވިދާޅުވި ފަދައިން، ކުނީގެ މައްސަލަ. މެދުފަންތީގެ ޤައުމަކަށް ދިވެހިރާއްޖެ ބަދަލުވެ، ދިރިއުޅުމުގެ ފެންވަރު އެތައް ގުނައަކުން މައްޗަށް ޖެހުނުއިރު، ކުނި އުފެދޭ މިންވަރުވެސް އިންތިހާއަށް މައްޗަށް ހިނގައްޖެ. އުފެދޭ ކުނީގެ ބާވަތްތައްވެސް ތަފާތުވެއްޖެ. ޙައްލު ހޯދަން ޖެހިފައިވާ އެންމެބޮޑު އެއްކަމަކީ، ޕްލާސްޓިކް ކުނީގެ މައްސަލަ.

މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީވެސް ޕްލާސްޓިކް ޕޮލިއުޝަނަށް ޙައްލު ހޯދުމާ ގުޅޭ ޝިޢާރެއް. ސިންގަލް ޔޫސްޑް ޕްލާސްޓިކްގެ ބާވަތްތަކަކީ، ތިމާވެށްޓަށާއި އިންސާނުންގެ ޞިއްޙަތަށްވެސް ނުރައްކާވާ އެއްޗެއްކަމުން، ސިންގަލް ޔޫސްޑް ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، އަދި ރާއްޖޭގައި ބޭނުންކުރުން މިހާރުވަނީ މަނާކޮށްފައި.

މި ސިޔާސަތު ތަންފީޒު ކުރަން ފެށި ފަހުން، އެއް އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް، 50 އިންސައްތަ މަދުވެއްޖެ. ކުރިމަގުގައި ޕްލާސްޓިކްގެ އިތުރު އައިޓަމްތައް މަނާކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން.

އަޅުގަނޑުގެ އަމާޒަކީ، ރާއްޖެއަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކުރާ ޤައުމަކަށް ހެދުން. އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖް ނުކުރެވުމަކީ، ރާއްޖޭގެ ތިމާވެށްޓަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުން. ކުނި މެނޭޖް ކުރުމުގެ މައްސަލައަށް އަވަސް ޙައްލުތަކެއް ހޯދައިދިނުމަކީ، ސަރުކާރުގެ އެންމެބޮޑު އެއް އަމާޒު.

އަޅުގަނޑުމެންގެ އަމާޒަކީ، ކޮންމެ ރަށެއްގައި، އެ ރަށަކާ އެކަށީގެންވާ ސައިޒުގެ ޒަމާނީ ކުނިކޮށްޓެއް ޤާއިމުކޮށް، އެ ތަންތަނަށް ބޭނުންވާ ވެހިކަލާއި، މެޝިނަރީއާއި، އާލާތްތައް ފޯރުކޮށްދިނުން. އަދި ރަށު ފެންވަރުގައި މެނޭޖް ކުރެވޭ ކުނި، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤާއިމްކުރާ ސަރަޙައްދީ މަރުކަޒުތަކަށް ގެންގޮސް، ތަހުޒީބު މުޖުތަމަޢުތަކުގައި އެކަން ކުރާ އުޞޫލުން ކުނި މެނޭޖް ކުރުން.

މިހާރު ކުރިއަށްގެންދާ އެކި މަޝްރޫޢުތަކުން މި އަމާޒަށް އަޅުގަނޑުމެންނަށް ވާސިލްވެވޭނެ. ދިވެހިރާއްޖެއަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ ދެމެހެއްޓެނިވި ގޮތުގައި މާޙައުލީ ނިޒާމުތައް ބޭނުންކުރަމުން އައި ޤައުމެއް. ދިވެހި މަސްވެރިކަމަކީ، މުޅި ދުނިޔެއަށް މަޝްހޫރު، ތިމާވެށްޓާ ރައްޓެހި ޞިނާޢަތެއް.

ދިވެހިރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވާ ފަތުރުވެރިކަމުގެ ޞިނާޢަތަކީވެސް ޤުދުރަތީ މުއްސަނދިކަމާއި ރީތިކަން ވިއްކައިގެން ކުރިއަރަމުން އަންނަ ޞިނާޢަތެއް. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޙިމާޔަތް ކުރެވުނު ކަނޑުގެ ސަރަޙައްދުތަކަކީވެސް ފަތުރުވެރިކަމުގެ ދާއިރާއިން ބޭނުންވެގެން ޙިމާޔަތްކުރި މުހިންމު ޑައިވް ސަރަޙައްދުތަކެއް. އަދި ފަހުގެ ދިރާސާތަކުން ދައްކާގޮތުން، ދިވެހިރާއްޖޭގެ ރިޒޯޓް ރަށްތަކުގެ ފަރުތަކަކީ ރަނގަޅަށް މެނޭޖް ކުރުމުގެ ސަބަބުން މާޙައުލީ ނިޒާމުގެ ޞިއްޙަތު ރަނގަޅު އަދި ދިރުންތަކުން މުއްސަނދި ސަރަޙައްދުތަކެއް.

ރާއްޖެ އުފެދިފައިވާ ގޮތުން، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ 99 އިންސައްތައަކީ ކަނޑުގެ ސަރަޙައްދު. ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް، ކަނޑުގެ މާޙައުލީ ނިޒާމުތަކަށް ބޭނުންވާ ނުރައްކާތައް ކުޑަކޮށް، އެ ނިޒާމުތައް އިޢާދަކުރުން ވަރަށް މުހިންމު. މިކަމަށްޓަކައި ކަނޑުގެ ދިރާސާތައް އިތުރުކޮށް، ޙިމާޔަތް ކުރަންޖެހޭ ސަރަޙައްދުތަކާއި ދިރުންތައް ދެނެގަންނަން އެބަޖެހޭ.

މިހާރު އަޅުގަނޑުމެން ފަށާފައިވާ "ނޫ ރާއްޖެ" ޕްރޮގްރާމްގެ ތެރެއިން ކުރެވޭ މެރިން ސްޕެޝަލް ޕްލޭންގެ ތެރެއިންނާއި، ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތައް ލިބިފައިވާ ތަންތަން ޙިމާޔަތް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އިތުރު ސަރަޙައްދުތައްވެސް ޙިމާޔަތް ކުރެވޭނެ. މީގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި އެކުލަވައިލާފައިވާ ތާރޓީ ބައި ތާރޓީ އޯޝަން ޓާގެޓްގައި ދިވެހިރާއްޖޭގެ ގިނަ ސަރަޙައްދުތައް ހިމެނިގެންދާނެ.

އަޅުގަނޑުމެންގެ ރަށްތައް އުފެދި، ބޮޑުވެ، ދެމިއޮތުން ބަރޯސާވެފައި ވަނީ ފަރުތަކާއި، ފަޅުތަކާއި، އެއްގަމުގައިވާ މާޙައުލީ ނިޒާމުތަކުގެ މައްޗަށް. އަޅުގަނޑުމެންގެ ނާޒުކު ރަށްތައް، ކަނޑުގެ ވަރުގަދަ ރާޅުތަކުންނާއި، އެހެނިހެން ނުރައްކަލުން ސަލާމަތްކޮށްދެނީ މި ނިޒާމު. އެހެންކަމުން، މި ނާޒުކު ނިޒާމު ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަކީ، ދިވެހި ރައްޔިތުންނަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް.

ދިވެހިރާއްޖޭގައި 79 ސަރަޙައްދު މިހާތަނަށް ޙިމާޔަތްކޮށްފައިވާއިރު، އިޤްތިޞާދީ ގޮތުންނާއި، މާޙައުލީ ގޮތުން ޚާއްޞަ ގިނަ ދިރުންތަކެއްވެސް ވަނީ ޙިމާޔަތްކޮށްފައި. ޙިމާޔަތް ކުރެވޭ ސަރަޙައްދުތަކާއި، ނޭޗަރ ޕާކްތައް ޤާއިމްކުރެވި، ދުނިޔޭގެ ފެންވަރުގެ ލަޤަބްތައް، އެކި އަތޮޅުތަކަށް ވަނީ ލިބިފައި. އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ ތިމާވެށި ރައްކާތެރި ކުރުމުގެ ސަބަބުން މާލީގޮތުންނާއި، އިޖުތިމާޢީ ގޮތުން ފައިދާތައް ލިބެމުން އެބަދޭ.

އަޅުގަނޑުމެންގެ އަމާޒަކީ، ޙިމާޔަތް ކުރެވޭ ހުރިހާ ސަރަޙައްދުތަކަށް މެނޭޖްމަންޓް ޕްލޭންތައް ހެދި، އެ ސަރަޙައްދުތައް ޙިމާޔަތްކޮށް ބެލެހެއްޓި، އޭގެ މަންފާ އެންމެންނަށް ލިބިގެންދިޔުން. އެކަމުގެ ސަބަބުން އާމްދަނީ ލިބޭނެ އިތުރު ވަސީލަތްތަކެއް، އަތޮޅުތަކުގައި އުފެދިގެން އައުން.

ދިވެހިރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ވެށްޓަށް ލިބޭ ގެއްލުންތަކާއި، އެއާ ވިދިގެން އަންނަ އިޤްތިޞާދީ އަދި އިޖުތިމާޢީ ނުރަނގަޅު ބަދަލުތައް. ދިވެހިރާއްޖެއަކީ ދުނިޔޭގެ ތިމާވެށި ޙިމާޔަތް ކުރުމަށް އަދި ތިމާވެށްޓާ ރައްޓެހި ތަރައްޤީއަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ޤައުމު. ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އެންމެ ފުރަތަމަ ކުރާނީ ރާއްޖެފަދަ ބިންތިރި، ކުދި ޖަޒީރާ ޤައުމުތައް ކަމުގައިވުން.

މިއީ މިއަދު ސައިންސްގެ އަލީގައި ހާމަކަންބޮޑު ގޮތެއްގައި ފެންނަން އޮތް، ދެބަސްވެވެން ނެތް ޙަޤީޤަތެއް. އެހެންކަމުން، ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުން ތިމާވެށްޓާ ރައްޓެހިކޮށް ތަރައްޤީވެވިދާނެކަން ދުނިޔެއަށް ހާމަކުރުމަކީ، އަޅުގަނޑުމެންގެ އެއް އަމާޒު. އެގޮތުން، 2030ގެ ނިޔަލަށް ރާއްޖޭގެ އެމިޝަން ނެޓް ޒީރޯ ކުރުމަށް މަސައްކަތް ކުރާނެކަން އަޅުގަނޑުމެން ވާނީ މުޅި ދުނިޔެއަށް އިޢުލާނުކޮށްފައި. އަދި އެ މަގުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަން ވަނީ ފެށިފައި.

މި ލަނޑުދަނޑިއަށް ހާސިލުވުމަށް ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އަވިން ހަކަތަ އުފައްދާ 36 މެގަވޮޓްގެ ނިޒާމުތައް ވަނީ އިތުރުކުރެވިފައި. މީގެ ސަބަބުން ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ޑީސަލުން އަހަރަކު 17 މިލިއަން ލީޓަރު މަދުކުރެވި، ޑީސަލަށް ކުރާ ޚަރަދުން ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ. އަދި ތެޔޮ އެންދުމުގެ ސަބަބުން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑުން 42,000 ޓަނު މަދުކުރެވޭނެ.

އިތުރު 113 ރަށެއްގައި، 68.4 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތް، އެކި މަރުޙަލާގައި މިހާރުވެސް ކުރިއަށް އެބަދޭ. މި މަސައްކަތްތައް ނިމުމުން، އިޢާދަކުރަނިވި ހަކަތައިގެ ޤާބިލްކަން، ޖުމްލަ 121 މެގަވޮޓަށް އިތުރުކުރެވޭނެ. މީގެ ސަބަބުން ބަޖެޓުން އަހަރަކު 908 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ. އަދި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 140,000 ޓަނު ޖައްވަށް ބޭރުނުކޮށް ފަރުޖެހޭނެ.

ގޭބީސީތަކަށް ސޯލަރ ހަކަތައިގެ މަންފާ ހޯދައިދިނުމަށް ހޯމް ސޯލަރ ޕްރޮގްރާމްވެސް މިހާރު ކުރިއަށް އެބަދޭ. މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން ސޯލަރ ހަކަތަ ބޭނުންކުރަން ފެށި 300 ގޭބީސީތަކުގެ ކަރަންޓް ބިލުން ބޮޑު އިންސައްތައެއް އެބަ ސަލާމަތް ކުރެވޭ. މިސްކިތްތައް ސޯލަރ ކުރުމަކީވެސް މި ސަރުކާރުން ފެށި މުހިންމު މަޝްރޫޢެއް.

މި އަހަރުގެ ތެރޭގައި 155 މިސްކިތެއްގައި، 465 ކިލޯވޮޓުގެ ސޯލަރ ނިޒާމުތައް ހަރުކުރުމުގެ މަސައްކަތް ފެށިގެންދާނެ. އަމާޒަކީ ރާއްޖެއަކީ ހަކަތައިގެ ބޭނުންތަކަށް، ތެލަށް ބަރޯސާނުވެ އިޢާދަކުރަނިވި ހަކަތައިން ތިމާވެށްޓާ ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި ބޭނުންކުރާ ޤައުމަކަށް ވެގެންދިޔުން.

އަޅުގަނޑުމެންގެ އަމާޒަކީ، ދިވެހިރާއްޖެއަށް ގެނެވޭ ތަރައްޤީއަކީ، ވެށީގެ މުއްސަނދިކަމާއި، ރީތިކަން ބޭނުންކޮށްގެން، އެއާ އެކުއެކީގައި ކުރިއަށް ގެންދެވޭ އެއްޗަކަށް ހެދުން. މިކަންކަމަށް މަގުފަހިކުރުމުގެ ގޮތުން، ތިމާވެށީގެ ވުޒާރާއާއި، ރެގިއުލޭޓަރީ އެޖެންސީއާއި، މި ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ޖަމުޢިއްޔާ، ޖަމާޢަތްތައް ބާރުވެރިކުރުވައި، އެ މުއައްސަސާތަކުން އިތުރަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް.

ކުރިމަގުގައި މޯލްޑިވްސް ގްރީން ފަންޑުގެ އާމްދަނީން ކަނޑައެޅޭ ވަކި މިންވަރެއް، ތިމާވެށި ޙިމާޔަތް ކުރުމުގެ މަސައްކަތްތަކަށާއި، މި ދާއިރާގެ އިންސާނީ ވަސީލަތް ބިނާކުރުމަށާއި، މުއައްސަސާތަކުގެ ޤާބިލްކަން އިތުރުކުރުމަށާއި، ރިސަރޗް އެންޑް ޑިވެލޮޕްމަންޓްގެ މަސައްކަތްތަކަށާއި، ދާއިރާގައި ހަރަކާތްތެރިވާ ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެހީތެރިވުމަށް ބޭނުންކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން.

މި ނަލަކަމާއި، ވިލުންތެރިކަން އަޅުގަނޑުމެންނަށް ލިބިފައިވީ ނަމަވެސް، މިއަދު ދުނިޔެއަށް ވަމުން އަންނަ ގޮތްތަކާއި، ބޮޑެތި ބަދަލުތަކާމެދު ވިސްނަން އެބަޖެހޭ. އަދި އެކަމާ ގުޅިގެން ދިވެހިންގެ ދިރިއުޅުމަށް އަންނާނީ ކޮން ބަދަލުތަކެއްތޯ ދެނެތިބުމަކީ މުހިންމު ކަމެއް.

އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ކުރިއެރުން ހޯދުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ތިމާވެށި ޙިމާޔަތް ކުރެވޭގޮތަށް އަދި ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތަކުގެ މަތިން ކުރެވޭ ކަންކަމަށް ވާންޖެހޭނެ.

އަޅުގަނޑުގެ ދުޢާއަކީ، ވިލުންތެރި ރާއްޖެއެއް ބޭނުންކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ މަދަދާއި ބަރަކާތް ލެއްވުން. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއާއި ފަލާޙް އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.