ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި އުކުޅަހުގައި ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން، އުކުޅަހުގައި ކުރިޔަށްދާ 'ބީޓް ޕްލާސްޓިކް ޕޮލިއުޝަން' ފެސްޓިވަލް ބައްލަވާލެއްވުމަށާއި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އުކުޅަހުގައި ބާއްވާ ރަސްމީ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ވެސް އުކުޅަހުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސެވުމުގެ ގޮތުން އެމަނިކުފާނު އއ. އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.