بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ދައުލަތުގެ ވަޒީރުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލުކުރާ ދަރިވަރުން، ދަރިވަރުންގެ ލޮބުވެތި ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިރެއަކީ، ދިވެހި ދަރިންނަށް ކިޔަވައިދިނުމަށް ސަރުކާރުގެ ފަރާތުން މިކުރާ މަސައްކަތުގެ ތެރެއިން، އުފެދުނު އުންމީދީ ކުދިންކޮޅެއް ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކުރެވިގެންދާ ރެޔެއް. އަދި ތަޢުލީމު ޙާޞިލުކުރުމަށް އެ ކުދިން ކުރާ މިންނެތް މަސައްކަތަށް އިތުރު ބާރަކާއި ހިތްވަރެއް ލިބިގެންދާ ރެޔެއް.

އެހެންކަމުން، މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެންމެ މޮޅު ދަރިވަރުންގެ މަޤާމު ޙާޞިލުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ޙާޞިލުކުރި 17 ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ކިޔައި، އައްސަރިބަހާއި ސާބަސް ރައްދުކުރަން. އަދި، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި 138 ދަރިވަރުންނަށްވެސް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ކިޔަން.

މަތީ ސާނަވީ ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕެއް، ދައުލަތުގެ ފަރާތުން ދެނީ ވަރަށް މަތިވެރި މަޤްޞަދެއްގައި. އަދި އެހާ މުހިންމު ބޭނުމެއްގައި. އެއީ، މަތީ ސާނަވީ މަރުޙަލާގައި ރަނގަޅަށް ކިޔެވުމަށް ބާރުއެޅުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދިނުން.

މިއީ، ކިތަންމެ ގޮތަކުން ބަލާއިރުވެސް، ވަރަށް މުހިންމު ސްކޮލަރޝިޕެއް. ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބުމަކީ އެއީ، އެ ދަރިވަރަކަށް ލިބޭ މަތިވެރި ފަޚުރެއް. އަނެއް ކަމަކީ، މި ސްކޮލަރޝިޕްގެ ދަށުން، މަތީ ތަޢުލީމް ޙާޞިލުކުރުމުގައި، އެ ދަރިވަރަކަށް ލިބޭ ޢިނާޔަތްތައް. ދުނިޔޭގެ ކޮންމެ ޤައުމެއްގައި، އެ ކުއްޖަކު ބޭނުން ދާއިރާއަކުން ކިޔެވުމުގެ މަގު ފަހިވުމަކީ، އެ ދަރިވަރަކަށް ލިބޭނެ ރަނުގެ ފުރުޞަތެއް.

ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަކީ ވެސް ހަމަ އެހާ ޚާއްޞަ ޒުވާނުންކޮޅެއް. ދުނިޔޭގެ އެންމެ ފެންވަރު މަތީ ޔުނިވަރސިޓީތަކުގައި ކިޔެވުމުގެ ފުރުޞަތު ވެސް މި ސްކޮލަރޝިޕްގެ ދަރިވަރުންނަށް ލިބިގެންދޭ. އޯ.އީ.ސީ.ޑީ.ގެ 38 ޤައުމުން ކުރެ، އެ ދަރިވަރަކު ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބުމަކީ ވެސް، ވަރަށް ބޮޑު ނަސީބެއް.

މި ރަސްމިއްޔާތުގައި ސްކޮލަރޝިޕް ލިބުނު 155 ދަރިވަރުންނަށް ވެސް އަޅުގަނޑު ދަންނަވަން އޮތީ، ޤައުމުގެ އިންސާނީ ވަސީލަތް މުއްސަނދި ކުރުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، ތިޔަ ދަރިވަރުންނަކީ ވަރަށް އުންމީދީ ކުދިންކޮޅެކޭ. ތިޔަ ދަރިވަރުންނާ މެދު މި ޤައުމު ކުރާ ވަރަށް ގިނަ އުންމީދުތަކެއް އެބަހުރި.

އެއީ، ތިޔަ ކުދިންނަކީ ޤައުމު ދެކެ ލޯބިވާ، އަދި ޤައުމީ ތަރައްޤީގެ ޒިންމާތައް އުފުލުމަށް ތައްޔާރަށް ތިބި ޒުވާނުންތަކަކަށް ވުން. ތިޔަ ކުދިންގެ ކިބައިގައި އެ ޤާބިލުކަމާއި އެ ހިތްވަރު އެބަހުރިކަން، ތަޢުލީމީ ރޮނގުން ތިޔަ ކުދިން ޙާޞިލުކުރި ނަތީޖާއިން އެބަ ދައްކައިދޭ. އަދި ތިޔަ ކުދިންނަކީ، ސަރުކާރުން މިހާރު ފަހިކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، މި ޤައުމު ބިނާކުރާނެ ކުދިންކަމާ މެދު އަޅުގަނޑު ޝައްކެއްވެސް ނުކުރަން.

ރާއްޖޭގެ ރަސްމީ ތަޢުލީމުގެ މުޅި ތާރީޚަށް ބަލާއިރުވެސް، މަތީ ތަޢުލީމު ޙާޞިލުކުރުމަށް މީގެ ކުރިން ދުވަހަކުވެސް ފަހިވެފައި ނެތްހާ ގިނަ ފުރުޞަތުތައް މިހާރު އެބައޮތް. ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިބްރާހީމް ޙަސަން އެކަން ފާހަގަކުރެއްވި. އަދި މިއިން ޒަމާނަކުވެސް، ބޭރު ޤައުމުތަކުން ސްކޮލަރޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ދިވެހި ދަރިވަރުންނަށް ބޭރު ޤައުމުތަކުން މިހާރު ސްކޮލަރޝިޕްތައް އެބަ ލިބޭ.

ފުދުންތެރިކަން ނެތް ޢާއިލާތަކުގެ ދަރިވަރުން މަތީ ސާނަވީގައި ރަނގަޅު ނަތީޖާ ހޯދިޔަސް، އިތުރަށް ކިޔެވުމުގެ ފުރުޞަތު، މީގެ ކުރިން އޮތީ ވަރަށް ހަނިކޮށް. އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކަށްވީ އެ ތަފާތުތައް ނައްތައިލުން. މިއަދު ދިވެހި ކޮންމެ ދަރިވަރަކަށް އެ ފުރުޞަތު އެބައޮތް. އަޅުގަނޑުމެން ތަޢާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ދަރިންނަށް މަތީ ތަޢުލީމު ދިނުމަށްޓަކައި ރާއްޖޭގައި މިހާތަނަށް ފެށި އެންމެ ބޭނުންތެރި ޕްރޮގްރާމް. އަދި، ދަރިންނަށް ކިޔަވައިދީގެން އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ގޮތުންވެސް ރާއްޖޭގައި މިހާތަނަށް ހިންގަމުން އަންނަ، ނަތީޖާ އެންމެ ރަނގަޅު ޕްރޮގްރާމް.

އަޅުގަނޑުމެން ހިލޭ ޑިގްރީ ޕްރޮގްރާމް ފެށީ 2019 ވަނަ އަހަރު. އޭގެ ފަހުން މިހާތަނަށް، އެ ޕްރޮގްރާމަށް 567 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވިއްޖެ. އަދި މިހާތަނަށް 17 ހާހަށްވުރެ ގިނަ ދަރިވަރުންނަށް، ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެވިއްޖެ. އަދި އޭގެ ތެރެއިން 6500 އަށްވުރެ ގިނަ ދަރިވަރުން މިހާރު ވަނީ ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައި.

ދިވެހި ދައުލަތުގެ އިތުރުން، ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީގައިވެސް، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް އަޅުގަނޑުމެންނަށް މިހާރު އެބަ ހޯދައިދެވޭ. އެފަދަ ސްކޮލަރޝިޕް ސްކީމްތައް އިތުރުކޮށް، މަތީ ތަޢުލީމާއި ތަމްރީނުގެ ގިނަ ފުރުޞަތުތަކެއް މިހާރުވެސް ހުރީ ތަނަވަސްކުރެވިފައި.

ހިލޭ ޑިގްރީ އާއި ސްޓޫޑެންޓް ލޯން ސްކީމް ނުހިމަނައި، ދައުލަތުގެ ޚަރަދުގައްޔާއި ރަޙްމަތްތެރި ޤައުމުތަކުގެ އެހީގެ ދަށުން، ތަފާތު 25 ޤައުމެއްގައި، އެކި ސްކޮލަރޝިޕްތަކުގައި 418 ދަރިވަރުން މިހާރުވެސް މަތީ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ކުރިއަށް އެބަ ގެންދޭ. މިފަދަ ސްކޮލަރޝިޕްތަކަށް މިހާތަނަށް މި ސަރުކާރުން 528 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިއްޖެ.

ލޯނު އެހީގެ ދަށުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުޞަތުތައް ވެސް ކުރިއާ އަޅައި ބަލާއިރު، މިހާރު ވަރަށް ބޮޑުތަން ވަނީ އިތުރުކުރެވިފައި. މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 6 ފަހަރަކު ވަނީ ހުޅުވައިލެވިފައި. އެ 6 ފުރުޞަތުގައި ކުރިމަތިލި، 1986 ދަރިވަރަކަށް މިހާރު ވަނީ ލޯނުގެ އެހީ ދެވިފައި.

މި ދެންނެވި 1986 ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކިޔެވުން މިހާރު ނިންމައިފި. އަދި މިހާރުވެސް 831 ދަރިވަރުން އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުން އެބަގެންދޭ. އަދި ބައެއް ދަރިވަރުން މިހާރު ތިބީ ކިޔެވުން ފަށަންވެސް ވެފައި.

މި އަހަރު ހުޅުވައިލި ލޯނުގެ 720 ފުރުޞަތަށްވެސް 1507 ދަރިވަރުން ކުރިމަތިލި. މިހާރު ކުރިއަށް އެދަނީ އެ ކުދިންގެ ހުށަހެޅުންތައް ވަޒަންކުރުމުގެ މަރުޙަލާ. ސްޓޫޑެންޓް ލޯން ސްކީމަށް އަޅުގަނޑުމެން ގެނައި ބަދަލުތަކުގެ ދަށުން، ލޯނު އެހީގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވިއްޖެ.

އަޅުގަނޑު ދެކޭގޮތުގައި، ކުދިންނަށް ކިޔަވައިދިނުމަށް، އަދި މަތީ ތަޢުލީމާއި ތަމްރީނު ހޯދައިދިނުމަށް، ސަރުކާރުން މިދޭ އެހީތަކަކީ، ދައުލަތުން ކުރާ ޚަރަދުތަކެއް ނޫން. އެއީ އޭގެ އަންދާޒާ މުޤާބިލު ވަރަށް ބޮޑު، އަދި ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ޤާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމަންޓެއް. އަދި އޭގެ ހެޔޮ ނަތީޖާ، އެތައް އަހަރަކަށް ލިބެމުންދާނެ، ވަރަށް އަގުހުރި މަސައްކަތެއް.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ އާބާދީގެ 37 އިންސައްތައަށް ވުރެ މަތީ ނިސްބަތަކީ ޒުވާނުން. އެއީ ޤައުމުގެ ތަރައްޤީގެ ހުންގާނު ހިފަން ތިބި މީހުން. އެހެންކަމުން، އަޅުގަނޑުމެން ތަޢުލީމީ ދާއިރާއިން މި ފަހިކޮށްދޭ ފުރުޞަތުތަކުގެ އަމާޒަކީ، ޤައުމަށް ބޭނުންތެރި އަދި ޤައުމީ ޒިންމާތައް އުފުލަން ތައްޔާރަށް ތިބި ޒުވާނުންތަކެއް އުފެއްދުން.

މިކަމުގައިވެސް އަޅުގަނޑުމެން ކުރިއަށް ފިޔަވަޅުތައް އަޅަމުން މިދަނީ މިންތީގެ ހަމަހަމަކަމާއެކު. މިރޭ ސްކޮލަރޝިޕް ޙާޞިލުކުރި 155 ދަރިވަރުންގެ ތެރޭގައިވެސް، 102 އަންހެން ކުދިން ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް. މިއީ، އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކުގެ ބޭނުން ހިފާ މިންވަރު އިތުރުވަމުން އަންނަކަމުގެ ހެއްކެއް.

ތަރައްޤީގެ މަގުގައި މިހާރު އަޅުގަނޑުމެންނަށް އާދެވިފައި މިތިބަ ހިސާބަށް ބަލާއިރު، އަންހެން ފިރިހެން ތަފާތުނުކޮށް، ހުރިހާ ދަރިންނަށް، ހުރިހާ ޒުވާނުންނަށް، މަތީ ތަޢުލީމާއި ތަމްރީނު ދިނުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ސަބަބަކީ، ޙަޤީޤީ ތަރައްޤީއަކީ ތަޢުލީމުގެ ކާނާއިން އިންސާނާގެ ސިކުނޑީގައި ހެދި ބޮޑުވެ، މުޅި މުޖުތަމަޢަށް އޭގެ ހިޔާ ފަތުރައިދޭ އެއްޗަކަށް ވާކަން.

މަތީ ތަޢުލީމް ޙާޞިލުކުރުމަށް އަދިވެސް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް އަޅުގަނޑުމެން މިހާރުވަނީ އިތުރު ގޮތްތަކެއް ހޯދާފައި. އެއީ "މެރިޓް ސްކޮލަރޝިޕް"ގެ ނަމުގައި، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަލަށް ފަށާ ސްކޮލަރޝިޕް ސްކީމެއް.

މެރިޓް ސްކޮލަރޝިޕް ލިބޭނީ، ރައީސްގެ ޚާއްޞަ އެވޯޑާއި ހައި އެޗީވަރސް ސްކޮލަރޝިޕްގައި ނުހިމެނޭ ދަރިވަރުންނަށް. މިއީ އެ ދަރިވަރަކު ޔުނިވަރސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓަރ ހޯދާ ދަރިވަރުންނަށް އަޅުގަނޑުމެން ޚާއްޞަކުރާ ސްކޮލަރޝިޕެއް. މި ސްކީމާ ގުޅޭ އިތުރު ތަފްޞީލުތައް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަރަށް އަވަހަށް ޢާންމު ކުރައްވާނެ.

މިފަދަ ފުރުޞަތުތައް ފަހިކޮށްދީގެން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ދިވެހި ދަރިވަރުންގެ ސިކުނޑިތައް ޒަމާނީ ތަޢުލީމުން ތަރައްޤީކުރަން. ސްކޮލަރޝިޕްތަކާއި، ލޯނު ސްކީމްތަކާއި، އެވޯޑްތަކުގެ ޙަޤީޤީ މަޤްޞަދަކީ އެއީ. އެކަމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ތަޢުލީމީ ނޫރުން ދިވެހި އުންމަތް އުޖާލާވެގެން ދިއުމުގެ ނަސީބު މިންވަރުކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.

އަޅުގަނޑުގެ އުންމީދަކީ، މިރޭގެ މި އުފާވެރި ޙަފްލާއިން މިފެންނަ އުންމީދީ މޫނުތަކަކީ، ދިވެހި އުންމަތުގެ ކުރިމަގަށް އަލިކޮށްދޭނެ ޢިލްމީ ދަންމަރުތަކެއް ކަމުގައި ވެގެން ދިއުން. ތިޔަ އެންމެހައި ދަރިވަރުންނަށް އަދިވެސް އެއްފަހަރު ތަހުނިޔާ ކިޔަމުން، ތިޔަ ދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިން އުފުއްލެވި ބުރައަށްޓަކައި ނިހާޔަތަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ތިޔަ ދަރިވަރުންނަށް އުނގަންނަވައިދެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުޢާކުރަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.