بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރާ މި އަހަރުގެ، ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ. އަދި ތިމާވެށްޓާ މެދު ޢާންމުން ހޭލުންތެރިކުރުވައި ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށާއި އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަށްވެސް، މިއަދުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ.

އަޅުގަނޑުމެން އިންސާނުން ދިރިއުޅެމުން މިއަންނަ ބިމުގެ ޤުދުރަތީ ސިފަތަކަށާއި އޭގެ މާޙައުލީ ނިޒާމަށް، އިންސާނީ ތާރީޚުގައިވެސް ނުލިބޭ ފަދަ ގެއްލުންތަކެއް މިހާރު ދަނީ ލިބެމުންނެވެ. އަދި އެ ގެއްލުންތަކާ ގުޅިގެން ދުނިޔޭގެ މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން، އަޅުގަނޑުމެން އިންސާނުންނަށް ކުރިމަތިވާ ނުރައްކާތަކާއި ލިބޭ ގެއްލުންތައްވެސް ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އިންސާނުން ކުޅަ ޢަމަލުތަކެއްގެ ސަބަބުން ދުނިޔޭގެ ތިމާވެށި ހަލާކުވަމުން ދިއުމަކީ، އިންސާނުންގެ ދިރިތިބުމަށް ކުރިމަތިވާ ނުރައްކާތަކެކެވެ.

އިންސާނުން ދިރިއުޅުމަށްޓަކައި ލައްވާފައިވާ މި ބިމުގެ ތިމާވެށި ޙިމާޔަތްކުރުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފިޠުރީ ވާޖިބެކެވެ. އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. އިންސާނުން ދިރިތިބުމަށްޓަކައި ނޭވާލާނެ ސާފުވައި ލިބޭނީ ތިމާވެށީގެ ތަޣައްޔަރުކަން ނައްތާލައިގެންނެވެ. ބުއިމަށް ބޭނުންވާ ރައްކާތެރި އަދި ސާފު ފެން ލިބޭނީ ކަނޑުތަކާއި ކޯރުތަކާއި ކުޅިތައް އަދި މި ބިމުގެ ފަސްގަނޑު ތަޣައްޔަރުވިޔަނުދީ ރައްކާތެރިކޮށްގެންނެވެ. ކާނާއާއި ހިޔާވަހިކަން ލިބި، ވައިގެ ސާފުކަން ދެމެހެއްޓޭނީ، ގަސްގަހާގެހި ޙިމާޔަތްކޮށްގެންނެވެ. އޭގެ އިތުރުންވެސް، މި ބިންމަތީގައި ޤުދުރަތީ ގޮތުން ލައްވާފައިވާ ކޮންމެ ދިރުމަކާއި ކޮންމެ އެއްޗަކީ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން، އިންސާނާގެ ޚިދުމަތުގައި ލައްވާފައިވާ ފުރިހަމަ ނިޒާމެއްކަމުން، އެ ނިޒާމު އޮޅުންބޮޅުންވިޔަ ނުދީ ރައްކާތެރިކުރުމަކީ ކޮންމެ އިންސާނެއްގެ ފަރުދީ ވާޖިބެކެވެ.

މުޅި ދުނިޔެއަށް ވެސް އަދި އަޅުގަނޑުމެންގެ ރާއްޖެއަށް ވެސް ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ޕްލާސްޓިކްގެ އުފެއްދުންތަކުން ތިމާވެށްޓަށް ލިބޭ ތަޣައްޔަރުކަމެވެ. ޕްލާސްޓިކްގެ އުފެއްދުންތަކުން ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި ފަރުތަކަށް ލިބޭ ކޮންމެ ތަޣައްޔަރުކަމަކީ، ރާއްޖޭގެ އިޤްތިޞާދީ އެންމެހައި ޙަރަކާތްތަކަށް ލިބޭ ބޮޑު ގެއްލުމެކެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމަކީވެސް، ކަނޑުފަޅުގެ ދިރުންތަކުގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދީ ޙަރަކާތްތައް ކަމަށްވާއިރު، ޕްލާސްޓިކްގެ ސަބަބުން އަޅުގަނޑުމެންގެ މާޙައުލީ ނިޒާމު ތަޣައްޔަރުވިޔަ ނުދިނުމަށް އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި މިއަދު އަޅުގަނޑުމެން ޢަމަލީ މަސައްކަތްތަކެއް ނުކޮށްފި ނަމަ، މާދަމާގެ ޖީލަށް އިރު ފެނުން ތޮޅިލާއިރު ވަގުތު ފާއިތުވެ، މި ބިމަކީ އިންސާނީ ދަރިފަސްކޮޅު ވަޒަންވެރިވެ އުޅުމަށް ނުރައްކާތެރި ތަނަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރު އޮތް ނުރައްކާތެރި ޙާލަތުން ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރެވޭނީ، އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ލާމެހިފައިވާ ކަމަކަށް ހަދައިގެންނެވެ. ތިމާވެށި ޙިމާޔަތްކުރުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދައެއް ކަމުގައި ހެދުން، އަދުގެ ޙާލަތު މިވަނީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކޮށްފައެވެ.

އަޅުގަނޑުމެން މޫދަށް އެރި، ހިތް އުފާކޮށްލަން ގޮސް އުޅޭ ގޮނޑުދޮށްތައް، ޕްލާސްޓިކްގެ އުފެއްދުންތަކުން ތަޣައްޔަރުވިޔަ ނުދިނުމަކީ އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންޖެހެއެވެ. އަޅުގަނޑުމެންގެ ކާނާގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްކަނޑުތަކާއި ފަޅުތަކާއި ފަރުތައް، ޕްލާސްޓިކުން ތަޣައްޔަރުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެކެވެ. ނަމަވެސް މިކަންކަން ކުރެވޭނީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެންމެހައި އާދަތައް، ތިމާވެށްޓާ ރަޙުމަތްތެރި ގޮތްތަކަށް ބަދަލުކޮށްގެންނެވެ. އަޅުގަނޑުމެންގެ ތެރެއިން އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދޮށީ ޢުމުރުގެ މީހާއަކީވެސް، ޕްލާސްޓިކަށް ނޫނެކޭ ބުނާ މީހެއްކަމަށް ވެގެންނެވެ. ވަކިން ޚާއްޞަކޮށް، އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލައިގެންނެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖޭގެ ޠަބީޢީ ސިފަތަކާއި މާޙައުލީ ނިޒާމަށް ގެއްލުން ލިބެނިވި އެންމެހައި ޢަމަލުތަކުން ދުރުހެލިވުމުގެ ހެޔޮ ތައުފީޤު، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ދެއްވުމެވެ. ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މިކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ ދައްކަވައި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ޤުދުރަތީ މުއްސަނދިކަން، ކުރިމަގުގެ ޖީލުތަކަށް ރައްކާތެރި ގޮތުގައި ފޯރުކޮށްދިނުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ. އެންމެހައި ދިވެހިންނާއި ދިވެހިރާއްޖެއަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވައި، އަޅުގަނޑުމެންގެ މެދުގައި ޞުލްޙަމަސަލަސްކަން ޤާއިމުކުރައްވާށިއެވެ. އާމީން