بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އެންމެހައި ޙަމްދު ޘަނާއާއި ތަޢުރީފް ޙައްޤުވެގެންވަނީ ނިޢުމަތްތަކުގެ ވެރި اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ މި އުއްމަތުގެ ކައު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ، ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަރީފް، އޮފީސްތަކުގެ އިސްވެރިން، އެން.ސީ.އައި.ޓީ.ގެ ހީވާގި މުވައްޒަފުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު ޤަބޫލުކުރަނީ، ތަޖުރިބާ ކުރުމަށްޓަކައި މިއަދު އިފްތިތާޙް ކުރެވިގެން މިދިޔަ ސަރުކާރުގެ އިދާރާތަކުގެ ޖެމްސް ވަރކްސްޕޭސްގެ ސަބަބުން އަޅުގަނޑުމެން މި ކުރާ މަސައްކަތް، ހަލުވިވެގެންދާނެކަމަށް. ދިވެހި ސަރުކާރުގެ އަޅުގަނޑުމެންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވަރަށް ގިނަ ކަންތައްތަކެއް ކަނޑައެޅިފައި އެބަހުރި.

އަޅުގަނޑު މީގައި ފާހަގަކޮށްލަން ބޭނުންވޭ، ވޭތުވެގެންދިޔަ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ގިނަ މަސައްކަތްތަކެއް ކުރެވިގެން ހިނގައްޖެ. މީގެތެރޭގައި، ޤާނޫނަށް ގެންނަންޖެހޭ އެކިއެކި ބަދަލުތަކަށާއި، ޑޭޓާ ޕްރޮޓެކްޝަނަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަމަށް އަޅުގަނޑުމެންނަށް މި ޤާނޫނުގެ ތެރެއިން މަގުފަހިވެގެން އެބަދޭ. މިގޮތުން، ވަރަށް ގިނަ ކަންތައްތަކެއް ޒަމާނާ އެއްގޮތަށް ކުރިއަށް އެބަދޭ. މީގެ ސަބަބުން އަޅުގަނޑު ޤަބޫލުކުރަނީ، ގިނަ ފަސޭހަތަކެއް ވެގެންދާނެކަމަށް.

މިއަދު ރައީސް އޮފީސް ހިމެނޭގޮތަށް އަދި ތިން މިނިސްޓްރީއާއެކު މި މަސައްކަތް ފެށިގެންދިޔަ ނަމަވެސް، ކުރިއަށް އޮތް ތާނގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި ރޯލްއައުޓްކޮށް، ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން މި ކަންތައްތައް ފެށިގެންދިޔައިމާ، އޭގައި ފަސޭހަތަކެއް ވެގެންދާނެ. ޚާއްޞަކޮށް ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ވާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ.

އެނގިވަޑައިގަންނަވާނެ، މުޅިން ޑިޖިޓަލް ޒަމާނަކަށް އަޅުގަނޑުމެންގެ ހުރިހާ ކަމެއް ބަދަލުވެގެން މިދަނީ. އަޅުގަނޑުމެންގެ ކުރިއަށް އެބަހުރި ވަރަށްގިނަ ކަންތައްތަކެއް. މިހާރުވެސް އެނގިވަޑައިގަންނަވާނެ، ޑިޖިޓަލް އައި.ޑީ.ގެ މަސައްކަތްތައް ކުރިއަށް އެބަދޭ. ހަމައެއާއެކު "ވަންގަވް" މި ސަރވިސް އެއްތަނަކުން "ވަންސްޓޮޕް"، ޚިދުމަތްތައް ދިނުމަށްޓަކައި ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. މީގެ ނަތީޖާއަކަށް ވެގެންދާނީ، ޚާއްޞަކޮށް، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ފަސޭހަކަމާއެކު، ހަލުވި، ހިތްހަމަޖެހޭކަހަލަ އަޅުގަނޑުމެން ބޭނުންވާ ޚިދުމަތްތަކެއް ރައްޔިތުންނަށް ލިބިގެންދިޔުން.

އެނގިވަޑައިގަންނަވާނެ، ރާއްޖެ މި އޮންނަ ގޮތުންވެސް، ކުރީގައި މި އޮންނަ އުސޫލުން ޕޯސްޓްމަނެއް ބަހައްޓައިގެން އެއްރަށުން އަނެއް ރަށަށް ސިޓީ އުފުލުމާއި، ފޮނުވުމާ، މިއީ ރާއްޖެކަހަލަ ޤައުމަކަށް ވަރަށް އުނދަގޫވެސް ކަމެއް. ކުދިކުދި ރަށްތަކެއް އޮންނަ ޤައުމަކަށް އަދި މާ އުނދަގޫ.

އެހެންވީމާ، މިފަދަ ނިޒާމެއް އައުމުންވެސް އަޅުގަނޑު ޤަބޫލުކުރަނީ ރާއްޖޭގެ ހުރިހާ ރަށްތަކަކަށް، ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެކަމަށް. ރައްޔިތުންގެ ފަރާތުން، އަޅުގަނޑުމެންނަށް އަބަދުވެސް އަޑުއިވިގެންދޭ، ޖަވާބު ލިބުން އަބަދުވެސް ލަސްވުމުގެ ޝަކުވާ. ޚިދުމަތްތައް ލަސްވުމުގެ ޝަކުވާއަކީ ޒަމާނުއްސުރެ ފެށިގެން އަޅުގަނޑުމެންނަށް އަބަދުވެސް އަންނަ ޝަކުވާއެއް.

މި ސަރުކާރުން އެނގިވަޑައިގަންނަވާނެ، ރައީސުލްޖުމްހޫރިއްޔާ، 2018 ވަނަ އަހަރު ރަށްރަށަށް ކެމްޕެއިންގައި ދަތުރުކުރެއްވިއިރުވެސް، ރައްޔިތުންގެ ފަރާތުން ލިބުނު ވަރަށް ބޮޑު ޝަކުވާއެއްގެ ގޮތުގައި އޮތީ ޚިދުމަތް ލަސްވުމާއި، ޖަވާބު ލަސްވުން. އޭރުއްސުރެ ފެށިގެން ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް، ވަރަށް ބޮޑު ސަމާލުކަމެއް ދެއްވީ، މި ދާއިރާ ކުރިއެރުވުމަށްޓަކައި.

ދެން އަޅުގަނޑު ހަމަ ޝުކުރު އަދާކުރަން ބޭނުންވޭ، ޚާއްޞަކޮށް، މިނިސްޓަރަށާއި، މިނިސްޓަރުގެ ޓީމަށް. ސަރުކާރުގެ މި އެކްޝަން ޕްލޭނާ އެއްގޮތަށް، މި ކަންތައްތައް ހާސިލް ކުރުމަށްޓަކައި އެ ކުރައްވާ މަސައްކަތްތައް އަޅުގަނޑު ހަމަ ފާހަގަކުރަން. ހަމަ އެއާއެކު، އަޅުގަނޑުމެންގެ އެކިއެކި އިދާރާތަކުންނާއި، އަދި ރައީސް އޮފީހުންވެސް މިކަން ހަރުދަނާ ކުރުމަށްޓަކައި އެ ކުރައްވާ މަސައްކަތް އަޅުގަނޑު މީގައި ފާހަގަކުރަން. ނަތީޖާއަކަށް ވެގެން ދާނީ، ހުރިހާ ގޮތަކުންވެސް، އަޅުގަނޑުމެން އަމާޒު ހިފާފައި ހުރި ކަންތައްތަކަށް ވާސިލުވުމަށްޓަކައި އަޅުގަނޑުމެންނަށް ފަސޭހަވެގެން ދިޔުން.

އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ، އެކިއެކި ކަންކަމަށް މާ ގިނައިން ކަރުދާސް ބޭނުންކުރެވޭ ތަން. އެނގިވަޑައިގަންނަވާނެ، މިހާރު ފައިސާގެ ނޫޓުވެސް، ކުރިޔަށް އޮތްތާނގައި، ބޭނުންނުކުރާ އެއްޗަކަށް ވެގެންދާނެ. އެހާ ބޮޑަށް ހުރިހާ އެއްޗެއް މިދަނީ ޑިޖިޓަލްވެގެން. ބަދަލުވަމުން މިދަނީ. އެހެންވީމާ، މިކަމުގެ ސަބަބުން އެކި ގޮތްގޮތުން ފަސޭހަތައް ވެގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް.

ޚާއްޞަކޮށް، ހުރިހާ ވުޒާރާއެއްގެ، އަދި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ދެއްވަން ތިއްބެވި ހަމަ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން އޮތީ، ޖަވާބު ދިނުން ވީހާވެސް އަވަސްކުރުމަށާއި، ކަންކަން ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ސާފު މަޢުލޫމާތު ދެއްވުމަށް. އެކަންތައް އަބަދުވެސް އަޅުގަނޑުމެންކުރަން އެބަޖެހޭ. އަޅުގަނޑުމެން އޮފީސްތައް ހުންނަނީ، އަދި އިދާރާތައް ހަދާފައި މި ހުންނަނީ، ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި. ޤައުމު ހިންގެނީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކެއްގެ މައްޗަށް.

އެހެންވީމާ، އެ ކަންތައްތައް އަޅުގަނޑުމެން ދުވަހުން ދުވަހަށް ތަރައްޤީކޮށް، ހަލުވިކުރަން އެބަޖެހޭ. އަދި މިފަދަ ނިޒާމުތަކެއް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފުވެގެން އައިނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތްތައް ކުރަން ތިބި ފަރާތްތައް އެއާ އެއް ހަމައަކަށް އަންނަން އެބަޖެހޭ. އެ ކަންތައްތައް ދެނެގަނެގެން، އެއާ އެއްގޮތަށް މަސައްކަތްތައްވެސް ކުރަން އެބަޖެހޭ.

މި ފުރުޞަތުގައި، ސަރުކާރުގެ ހުރިހާ އިދާރާތަކެއް، އޮފީސްތަކުގެ ވެރިންނާއި އަދި މުވައްޒަފުން، މި ރޮނގުން އެ ކުރައްވާ މަސައްކަތްތައް، ތަރައްޤީއަށްޓަކައި ކުރައްވާ މަސައްކަތްތައް، ޚިދުމަތްތައް ހަލުވިކުރުމަށްޓަކައި އެ ކުރައްވާ މަސައްކަތް ފާހަގަކޮށް، ހަމަ އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އަޅުގަނޑުމެންގެ އުންމީދަކީ މިފަދަ ކޮންމެ ކަމަކުންވެސް ރައްޔިތުންނަށް އޭގެ ފަސޭހަކަން ލިބިގެންދިޔުން. ކުރިޔަށް ހުރި ކަންތައްތައް އަޅުގަނޑުމެންނާ ހަމައަށް، ރައްޔިތުންނާ ހަމައަށް އައުމުން، އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތާނގައި މާބޮޑަށް ފަސޭހަވެގެން ދާނެ. މި ސަރުކާރަށް އަބަދުވެސް އެންމެ މުހިންމު ވަނީ ރައްޔިތުން. އެހެންވީމާ، ރައްޔިތުންނަށްޓަކައި ރެޔާއިދުވާލު ޚިދުމަތް ކުރުމަކީ އެއީ، މި ސަރުކާރުން އަބަދުވެސް އެންމެ ބޮޑަށް އިސްކަންދޭނެ ކަންތައް.

ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަޑައިގެން ތިއްބެވި ބޭފުޅުންނަށް ޝުކުރު އަދާކުރަމުން، އަޅުގަނޑަށް މިފަދަ މުހިންމު ކަމެއްގައި ބައިވެރިވެވުނީތީ އެކަމަށް އުފާ ކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.