ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ނިލަންދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި އެމަނިކުފާނުގެ އަރިހުގައި އެރަށަށް ދަތުރުކުރެއްވި ވަފުދަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސައިދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކައުންސިލާއި ބައްދަލު ކުރެއްވުމުގެ ކުރިން ރައްޔިތުންނާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ރަށުގެ ރައްޔިތުން ބޭނުންވެފައިވާ މުހިންމު ގިނަ ކަންތައްތަކެއް ހުށައަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރަށު ކައުންސިލުން ވަނީ، ރައްޔިތުންނަށް ބޭނުންވެފައިވާ ތަފާތު ހަތްކަމެއް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ. މި ކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުރި ދަތިތައް ނައްތައިލުމާއި، ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމާއި، ކައުންސިލް އިދާރާގެ އައު ޢިމާރާތެއް އެޅުމާއި، ފުލުހުންގެ މަރުކަޒެއް ބިނާކުރުމާއި، އަދި ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޑަޔަލަސިސް ހެދޭނެ ގޮތާއި، ހޮސްޕިޓަލްގައި އައިސީޔޫއެއް ޤާއިމްކުރުމާއި، އިންޖީނުގެ ރީލޮކޭޓްކުރުމާއި، ފެރީގެ ނިޒާމްގެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމާއި، ޤުރްއާނާއި ބެހޭ މަރުކަޒުގެ ގޮފި ހިންގުމުގައި ދިމާވެފައިވާ ޢިމާރާތުގެ ދަތިކަން ހިމެނެއެވެ. މީގެ އިތުރުން، ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ ކޮމިޓީ އެކުލެވިފައި އޮންނަ ގޮތުން، ކޮމިޓީ ހިންގުމުގައި ހުރި ދަތިތައް ފާހަގަކުރައްވައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެނދިޔުމަށްޓަކައި އެ މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއްސަސާތަކާއި ގުޅިގެން އަވަސްކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިގޮތުން ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގައި އިސްކަންދެއްވައި، ބަނދަރާއި، އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ނިލަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓިއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ، ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ ހޮސްޕިޓަލްގެ ވެރިންނާއި މުވައްޒަފުންނާއި އަދި ހޮސްޕިޓަލުން ޚިދުމަތް ހޯދަމުންގެންދާ އާންމުންނާއި، ބައްދަލުކޮށްލައްވައި، ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު އޮޅުން ފިލުއްވަވާފައެވެ.

ފ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ނިލަންދޫގައި، އަމިއްލަ ފަރާތަކުން ހިންގާ، "ތަދްރީސުލް ޤުރުއާނުލްކަރީމް" ރަސްމީގޮތުން ހުޅުއްވައިދެއްވާފައެވެ. އެ ޤުރުއާން ކުލާސް ހުޅުއްވައި ދެއްވުމަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ޤުރްއާން ކުލާސް ބައްލަވާލެއްވިއެވެ. މިޤުރުއާން ކުލާހަކީ، ހެނދުނު ކުލާހުގެ ނަމުގައި، 1969 ވަނަ އަހަރު ފެށުނު ޤުރުއާން ކުލާހެކެވެ. މިއަދު ރަސްމީކޮށް ހުޅުވި މި ޤުރުއާން ކުލާހުގެ އައު ޢިމާރާތުގައި 2 ކުލާސްރޫމް ހިމެނޭއިރު، މިހާރު މި ޤުރުއާން ކުލާހުގައި 100 ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދެއެވެ.

ރައީސުލްޖުމްހޫރިޔާގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ވަޑައިގަންނަވާނީ، ފ. ދަރަނބޫދޫއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ފ. އަތޮޅަށް މި ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.