ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލަންވީ، ތިމާގެ އަމިއްލަ ނަފްސާއި، އަނބިދަރިންނާއި، ޢާއިލާގެ ހެވަށާ، އަދި ގާތް ރަޙުމަތްތެރިންނާއި، މުޅި މުޖްތަމަޢުގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާޞަބަތުގައި މިއަދު ފޮނުއްވި ޚިޠާބުގައެވެ.

މުޖުތަމަޢުގެ ތެރޭގައި ތިބި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން އެ ކަމަށް ކޮންމެ ދުވަހަކު ހޭދަކުރާ ފައިސާ، އެގޮތަށް ހޭދަނުކޮށް ، އެމީހަކާ އެމީހެއްގެ ޢާއިލާގައި ތިބި މީހުންގެ ކެއިންބުއިމުގެ ކަންކަމަށް ކުރާ ހޭދައިގެ ތެރެއަށް އިތުރުކޮށްފިނަމަ މުޅި މުޖްތަމަޢަށް އޭގެ މަންފާކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެއާއެކު އެމަނިކުފާނު ވިދާޅުވީ "ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ މީހަކުމެ މިއަދު ޢަޒުމް ކަނޑައަޅަންވީ، ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ޞިއްޙީ މައްސަލަތައް ކުރިމަތިކުރުވާ މިފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށެވެ".

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމަށް ހޭދަކުރާ ފައިސާ ތަފާތު ބަލިތައް ތަޙައްމަލުކުރާ އެތައް ބަޔަކަށް ފަރުވާ ކުރުމަށް ވެސް ބޭނުންކުރެވިދާނެ ފައިސާތަކަކަށް ބަދަލުކުރެވިދާނެކަން ފާހަގަކުރައްވާފައެވެ. އަދި ދުންފަތް ހެއްދުމާއި ދުންފަތުގެ އިސްތިޢުމާލުކުރުމަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް އިސްރާފުކުރާ އިރު، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު ހައިހޫނުކަން ތަޙައްމަލުކުރަމުންދާ އެތައް ބަޔަކު ތިބިކަން ހަނދާންކުރަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރަށް އަލިއަޅުއްވާލައްވާފައެވެ. މިއަހަރުގެ ޝިއާރަކީ "އަހަރެމެން ބޭނުމީ ކާނާ، ދުންފަތެއް ނޫން" މިއެވެ. މި ޝިޢާރުގެ މައިގަނޑު ބޭނުމަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ދުންފަތް ހެއްދުމުގައި ދަނޑުވެރިންގެ ވަގުތުތަކާއި ދަނޑުބިންތައް ނަގައިލުމުގެ ބަދަލުގައި، އެފަދަ ދަނޑުބިންތަކުގައި ގޮވާމުގެ ބާވަތްތައް ހައްދައި އުފެއްދުމަށް ބާރުއެޅުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ލިބޭ އެތައް ގެންލުންތަކަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިންވެސް، އެންމެ ނުރައްކާތެރި ބައެއް ބަލިތަކަކީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ ގުޅިފައިވާ ބަލިތައްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.