بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރ އިފްހާމް ޙުސައިން، އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިން، ޑޮކްޓަރ އެންޓަން، އަދި ވަޑައިގެންތިއްބެވި ހުރިހާ ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެނގިވަޑައިގަންނަވާނެ، މި ދާއިރާއަކީ މިއީ އަޅުގަނޑުމެންނަށް ވަރަށް ގިނަ އެހީތެރިކަން އެކި ގޮތްގޮތުން ބޭނުންވެފައި އޮތް ދާއިރާއެއް. ޚާއްޞަކޮށް، ބެލެނިވެރިންނަށް ބޭނުންވާ ސަޕޯޓް ވަރަށް މުހިއްމު. މާލޭ އޭރިއާ ބާއްވާފައި އަތޮޅުތަކަށް ބަލައިފި ކަމަށްވަންޏާ، އަދި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންކަން އެބަހުރި. އެ ފުރުޞަތު ވަރަށް ކުޑަކޮށް އޮތް ދާއިރާއެކޭ އަޅުގަނޑު ދަންނަވާނީ. އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އިންތިޚާބުވުމުގެ ކުރިންވެސް ޕޭރަންޓުންނާ ބައްދަލުވި. ވަރަށް ގިނަ ކަންތައްތަކެއް ހުރި ޕޭރަންޓުން ބޭނުންވާ. އަދި އަޅުގަނޑު ނުދެންނެވިޔަސް، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ހަމަ އަޅުގަނޑަކީވެސް މިއީ، ޕޭރަންޓެއްކަން. އެހެންވީމާ، ތިޔަބޭފުޅުންގެ ތެރެއިން ހަމަ ކޮންމެ ބޭފުޅެއްގެވެސް ހުންނަ އިޙްސާސްތަކެއް އަޅުގަނޑުގެވެސް ހުރޭ. ކަންދިމާކުރި ގޮތުން، އަޅުގަނޑުވެސް މިވީ ހަމަ ޕޭރަންޓަކަށް. އަދި ޕޭރަންޓަކަށް ނުވިނަމަވެސް، ވުމުގެ ކުރިންވެސް މި ދާއިރާގެ ކަންތައްތަކުގައި ކޮންމެވެސްވަރަކަށް އުޅެވުނު.އެ އިޙްސާސްތައް ހުރި. ޙަޤީޤަތުގައި އެކަން ވިސްނިފައި އޮތީ، ކޮންމެހެން އެއީ ޕޭރަންޓަކަށް ވީމައެއް ނޫން.

އަޅުގަނޑުމެންނަށް ބައެއް ބޭފުޅުންނާ ބައްދަލުވެފައި ހުންނާނެ. ޑިސްކަޝަންތަކެއްވެސް ބޭއްވިފައި ވާނެ. އެ ޚިޔާލު ބަދަލުކުރެވިފައި އޮތީ ކުރިންވެސް. އޭގެ ތެރެއިން ވަރަށް ގިނަ ރިކްއެސްޓްތަކެއް ހުރި. ވަކިވަކި ޕޭރަންޓުންގެވެސް އަދި އަޅުގަނޑުމެންނާ ސްކޫލްތަކުގެ އެކިއެކި ދާއިރާއާ ގުޅުންހުރި ސެން ޓީޗަރުންނާއި އަދި ސުޕަވައިޒަރުންނާއި، ޕްރިންސިޕަލުންނާ އެކުގައި ބައްދަލުވެ ވާހަކަ ދެކެވުނުއިރުވެސް. މާލޭ އޭރިއާ ވާހަކައެއް ނޫން އަޅުގަނޑު މި ދަންނަވަނީ. ރާއްޖޭގެ އެހެން ހިސާބުތަކުގެ ވާހަކަ. މާލޭ އޭރިއާ ނޫން އަތޮޅުތަކުގެ ސްކޫލްތަކަށްވެސް ދިއުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނު. އަޅުގަނޑު މި ދަންނަވަނީ ކުރީގެ ވާހަކަ. ކޮންމެހެން އަޅުގަނޑު މި މަޤާމުގައި ހުއްޓައެއް ނޫން. ކުރީގައިވެސް. އޭގެ ތެރެއިންވެސް ގިނަ ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑުމެންނަށް އެނގޭ.

އަޅުގަނޑުމެންނަށް ޤަބޫލު ކުރެވުނު، ވަރަށް ބޮޑު ފޯކަސްއެއް ދޭންޖެހޭކަން. ހަމައެކަނި ސްކޫލް ތެރޭގައި އަޅުގަނޑުމެން ކްލާސްރޫމްތަކެއް ހަދާފައި އަދި އެކިއެކި ތެރަޕީ ސެންޓަރުތައް ހުޅުވައިގެން، އެ މަސައްކަތް ކުރުމަކުންވެސް އަދި ނުފުދޭ. ކުއްޖާ ގިނަ ވަގުތު ހޭދަ މި ކުރަނީވެސް ގޭގައި. ވަރަށް ކުޑަ ވަގުތުކޮޅެއް އަސްލު ސްކޫލްގައި ހޭދަކުރެވެނީ. އަޅުގަނޑަށް އެނގޭ، އެއީ ހަމަ ވަރަށް ކުޑަ ވަގުތުކޮޅެއް. ޢާންމުކޮށް ނޯމަލް ސްކޫލްގައި އުޅޭ ކުދިންގެ އެއް ދަންފަޅި އެކީ. މިސާލަކަށް، ސްކޫލްގައި އަދި ހޭދަކުރިޔަސް ސްޕެޝަލް ނީޑް ކުދިންނާއި، އޯޓިޒަމް ކުދިން ނޫނީ މިގޮތަށް އެކިއެކި އެހީތެރިކަން ބޭނުންވާ ކުދިންގެ ވަގުތުކޮޅުވެސް ވަރަށް ކުޑަ. އެހެންވުމުންވެސް، ގޭގައި ހޭދަކުރާ ވަގުތު ވަރަށް ގިނަ. ކޮންމެ ގޮތެއްވިޔަސް ކުއްޖާގެ މަންމަ، ނޫނީ ކުއްޖާގެ ބައްޕަ، ނޫނީ ކުއްޖާގެ އެއްބަނޑު އެއްބަފާ ދެން ތިބޭ ސިބްލިންގްސް މި ތިބެނީ. އެހެންވީމާ، އެ މަޢުލޫމާތުތަކަކީ ވަރަށް މުހިންމު މަޢުލޫމާތުތަކެއް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ.

ޙަޤީޤަތުގައި މި ދެންނެވި ގޮތަށް، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެންވެސް ހަމަ ކުރަމުން މިދަނީ. ގާތަކަށްވެސް މި މަސައްކަތެއް އަދި ނުކުރެވޭ. އަދިވެސް އަޅުގަނޑުމެން އެކްސްޕެކްޓް ކުރާ ހިސާބަށްދާން ހަމަ އަޅުގަނޑަށް ހީވަނީ އަދި ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭނެހެން. އެހެންނަމަވެސް، މީގައި އަޅުގަނޑު ހަމަ ދަންނަވާފާނަން އެއްކަމެއްގައި އަޅުގަނޑުމެން މަސައްކަތްތަކެއް ފެށިން. ތެރެޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތްތައްވެސް އަޅުގަނޑުމެން ފެށިން، ރީޖަނަލީ ޑިވެލޮޕް ކުރަން. މިސާލަކަށް އެކި ސަރަޙައްދުތަކުން މީހުން ހޯދައިގެން މި ލޯންގް ޓާރމްގައި ކުރުން. އެހެންނަމަވެސް، ކޮންމެ ކަމެއްގައިވެސް ގޮންޖެހުންތަކެއް ހުރޭ. ހިލޭ ފުރުޞަތުތަކެއް ހުޅުވައިލީމައިވެސް އެ ވަގުތު ތަންކޮޅެއް ދަށްކޮށް ދިޔައީ. އެހެންނަމަވެސް، ކޮންމެވެސް މިންވަރެއްވި. މިހާރުވެސް ޓްރޭނިންގ ކުރިޔަށް އެބަދޭ. އެއާއެކު ސްކޫލްތަކުގެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ. ވަރަށް ގިނަ ޓްރޭނިންގތަކެއް ރާއްޖޭގެ ހުރިހާ ހިސާބުތަކުންވެސް، ދާއިރާގެ މުދައްރިސުންނަށާއި، ސްކޫލްތަކުގެ އިސްވެރިންނަށް ހިންގުނު. އަޅުގަނޑަށް އެކަން އެނގޭތީ މި ދަންނަވަނީ.

ހަމަ އެއާއެކު، ޖެންޑަރ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރެއްވި. ގިނަ ކަންތައްތަކެއް ފެށްޓިއްޖެ އަތޮޅުތެރޭގައި. ޚާއްޞަކޮށް، ކައުންސިލްތަކާއި އަދި އަތޮޅުތެރޭގައި އެކިއެކި ޖަމުޢިއްޔާތަކާ ގުޅިގެންވެސް ގިނަ ކަންތައްތަކެއް ހޯދިއްޖެ. މިވަރުންވެސް ނުފުދޭ. އަޅުގަނޑުމެންނަށް ހަމަ ޤަބޫލުކުރެވޭ، އަދިވެސް ނުފުދޭކަން. އަދި މި ސަތޭކަ ދުވަހުގެ ތެރޭގައި ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދާއިރާގެ މި ތެރަޕީއާ ގުޅުންހުރި ކަންތައްތަކެއްވެސް އަޅުގަނޑުމެން ކުރިކަން. އަޅުގަނޑު ހަނދާން އެބަހުރި، މާ ކުރީގައިވެސް މިކަމާ ގުޅޭ ވާހަކަތަކެއް ސްޓޭޓް މިނިސްޓަރ އޯޓިޒަމް އެސޯސިއޭޝަން ހިންގަވަން ހުންނެވިއިރު ވަރަށް ގިނައިން ދެކެވުނު. އޭރު ހިލޭ ތެރަޕީއެއް ނޯވޭ.

އަޅުގަނޑު ހަނދާން އެބަހުރި، އަޅުގަނޑު މަޖިލީހުގައި ހުރެގެން، ހިލޭ ތެރަޕީގެ ބިލެއްވެސް ހުށަހެޅިން. ސްޓޭޓް މިނިސްޓަރަށް އެނގިވަޑައިގަންނަވާނެ، އެހެންނަމަވެސް، އެވަގުތު ކަންދިމާކުރި ގޮތުން ފެއިލްވީ. މެޖޯރިޓީ ނެތުމުން ފެއިލްވީ. ދެން އެހެންނަމަވެސް، އަޅުގަނޑު ވަރަށް އުފާކުރަން، ރައީސުލްޖުމްހޫރިއްޔާގެ ސަތޭކަ ދުވަހުގެ ވަޢުދުގެ ތެރޭގައި، ހަމަ އެކަންތައް މި ވެގެން ދިޔައީ، އޭގެ ސަބަބުން. އަޅުގަނޑު އިފްހާމަށް އޭރުވެސް ދެންނެވިން، އެކަން އޭރު އަޅުގަނޑުމެން މަޖިލީހުގައި ތިބެގެން ކުރެވިއްޖެ ކަމަށްވަންޏާވެސް، ގިނަ ބަޔަކު ތެރަޕީ ސެންޓަރުތައް ހަދައި، އަތޮޅުތެރެއަށްވެސް އެ ފުރުޞަތު ހުޅުވިގެން ދާނެއޭ. ކޮންމެ ކަމެއްވެސް މި ކުރެވެނީ ސަސްޓެއިނެބަލް ގޮތަކަށް. އެއްވެސް ކަމެއް ނުކުރެވޭ، ހަމަ ހުސްއެކަނި ބަޔަކަށް މުސާރަ ދީގެން. އެ ނުހިފެއްޓޭނެ ގޮތަކަށް ނުކުރެވޭ. އެހެންވީމާ، ސަރުކާރަށް އެފަދަ ކަމެއް ކުރެވިއްޖެ ކަމަށްވަންޏާ، ޔަޤީނޭ މާލޭގައިވެސް ހުޅުވާނެ ވަރަށް ގިނަ ތެރަޕީ ސެންޓަރުތައް. ހުޅުވިގެން، އެ ފަސޭހަކަން ޕޭރަންޓުންނަށް ލިބި، އެ ޑިމާންޑާ އެއްވަރަށް ކޭޓަރ ކުރެވޭނެ ދުވަހެއް އަވަސް މުސްތަޤްބަލެއްގައި އަންނާނެ. ދެން އަޅުގަނޑު އުފާކުރަން މިއަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އެހާ ބޮޑު ސަމާލުކަމެއް ދެއްވައިގެން، އަޅުގަނޑުމެންވެސް ކޮންމެވެސްވަރަކަށް ނަމަވެސް، މަޖިލީހުގެ ތެރެއިންވެސް ކުރަން އުޅުނު ކަމެއް ކުރެވުނީތީ، އެކަމަށްޓަކައި އަޅުގަނޑުމެންވެސް އުފާކުރަން.

ދެން ހަމަ އެއާއެކު، އަޅުގަނޑުމެންނަށް މި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ޤާއިމު ކުރެވިއްޖެ މާލޭ އޭރިއާގައި. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެއީވެސް ހަމަ ސަރުކާރުގެ ޕްލޭންގެ ތެރެއިން ކުރެވުނު ކަމެއް. އަޅުގަނޑު ރިޕޯޓްތައް ބަލަން، ހުޅުމާލޭ ހޮސްޕިޓަލުން ކިހާވަރަކަށްތޯ ޚިދުމަތްތައް ހޯދަނީ، އިތުރަށް ކުރަން ހުރީ ކޮން ކަންތައްތަކެއްތޯ. ހަމަ އެއާއެކު، އައްޑޫ އަދި ކުޅުދުއްފުށީގައި އަންނަ މަހުގެ އަށެއްގައި، ޖޫން އަށެއްގައި ހުޅުވޭތޯ އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ މީގެ ސެންޓަރެއް. މިވަރުންވެސް ނުފުދޭ. އެއީ، ރާއްޖޭގައި ހުރިހާ ރަށްތަކަށްވެސް މި ޚިދުމަތް ބޭނުންވޭ.

އެހެންވީމާ، އަޅުގަނޑުމެން އުންމީދުކުރަނީ، އިރާދަކުރެއްވިއްޔާ، ކުރިޔަށް އޮތްތާނގައި، ޚާއްޞަކޮށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޖެންޑަރ މިނިސްޓްރީއާ، މި ދެ މިނިސްޓްރީން މިކުރެވޭ މަސައްކަތްތަކުން ކޮންމެވެސްވަރެއް އަޅުގަނޑުމެންނަށް ކުރެވޭނެ. ލޯންގް ޓަރމް ޕްލޭނަކީ ހަމަ ހުރިހާ ތަނަކަށްވެސް އަޅުގަނޑުމެންނަށް ރީޗްވުން. އެހެންވީމާ، އަޅުގަނޑު ހަމަ ހިތަށްއެރީ އެ ވާހަކަ ދަންނަވާލާނަމޭ. އަޅުގަނޑު ހަނދާން އެބަހުރި، ވަރަށް ގިނަ ފަހަރުމަތިން އަޅުގަނޑާ ޕޭރަންޓުންނާ ބައްދަލުވެއްޖެ. އެކިއެކި ޙަފްލާތަކުގައި، އަޅުގަނޑު ހުންނާނެ ވަރަށް ވާހަކަ ދައްކާފައި. މިއިން އެއްވެސް ކަމެއް ހަނދާނެއް ނުނެތޭ.

އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ އަދިވެސް ކުރަންހުރި ކަންތައްތައް ވަރަށް ގިނައޭ. އެއީ، މިކަމަކީ ދުރާލައި މާކުރިން ޕްލޭން ކުރެވިގެން ފެށިގެން ވަކި ގޮތަކަށް އައި ކަމެއްވެސް ނޫން. އަޅުގަނޑު ކޮންމެހެން ވަކި ބަޔަކާ ދިމާއަށް އެއްޗެއް ބުނަން ބޭނުމެއްވެސް ނޫން. އަޅުގަނޑަކީ އެކަހަލަ ވާހަކަ ދައްކަން ބޭނުންވާ މީހެއްވެސް ނޫން. ވަކި ބަޔަކު ކަންތައްތައް ނުކޮށް އޮތީމައޭ މިގޮތަށް މި ކަންތައްތައް ވީ. ޢިމާދުއްދީން ސްކޫލްގައި މިސާލަކަށް ވަކި ކްލާސްރޫމްތަކެއް، މަގުގެ އެއް ފަރާތަށް ލާފައި، ސެގްރިގޭޝަން އިތުރަށް ބޮޑުކޮށްލީ. އެކަހަލަ ވާހަކަ ދައްކަން އަޅުގަނޑު ބޭނުމެއްނުވޭ. އޭރު މިނިސްޓްރީއަށް ދިޔަ މީހުންނަކީ، އެ ކަންތައްތައްވެސް ރަނގަޅު ކުރަން ދިޔަ މީހުން. އަޅުގަނޑު މަޖިލީހުގައި ހުރެގެން އެޑިޔުކޭޝަން މިނިސްޓަރ އަރިހަށް އަޅުގަނޑުމެންވެސް ދިޔައިން. އެ ދުވަހުވެސް އަޅުގަނޑުމެންގެ ކަންބޮޑުވުން ފާޅުކުރިން. އަޅުގަނޑަކީ ޕޭރަންޓެއްތާ އޭރުވެސް.

އެހެންވީމާ، އޭރުއްސުރެ ފެށިގެން އަޅުގަނޑުމެންނަށް އެހާ ބޮޑަކަށް އަސްލު އުޅެވިފައެއް ނެތް އިނގޭތޯ. އެހެންނަމަވެސް، އަޅުގަނޑު ޔަޤީންކުރަނީ، ދެނެއް އަސްލު މިކަން ނުހުއްޓޭނެ ކަމަށް. އަޅުގަނޑުމެން ނުތިބެދާނެތާ. އަޅުގަނޑެއްވެސް ނުހުންނާނެތާ. އެކަމަކު އަޅުގަނޑަށް އެނގޭ ކަމަކީ، މިކަން ފަހަތަކަށް ނުދާނެކަން ދެން. އަބަދުވެސް ކުރިޔަށް އަޅާފައި އޮންނަ ފިޔަވަޅު، ދެން އަންނަ ބަޔަކު އައިސް، އެއަށްވުރެ އިތުރަށް ކުރިޔަށް އަޅާނީ. އެހެންވީމާ، ތިޔަބޭފުޅުންނަށްވެސް އެގޮތަށް އޮތް ހިތްހަމަޖެހުން އަޅުގަނޑަށް ހީވަނީ ބޮޑުވާނެހެން. ޖެންޑަރ މިނިސްޓްރީއާއި، އެޑިޔުކޭޝަން މިނިސްޓްރީއާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އަދި މި ސްކޫލްތަކާއި އަދި މި ރަށްރަށުގެ ކައުންސިލްތަކާ އެކީގައި ކުރެވުނު މަސައްކަތްތަކުން އަޅުގަނޑުމެންނަށް ކޮލެބްރޭޓިވް އެފަރޓެއް ލެވުނީތީވެ، އަޅުގަނޑުމެންނަށް މިއަދާ ހަމައަށް މި އާދެވުނީ. އެހެންވީމާ، ދެން އަންނަ ބަޔަކަށް މަޖުބޫރުވާނެ އިނގޭތޯ، ޔަޤީން މަޖުބޫރުވާނެ. ނުވެސް ހުއްޓާނެ. މިއަށްވުރެ ކުރިޔަށް އިތުރު ފިޔަވަޅެއް އަޅާނީ.

އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ ދެން މިގޮތަށް އަދި ތަންކޮޅެއް މަދު ޕޭރަންޓުންތަކެއް ތިއްބެވި ނަމަވެސް، އަޅުގަނޑަށް އެނގޭ މިއީ، ވަކި ގޮތަކަށް ޕްލޭން ކޮށްގެން ކުރިޔަށް ގެންދާ ސެޝަންތަކެއް ކަން. ތިޔަބޭފުޅުންވެސް ބޭނުންވާނެ އަޅުގަނޑު މިކަހަލަ އެއްޗެއް މިހެން އަރައި ކިޔައިލަން. މިއީ، އެކަމަކު ހަމަ ކިޔައިލާ އެއްޗެއް ނޫން އަނެއްކާވެސް އިނގޭތޯ. އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން، އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންތައްތައް ސާފުކުރަން ޚާއްޞަކޮށް ޖެންޑަރ މިނިސްޓްރީން، މިނިސްޓަރ އަރިހުން. އަދި ސްޓޭޓް މިނިސްޓަރަކީ، އެނގިވަޑައިގަންނަވާނެ، މި ދާއިރާގައި ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ބޭފުޅެއް އަދި އަޅުގަނޑުމެން ގޮތަށް އިޙްސާސްތަކެއްވެސް ހުންނަ ބޭފުޅެއް އެއީ ހަމަ. އެއީ ވެސް ޕޭރަންޓެއް އަނެއްކާ. އެހެންވީމާ، އެ ހުރިހާ ކަމެއް ވަރަށް ގާތުން ބަލާއިރު އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ކަމާބެހޭ ފަރާތުންވެސް އެ މަޢުލޫމާތުތައް އަޅުގަނޑުމެންނަށް ލިބޭ.

އަޅުގަނޑު ދެކެނީ އިރާދަކުރެއްވިއްޔާ، ކުރިޔަށް އޮތް ދުވަސްތަކުގައި، އިތުރު ކަންތައްތަކެއް ކުރެވޭނެ ކަމަށް. އަޅުގަނޑުމެންނަށް އޮތީ ހަމަ ގިނަ ކަންތައްތަކެއް ކުރަން. މި ކަންތައްތަކުގެ ތަމްރީނު، ބޭނުންވާ ކުދިންނަށް އިތުރަށް ތަމްރީނު ފުރިހަމަކޮށްދިނުމަށްޓަކައި މަސައްކަތް ކުރުން. އެކަން އަޅުގަނޑުމެން ކުރާނެ ވާހަކަ ހަމަ އަޅުގަނޑު ޔަޤީންކަމާއެކު ދަންނަވާލަމުން، މި ކަންތައްތައް އިންތިޒާމު ކުރުމަށްޓަކައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު އަދާކުރަމުން، މި ވާހަކަކޮޅު އަޅުގަނޑު ނިންމާލާނީ.

ވަރަށް އުފާކޮށްފިން، އަޅުގަނޑާ ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން މިގޮތަށް ފުރުޞަތެއް ލިބުނީތީ. އަޅުގަނޑު ހަމަގައިމުވެސް ހުރިހާ ޕޭރަންޓުންގެ ތެރެއިން އެންމެ ބޮޑަށް ބައްދަލުކޮށްލަން އަބަދުވެސް ބޭނުންވާ ބޭފުޅުންނަކީ މިއީ. އެހެންވީމާ، އެ ފުރުޞަތު ދެން އަޅުގަނޑަށް މި ފަހަރު މި ބޭފުޅުން ހޯއްދަވައިދެއްވީތީ، މި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ޝުކުރު އަދާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.