بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ސޯޝަލް ކައުންސިލަށް ނިސްބަތްވާ ވަޒީރުން، ދިވެހި ފުލުހުން، ދައުލަތުގެ އެކިއެކި އިދާރާތަކުގެ އިސްވެރިން، ކުންފުނިތަކުގެ ވެރިން، އަދި ވަކިން ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއަށް ނިސްބަތްވާ ޕްރިންސިޕަލުންނާއި އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ރައްކާތެރިކަން ޔަޤީންކޮށްދިނުމަކީ އެއީ، މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް. ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މި ދެންނެވި ކަންތައްތައް ކުރުމަށްޓަކައި ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ. އެނގިވަޑައިގަންނަވާނެ، ރައްކާތެރިކަމަށް ވިސްނާލާއިރު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މިވަނީ ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައި. އަޅުގަނޑުމެން 2019 ގައި ކެމްޕެއިނެއް ފެށްޓިން. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައްޔާއި، އަދި ގްރޭޓަރ މާލޭ އޭރިޔާގައިވެސް އެވެއަރނަސް ކްރިއޭޓް ކުރުމަށާއި އަދި މިކަމުން ދިމާވާ އެކިއެކި ކަންތައްތައް ރައްޔިތުންނާ ހަމައަށް ވީހާވެސްވަރަކުން ފޯރުކޮށްދިނުމަށްޓަކައި، ވަރަށް ގިނަ ޕްރޮގްރާމްތަކެއް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަދި އެކިއެކި މުއައްސަސާތަކާއި، ކުންފުނިތަކާއި، އަދި ސަރުކާރުގެ އޮފީސްތަކާއި، އަމިއްލަ ފަރާތްތަކާއެކު ގުޅިގެން ވަނީ ކުރިއަށް ގެންދެވިފައި.

ޙަޤީޤަތުގައި މިއަދު އަޅުގަނޑުމެން ކުރީގައި ދަންނަވާނުލާ މިންވަރަށް، ވަރަށް ގިނަ ފަރާތްތައް، ސަރުކާރުގެ އެންމެ އިސް ފަރާތްތަކާއި، ކުންފުނިތަކުގެ އިސްވެރިންނާއި އަދި އަމިއްލަ ފަރާތްތައް އަޅުގަނޑަށް އެބަ ފެނޭ. މި ޙަފްލާގެ ތެރެއިން، އަމިއްލަ ގިނަ ފަރާތްތަކެއް. ޚާއްޞަކޮށް، ހޮސްޕިޓަލްތަކާއި އަދި އެކި ކުންފުނިތަކުގެ އިސް ވެރިންވެސް. މިގޮތަށް ދަންނަވާލަން ޖެހުނު ސަބަބަކީ، ޚާއްޞަކޮށް، ރަމަޟާން މަހެއްގައި އަޅުގަނޑުމެންނަށް އެނގޭ، ވަގުތު ހޯއްދަވަން އެހާ ފަސޭހައެއް ނޫން. އެހެންނަމަވެސް، މިކަމުގެ މުހިންމުކަން އޮތް މިންވަރުން ދިވެހި ފުލުހުންގެ ޚިދުމަތުން ޤަބޫލުކުރާ ގޮތުގައި، މިއިން ކޮންމެ މީހަކާ ހަމައަށް އަޅުގަނޑުމެން ރީޗްވާން ޖެހިއްޖެ. ޚާއްޞަކޮށް މާލޭ ސަރަޙައްދުގައި. އަދި ރާއްޖޭގެ ބިން ބޮޑެތި ނުވަތަ މަގުތައް ހެދިގެން ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށުގައި، އަޅުގަނޑުމެން މި ކުރިއަށް މިގެންދާ ކެމްޕެއިންގެ މަޤްޞަދާއި މިކަމުގެ ބޭނުން، ކޮންމެ މީހަކާ ހަމައަށް ވަރަށް ރަނގަޅަށް ގެންދަން ޖެހިއްޖެ.

އަޅުގަނޑު ނުދެންނެވި ނަމަވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ހަމައެކަނި އިއްޔެ ހިނގައިދިޔަ ކަންތައްތަކަށް ވިސްނާލި ނަމަވެސް، ވަރަށް ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާތަކެއް ހިނގައި ގޮސްފައި ވަނީ، ރ. މަޑުއްވަރީގައި. އަދި ހަމަ އެއާއެކު، އަޅުގަނޑުމެންނަށް ދެން ފެނިގެންދިޔައީ، މާލޭ އޭރިއާގައި، ޓްރެފިކް ލައިޓް ރަތް ކުލަ އަރާފައި ހުއްޓާ އެ ދުއްވާލީ. އޭގެ ސަބަބުން އެކްސިޑެންޓްތަކެއް ވެފައި، އެތައް ބަޔަކަށް އަނިޔާތަކެއް ވެގެންދިޔަ.

އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް، ވަރަށް ބޮޑު އެދުމެއް ޚާއްޞަކޮށް، ހެލްތު ދާއިރާ، އަދި އެޑިޔުކޭޝަން ދާއިރާއަށް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންނާއި އަދި ދަރިވަރުން، ދެން ނަރުހުން. މިގޮތަށް ބަލާއިރު، ވަރަށް ގިނަ އަދަދެއް އެބަ ހިމެނޭ. ދިވެހި ފުލުހުންގެ ޚިދުމަތުން މި ކުރައްވާ މަސައްކަތްތައް އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ އެސް.އޯ.އީ.އެއް، ކޮންމެ ކުންފުންޏެއް، އޮފީހެއް، ތިމަންނާމެންގެވެސް ހަމަ އަމިއްލަ ކަމެއްކަން، ތިމަންނާމެން ކުރަންޖެހޭ ކަމެއްކަން، ތިމަންނާމެން ކޮންމެ މީހަކަށް، ކޮންމެ މުވައްޒަފަކަށް، މި ކަންތައްތަކުގެ މުހިންމުކަން އެނގެން އެބަޖެހޭކަން އަންގައިދިނުމަކީ، އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މި ދެންނެވި ގޮތަށް، އަމިއްލަ ހޮސްޕިޓަލްތަކާއި، ސަރުކާރުގެ ހޮސްޕިޓަލްތަކާއި، އަމިއްލަ ކުންފުނިތަކާއި އަދި ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތައް ހިމެނޭގޮތަށް ގިނަ ޕްރޮގްރާމްތަކެއް އަޅުގަނޑުމެން ހިންގައިފިން. 2019 އިން ފެށިގެން ހަމަގައިމުވެސް އެތައް ޕްރޮގްރާމެއް އަޅުގަނޑުމެންނަށް ހިންގިއްޖެ. ހިތާމައަކީ އަޅުގަނޑުމެންގެ ތެރޭގައި ހަމަ އެކްސިޑެންޓްގެ އަދަދުތައް އަދިވެސް ގިނަކަން.

މި ޕްރެޒެންޓޭޝަންގައި ވަރަށް ގިނަ މަޢުލޫމާތުތަކެއް ގިނަ އަދަދަކަށް އެބަހުރި. މަދެއް ނޫން. ވަރަށް ގިނަ. ސަތޭކައިން ގުނާލެވޭ އަދަދަށް އެކްސިޑެންޓްތައް ހިނގަމުން ދަނީ. އަޅުގަނޑުމެންނަށް އެބަ އެނގޭ، މިއީ އަޅުގަނޑުމެންގެ ކޮންޓްރޯލްގައި އޮތް ކަމެއްކަން. ފަރުވާކުޑަކުރުން، އިހުމާލުވުން، ވިސްނައިނުލެވުން، ނޫނީ ސަމާލުކަން ދޭންޖެހޭ މިންވަރަށް ސަމާލުކަން ނުދެވުން. މި ދެންނެވި ކޮންމެވެސް އެއް ކަމެއް ހިނގައިގެން، އެކްސިޑެންޓެއް މި ހިނގަނީ. އެހެންވީމާ، އަޅުގަނޑުމެން ޤަބޫލުކުރަނީ، ދިވެހިރާއްޖޭގެ މާލޭ ސަރަޙައްދުގައި، ނޫނީ އެހެނިހެން ރަށްރަށުގައިވެސް ދުއްވާ ކޮންމެ މީހަކު މިކަމަށް ސަމާލުވެއްޖެ ކަމަށްވަންޏާ ވަރަށް ބޮޑުތަނުން، ވަރަށް ބޮޑުތަނުން މި ކަންތައްތައް ދަށްކުރެވޭނެ ކަމަށް. އެނގިވަޑައިގަންނަވާނެ، ވިސްނައިނުލާ، ސަމާލުކަން ނުދެވި ކުރާ ކަމަކުން، މެޓަރ އޮފް ފިއު ސެކަންޑްސް، ލައިފެއް ގެއްލިގެން މިދަނީ. ނުވަތަ އެ މީހަކު މުޅި އުމުރަށް ދަތި އުނދަގޫ ގޮތަކަށް ދިރިއުޅެން މިޖެހެނީ. ބޮޑު އަނިޔާއެއް، ބޮޑު ގެއްލުމެއް ލިބިގެން.

އެހެންވީމާ، މިކަމަށް ވިސްނަން އެބަޖެހޭ އަޅުގަނޑުމެން މިއަދު. މިއީ ވިސްނާ ކެމްޕެއިން، އެގޮތަށްވެސް އަޅުގަނޑުމެން ކިހާ ހިސާބަކަށް މިހާރު ހިނގައްޖެތޯ. ރައްކާ ކެމްޕެއިން، ވިސްނަންޖެހޭ ކަމެއްގެ ގޮތުގައި. މަގުމައްޗަށް ނުކުންނަ ހަމަ ކޮންމެ މީހަކު ވިސްނާލަން އެބަޖެހޭ. އަޅުގަނޑަށް އުނދަގޫ މި ވާހަކަ ދައްކަން. އަޅުގަނޑު އެވަގުތު ގުޅިން ރ.އަތޮޅު މަޑުއްވަރިއަށް. އަޅުގަނޑަށް އިޙްސާސް ކުރެވޭ، ކޮންފަދަ ކަމެއްކަން މިކުރީ. އެހެންވީމާ، މިހެން ހިނގައިދިޔަ ކޮންމެ ކަމަކަށް އެއީ، އަދި ފަރުވާކުޑަވެގެންވިޔަސް، އިހުމާލުވިޔަސް، ކޮންމެ ގޮތަކަށް ހިނގައިދިޔަސް، އަޅުގަނޑުމެން އެކަމަށްޓަކައި ވަރަށް ހިތާމަކުރަން.

މިއަދު، އަޅުގަނޑުމެންގެ އަދި، ދިވެހި ފުލުހުންނާއި ސަރުކާރުގެ އާދޭހަކީ، ދުއްވާ ކޮންމެ މީހަކު މި ދެންނެވި ގޮތަށް މިކަމަށް ފަރުވާތެރިކަން ބެހެއްޓުން. ކަމެއް ހިނގާފާނެކަން. ހިނގާބިނގާވާ މީހުންވެސް އުޅޭނެކަން. ހުރިހާ ކަމަކަށް ވިސްނައިގެން އުޅެންވީ. ޒިބްރާ ކްރޮސްއިން ހުރަސްކުރާ ފަރާތްތަކަށްވެސް ވަގުތުކޮޅެއް ދޭންވީމާވެސް އަޅުގަނޑުމެންނަށް ބައެއްފަހަރު އުނދަގޫވެފައި ތިބެނީ. ނުވަތަ ބެލުމެއްނެތި ދިޔުމުން ވަރަށް ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުރި. ހުރަސްކުރަން ކަނޑައެޅިފައި އޮންނަ ތަނުން ހުރަސްކުރާ ވަގުތު، ހުރަސްކުރާ މީހާގެ ގައިގައި ޖެހި އެކްސިޑެންޓް ވެގެންވެސް އެބަހުރި، ވަރަށް ހިތާމަވެރި ހާދިސާތައް ހިނގާފައި.

އަޅުގަނޑަށް ހީވަނީ އަޅުގަނޑު ދިގުކޮށްވެސް ދައްކަން އޮތީ ހަމަ އެއް ވާހަކައެއްހެން. މިކަމަށް ސަމާލުވުމާއި، މިކަމަށް އަހަންމިއްޔަތުކަން ދިނުމާއި، މިކަމާ ދޭތެރޭގައި ވިސްނުމަށް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ސްކޫލް ޕްރިންސިޕަލުން އަޅުގަނޑަށް އެބަ ފެނޭ. ސްކޫލް މޮނީޓަރސް ޕްރޮގްރާމަކީވެސް ދިވެހި ފުލުހުންގެ ޚިދުމަތާއި، އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރިޔަށްގެންދާ ވަރަށް ކާމިޔާބު ޕްރޮގްރާމެއް. ޚާއްޞަކޮށް، ޕްރިންސިޕަލުންވެސް މިކަމުގައި މަސައްކަތް ކޮށްދެއްވާ. ތަޢުލީމު ދިނުމަކީ، އަޅުގަނޑުމެން އެންމެން އެކުގައި ރައްކާތެރިކަމާއެކު ހަމަޖެހިގެން، ހިތްހަމަޖެހުމާއެކު އުޅެވޭނެގޮތްވެސް ހޯދައިދިނުން. އެހެންވީމާ، މިއަށްވުރެ މުހިންމު އެއްވެސް ކަމެއް އަޅުގަނޑަކަށް މިއަދު ނުފެނޭ.

ހަމަ އެއާއެކު، ހޮސްޕިޓަލްތަކަށް، ހެލްތު ދާއިރާއަށް ބަލައިފި ކަމަށްވަންޏާވެސް ވަރަށް ގިނަ މުވައްޒަފުން. އަށްސަތޭކަ، ނުވަސަތޭކަވަރަކަށް ނަރުހުން ހަމައެކަނި އަޅުގަނޑުމެން އައި.ޖީ.އެމް.އެޗަށް ބަލައިލިޔަސް މަސައްކަތް ކުރައްވާ. ހަމައެކަނި ނަރުހުންގެ އަދަދު އެއީ. އެތައް ޢާއިލާއެއް، އެތައް ބައެއް މަލްޓިޕްލައި ވެގެން މިދަނީ. ހަމަ އެއާއެކު، އެމް.އޭ.ސީ.އެލް.، ސްޓެލްކޯ، އެމް.ޕީ.އެލް.، މި ކުންފުނިތަކަށް ބަލައިލިޔަސް، ހާހުން ގުނާލެވޭވަރަށް މުވައްޒަފުން އެބަތިބި. އެޗް.ޑީ.ސީ.، އަޅުގަނޑަށް އެބަ ފެނޭ މިތަނުން. އެމް.ޓީ.ސީ.ސީ. މިކަމުގައި މަސައްކަތްތައް ކޮށްދެއްވާ. ޚާއްޞަކޮށް، އެމް.ޓީ.ސީ.ސީ. ހެވީ ވެހިކަލްތައް، ބަސް ޑްރައިވަރުން. އެމް.ޕީ.އެލް. އަށް ނިސްބަތްވާ، ވަރަށް ގިނަ ބޮޑެތި ލޮރީތައް ދުއްވާ، ވަރަށް ގިނަ ފަރާތްތައް ހިމެނޭ.

އަޅުގަނޑުމެން އެންމެން އަޅުގަނޑުމެންގެ ޒިންމާ މިއަދު ޤަބޫލުކުރަންވީ. ސަރުކާރެއްގައި ބަޔަކު ތިބެނީ ކޮން ބޭނުމެއްގައިތޯ؟ އަޅުގަނޑުމެން މިއަދު މި މަގާމުގައި ތިބީތީވެ، އަޅުގަނޑުމެން މިކަން ކުރަންޖެހޭ. މިއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. މިއީކީ އަޅުގަނޑުމެން މާ ހެޔޮއެދިގެން، މާ ރަނގަޅުވެގެން، މާ ރަނގަޅު މީހަކަށް އަދި ހެދެންވެގެންވެސް ނޫނޭ މިކަން ކުރަންވީ. މިކަންތައްތަކަކީ މިއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ލާޒިމް ކަމެއް. އަޅުގަނޑު މި ކަންތައް މިއަދު ނުކުރާ ކަމަށްވަންޏާ، އަޅުގަނޑާ ސުވާލު ކުރަންޖެހޭނެ. އަޅުގަނޑުމެންގެ ތެރޭގައި ދެން ތިބި ފަރާތްތަކުންވެސް މިކަމުގައި މަސައްކަތް ނުކުރައްވާ ކަމަށްވަންޏާ، އަޅުގަނޑުމެން ތިޔަބޭފުޅުންނާ ސުވާލު ކުރަންޖެހޭނެ. އެވަރު ކަމަކަށް މިކަން ވެއްޖެ. މަގުމަތީގައި މިއުޅެނީ އަޅުގަނޑުމެންގެ ކޮންމެވެސް އެއްބައެއް. ދަރިން ނުވަތަ އަޅުގަނޑުމެންގެ ތިމާގެ މީހުން. ފިރިމީހާ، އަނބިމީހާ، މަންމަ، ބައްޕަ.

އެނގިވަޑައިގަންނަވާނެ، ރާއްޖެ ތަރައްޤީވެގެން ދާއިރު، އަޅުގަނޑުމެންނަކީ ދުއްވާ ތަކެއްޗާ ވަރަށްކައިރި ބައެއް. ޚާއްޞަކޮށް، ރަށްރަށުގައިވެސް. އަދި މާލެއަށް ބަލައިލި ކަމުގައިވިޔަސް، އޭގެ ފަސޭހަކަން އިންތިހާއަށް އޮތް ކަމެއް ސައިކަލްވެސް ދުއްވުމަކީ. އަޅުގަނޑުމެން މީގައި ވިސްނާލަންވީ ތަންކޮޅަކީ ތަރައްޤީ. އަޅުގަނޑުމެން ފަސޭހަކަމެއް ހޯދައިގަތުމުގެ ތެރެއިން، ލިބޭ ކޮންމެ ފަސޭހައެއްގެ ތެރެއިން ގޮސް ބޮޑު ހިތާމައަކަށް އަޅުގަނޑުމެން ދާންޖެހޭ. އެއީ، ވިސްނާލަންޖެހޭނެ ކަމެއް.

އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުގައި، ބޮޑުތަކުރުފާނު މަގާއި، ބްރިޖާއި، ބްރިޖާ ގުޅޭ ސަރަޙައްދާއި، ނިރޮޅުމަގާއި، ދެން އެހެން ރަށްރަށަށް، ލ.އަތޮޅަށް ބަލައިފި ކަމަށްވަންޏާ، ލިންކް ރޯޑާއި، ފުވައްމުލަކަށް ބަލައިފި ކަމަށްވަންޏާ، ހައިވޭއޭ ކިޔައި އުޅޭނީ. އައްޑުއަށް ބަލައިފި ކަމަށްވަންޏާ، ލިންކް ރޯޑް. އަޅުގަނޑުމެންނާ ހަމައަށް މި މަގުތައް އައިމާ، ހާދަ ފަސޭހައެއްވިޔޭ އިނގޭތޯ. ދަތުރުފަތުރަށް ވަރަށް ފަސޭހަ ވެގެންދިޔައީ. އެކަމަކު އަޅުގަނޑު ދަންނަވަން މިއުޅެނީ، އެއާއެކީ ހާދަ ބޮޑު ހިތާމައެކޭ ގެއްލިގެންދާ ފުރާނައަކީ. ތިމާގެ ދަރިއެއް، ތިމާގެ މީހެއް، އަނބިމީހާ، ފިރިމީހާ ދުނިޔެއިން ވަކިވެގެންދާ ވަގުތަށްވުރެ ބޮޑު ހިތާމައެއް އިންސާނަކަށް ދުނިޔެމަތީގައި ކުރިމަތިވާނެތޯ. ޝައްކެއްނެތް، އަނބުރާ ނުވެސް ހޯދޭނެ. ގެއްލިގެންދާ ފުރާނައެއް އަނބުރާ ނުވެސް ހޯދޭނެ.

އެހެންވީމާ، ވިސްނާލަންވީ، މި ފަހިރާސްތާ، މި ރައްކާ ކެމްޕެއިން. މިކަމާ ވިސްނާ ބަޔަކަށް އަޅުގަނޑުމެން ވާންވީ. އަޅުގަނޑުމެން މިއަދު ވަޢުދުވާންވީ، ލިޔެ ސޮއިކުރަންވީ، އަޅުގަނޑުމެންގެ ކޮންމެ ދުއްވުމެއްގައި، މަގުމަތީގެ ކޮންމެ އުޅުމެއްގައި، ކޮންމެ ހިނގުމެއްގައި އަޅުގަނޑުމެން ފަރުވާތެރިކަން ބަހައްޓާނަމޭ. އަޅުގަނޑުގެ އިހުމާލުން، އަޅުގަނޑުގެ ފަރުވާކުޑަކުރުމުން، އެހެން މީހެއްގެ ފުރާނައަށް ނުރައްކާވާނެ އަދި އަޅުގަނޑުގެ ފުރާނައަށް ނުރައްކާވާނެ ފަދަ އެއްވެސް ގޮތަކަށް އަޅުގަނޑުގެ ޢަމަލެއް ނުބަހައްޓާނަމޭ. މިއީ، އަޅުގަނޑުމެން އެންމެން މިއަދު އިޤްރާރުވާންވީ ކަމެއް. އެއްބަސްވާންވީ ކަމެއް. އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަންވެއްޖެ. އެހެން ނޫން ކަމަށްވަންޏާ އަޅުގަނޑުމެންގެ ތެރެއިން، ދިވެހި ފުލުހުންގެ ޚިދުމަތުން އަދި އަޅުގަނޑުމެންގެ އަމިއްލަ ކުންފުނިތަކާއި އަދި ސަރުކާރުން ކިތަންމެ މަސައްކަތްތަކެއް، ކިތަންމެ މަސައްކަތްތަކެއް ކުރި ކަމުގައިވިޔަސް، އަޅުގަނޑުމެން މިކަމުން ސަލާމަތެއް ނުވާނެ. ކުޑަކުޑަ ތުއްތުކުދިން، ބޮޑެތި މީހުން. ވަކި އުމުރެއް ނެތް އިނގޭތޯ. އައިސް ޖެހިފައި ދާއިރު އަޅުގަނޑުމެންނަކަށް ނޭނގޭ.

އަޅުގަނޑަށް އެނގޭ ކަމަކީ، އަޅުގަނޑުމެން ކާރުވެސް ދުއްވާނެކަން. ސައިކަލްވެސް ދުއްވާނެކަން. މަގުމަތީގައި ހިނގާފައިވެސް އުޅޭނެކަން. ޕަބްލިކް ޓްރާންސްޕޯޓެއްގެ ގޮތުގައި އަޅުގަނޑުމެންގެ މި ޤައުމުގެ ސައިޒާއި، ޤައުމު އޮތްގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ބައެއް އެހެން ޤައުމުތަކުގައި އޮންނަ ގޮތަށް ޕަބްލިކް ޓްރާންސްޕޯޓެއްގެ ބޭނުންކުރާ މީހުންގެ އަދަދު ނިސްބަތުން ގިނަ. އަޅުގަނޑަށް ހަމަ އެނގޭ ކަމަކީ އަދިވެސް ގިނައީ ސައިކަލުކަން. އަދިވެސް ގިނަ މިވަނީ އަމިއްލަ ޓްރާސްޕޯޓުގައި އުޅޭ މީހުންކަން. ފަންސަވީހަކަށް ހާސް މީހުން، މާލޭ އޭރިއާގައި، ގްރޭޓަރ މާލޭ އޭރިއާގައި ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް ބަހުގައި، ޕަބްލިކް ޓްރާންސްޕޯޓުގައި މިއުޅެނީ. ގާތްގަނޑަކަށް އެއްހާހެއްހާ ދަތުރު މި ކުރެވެނީ. އެއަށްވުރެ ގިނައިން ދަތުރުކުރަން ވެއްޖިއްޔާ ޤަބޫލުކުރައްވާ، ދެން ކުރިޔަކަށް ނުދާނެ. މިހިރަ ބޮޑެތި ބަސްތައް ފުލުފުލުގައި އިތުރު ކުރަންވެއްޖެ ކަމަށްވަންޏާވެސް ކުރިޔަކަށްވެސް ނުދާނެ. މުޅި މަގުމަތި ފުރިފައި އޮންނާނީ. އެއީ، ސައިޒުގެ ގޮތުންނާއި، މަގުތައް ހުރިގޮތާއި، ޕްލޭން ކުރެވިފައި އޮތް ގޮތުންނާއި، މިކަމަށް ކުރީ ބައިގައި ވިސްނާފައި ނެތުމުން، މި ހުރިހާ ކަމެއް މި އަންނަނީ. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންނަށް ކުރެވެން އޮތް އެއްވެސް ކަމެއް އަޅުގަނޑުމެން ދޫކޮށްނުލަންވީ. އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް، އަޅުގަނޑުގެ ވަރަށް ބޮޑު އާދޭހެއް.

ތިޔަބޭފުޅުންގެ ދަރިންނަށްވެސް ކިޔައިދެއްވަންވީ. ތިޔަބޭފުޅުންނާ އެކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ކިޔައިދެއްވަންވީ. ދަރިވަރުންނަށް، ސްކޫލް ޕްރިންސިޕަލުން، ޓީޗަރުން ކިޔައިދެއްވަންވީ. ދަރިވަރުން، ބެލެނިވެރިންނަށްވެސް ކިޔައިދެއްވަންވީ. މި ހުރިހާ ގޮތަކަށް މި މަސައްކަތްތައް ކުރެވިގެން ނޫންގޮތަކަށް އަޅުގަނޑުމެންނަކަށް، ހިތްހަމަޖެހިލައިގެނެއް ނުތިބެވޭނެ. ގެއިން ނައްޓާލީމާ އަނބިމީހާ ނުވަތަ ފިރިމީހާ ހަމަ ވިސްނާލަ ވިސްނާލަ ހުންނާނީ މިކަމާ ދޭތެރޭގައި.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިދިޔަ އަހަރުތަކުގައި ޚާއްޞަކޮށް، ތިޔަބޭފުޅުން އެސް.އޯ.އީ.ތަކާއި، އަމިއްލަ ކުންފުނިތަކާއި، ހޮސްޕިޓަލްތަކާއި އަދި ޚާއްޞަކޮށް، ދިވެހި ފުލުހުންގެ ޚިދުމަތާއި އަދި ސޯޝަލް ކައުންސިލަށް ނިސްބަތްވާ ހުރިހާ މިނިސްޓަރުންނާއި، އަދި މުޅި ސަރުކާރުގެ މިނިސްޓްރީތަކުން މިކަމުގައި ދެއްވާ އެހީތެރިކަން، މިކަމަށް ދެއްވާ ސަމާލުކަން އަޅުގަނޑު ހަމަ ފާހަގަކުރަން ބޭނުން. އަޅުގަނޑުމެންގެ ސޯޝަލް ކައުންސިލްގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް، ވަރަށް ބޮޑަށް މިކަމުގައި ވާހަކަދެކެވި، މިކަމަށް ޙައްލު ހޯދާނޭ ގޮތްތަކާ ގުޅޭގޮތުން ވަރަށް ގިނަ މަޝްވަރާތައް އަޅުގަނޑުމެންނަށް ލިބޭ. އެއާއެކީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް މިއަދު ކުރިޔަށް މި ގެންދެވެނީ. މިއަދު ތަންކޮޅެއް އަޅުގަނޑުމެންގެ ބައެއް ބޭފުޅުން މަދު ދުވަހެއް. ބައެއް ބޭފުޅުން އާލާސްކަންފުޅާ. އަނެއްބައި ބޭފުޅުން ރާއްޖެއިން ބޭރުގައި. ބައެއް ބޭފުޅުން މައްކާގައިވެސް ވެއްޖެ. އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އެދުމަކީ، ތިޔަބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން ޚާއްޞަކޮށް، މިނިސްޓަރ ނަސީމް، ވަރަށް ތަޖުރިބާކާރު ބޭފުޅެއް. އަޅުގަނޑުމެންގެ ޓްރެފިކް ކޮމިޓީގައިވެސް މިނިސްޓަރ ސަމީރާއި، މިނިސްޓަރ ނަސީމް ހިމެނިވަޑައިގަންނަވާ. ޓްރެފިކް ކޮމިއުނިޓީއެއްވެސް އަޅުގަނޑުމެން އުފެއްދިން. އުފައްދައިގެން އެއާ އެއްކޮށްވެސް މިނިސްޓްރީ އޮފް ޓްރާންސްޕޯޓްވެސް ހިމެނޭގޮތަށް އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރަމުން އެބަ ގެންދެވޭ.

އަޅުގަނޑުގެ އެދުމަކީ، ކުރިޔަށް އޮތް ތާނގައިވެސް ހަމަ ފުރިހަމަ އެއްބާރުލުން ލިބިގެން ދިއުން. ޚާއްޞަކޮށް، ކޮމިޝަނަރ އޮފް ޕޮލިސް އަޅުގަނޑަށް ފާހަގަކުރެވުނީ މިކަމުގައި ވަރަށް ޕޮޒިޓިވް ބޭފުޅެއްގެ ގޮތުގައި ފެށުނީއްސުރެ. މިކަން ނޫނީ އަޅުގަނޑުމެންނަށް ހަމަ އެންމެ ބަހަކުން ނިންމާލެވޭ ކަމެއް ނޯވޭ. ޓްރެފިކް ޕޮލިސް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ވާހަކައެއް އަޅުގަނޑަށް ރަނގަޅަށް ދަންނަވައި ނިންމައިނުލެވެނީސް އޭގެ ޖަވާބު އާދޭ. އެކަމަކީ އެއީ ކުރަންޖެހޭ ކަމެއް ކަމަށާއި، ކުރަމުންދާ ކަމެއް ކަމަށާއި، އިތުރަށްވެސް އަދި ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވޭ. އެހެންވީމާ، އެކަމަށްޓަކައި ޚާއްޞަ ޝުކުރެއް ޚާއްޞަކޮށް، ކޮމިޝަނަރ އޮފް ޕޮލިސްއަށް އަޅުގަނޑު މި ފުރުޞަތުގައި ދަންނަވާލަން ބޭނުން. އަދި ހަމަ އެއާއެކު، ފުލުހުންގެ ތެރެއިންވެސް މި ވޭތުވެދިޔަ ހަތަރުވަރަކަށް އަހަރުތެރޭގައި އަޅުގަނޑަށް ފާހަގަކުރެވުނީ، ވަރަށް ޕޮޒިޓިވް ކަމެއްގެ ގޮތުގައި.

އެންމެ ޕޮޒިޓިވްކޮށް މަސައްކަތް ކުރެއްވި ކަމަށް އަޅުގަނޑަށް ހަމަ ފެނިފައި އޮތީ ރޯޑް ޕޮލިސް، ޓްރެފިކް ޕޮލިސް ބޭފުޅުން. ވަރަށް ރަނގަޅަށް މިކަން ކުރައްވައިފި. ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިފި. އެ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަމުން އަދި ޚާއްޞަކޮށް، މި ކެމްޕެއިންގެ ބައިވެރިންގެ ގޮތުގައިވެސް އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރެއްވި ކުންފުނިތަކަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން. މިވަގުތަކީ ތިޔަބޭފުޅުންނަށް ފަސޭހަ ވަގުތެއް ނޫންކަން އަޅުގަނޑަށް އެނގޭ. ތިޔަބޭފުޅުން އަޅުގަނޑަށް މާފުކުރައްވާތި. އަޅުގަނޑު މި ގަޑި ހަމަޖެއްސީ. ރޭގަނޑު އޮންނަނީ އިޙްޔާ ޕްރޮގްރާމްވީމާ. އެހެންވީމާ، އަޅުގަނޑު ބޭނުމެއްނުވޭ އެއްގޮތަކަށްވެސް އިސްލާމިކް މިނިސްޓަރާ ފުށުއެރުމެއް އަންނާކަށް. އަނެއްކާ މި ހޯލް ބޭނުންކުރަނީވެސް އިޙްޔާ ޕްރޮގްރާމަށް.

އެހެންވީމާ، ދުވާލު އަޅުގަނޑުމެން މިކަން މި ބޭއްވީ. ވަޑައިގެންދެއްވީތީ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު ކުޑަކޮށް ހިނިތުންވުމަކާއެކު ވާހަކަ ދެއްކިނަމަވެސް، އެތެރޭގައި ހުރީ ވަރަށް އެހެންކަހަލަ އިޙްސާސްތަކެއް. އެއީ ހިނގައިދިޔަ ވަރަށް ހިތާމަވެރި ކަންތައްތަކާއި ފެންނަ މަންޒަރުތަކުން ކުރާ އިޙްސާސް. އެހެންވީމާ، އެ ވިސްނުމުގައި އަޅުގަނޑުމެން ކުރިޔަށް ދާންޖެހޭނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.