މާލެ ސަރަޙައްދުގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން "ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ   މަރުކަޒު" ގެ ނަމުގައި މަރުކަޒެއް މިއަދު އުފައްދަވައި، އެ ތަނަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދާ ތަނެއް ކަމުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒުގެ މައިގަނޑު މަސައްކަތްތަކަކީ، މާލެ ސަރަޙައްދުން ވަގުތީގޮތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށް ދިނުމާއި، ވިލިނގިލީގައި ދިރިއުޅޭ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ހިންގުމެވެ.

އަދި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް" މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތްތަކުގެ ލިސްޓަށް މިއަދުން ފެށިގެން އިތުރުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރެއްވީ، މުޖުތަމަޢުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހި ކޮށްދިނުމަށާއި، އިސްރަށްވެހިންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، އިސްރަށްވެހިން ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށް ޕުރޮގުރާމުތައް ރާވައި ހިންގުމަށާއި، އިސްރަށްވެހިން ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް މަރުކަޒުތައް ޤާއިމުކުރުމަށެވެ. 

މީގެއިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދިޔަ "ކުޑަކުދިންގެ ހިޔާ" އާއި "އަމާން ހިޔާ" އާއި "ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު" ން ކުރަމުން ދިޔަ މަސައްކަތްތައް ކުރުމަށް އެހެނިހެން އިންތިޒާމުތައް ހަމަޖައްސަވައިފައިވާތީ، އެ ތަންތަން މިއަދުން ފެށިގެން އުވާލައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒާއި އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަކަށް ހަމަޖެއްސެވި މަސައްކަތްތައް މި ދެންނެވުމާއެކު އެ ވަނީއެވެ.

ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒުގެ މަސައްކަތްތައް

1.      ވިލިނގިލީގައި ދިރިއުޅޭ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

2.      މުޖުތަމަޢުއާއި ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކޮމިއުނިޓީ އައުޓްރީޗް ޚިދުމަތްތައް ދިނުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ހިންގުމާއި އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން.

3.      މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވޭދަނައިގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ފޯރުކޮށްދިނުން.

4.      ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ފުރިހަމަ ކުރުމަށްފަހު މުޖުތަމަޢުއަށް އަނބުރާ ރުޖޫޢަކުރުމަށް ގެނެވޭ ފަރާތްތަކަށް ކޮމިއުނިޓީ ރީހެބިލިޓޭޝަން ޕުރޮގުރާމު ހިންގުން.

5.      މާލޭ (ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން) ގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އެފަރާތްތައް މުޖުތަމަޢުއަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ ވޭދަނައިގެ މަސައްކަތް ކުރުން.

6.      ދައުލަތުން ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން މާލޭ (ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން) ގައި ބައިތިއްބައިގެން ޚިދުމަތް ދޭންޖެހޭ ފަރާތްތައް ވަގުތީގޮތުން ބެލެހެއްޓުން.

7.      މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ގޮތެއް ނިމެންދެން އެފަރާތްތައް ވަގުތީގޮތުން ބެލެހެއްޓުން.

8.      އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ "އަމާން ވެށި" ތަކާއި "އަމާން ހިޔާ" ތަކުގައި ބަލަހައްޓާ ކުދިންގެ ތެރެއިން އެކި ބޭނުންތަކަށް މާލެ ގެންނަ ކުދިން ވަގުތީގޮތުން ބެލެހެއްޓުން.

އިސްރަށްވެހިންގެ އިޖުތިމާޢީ މަރުކަޒުތަކުގެ މަސައްކަތްތައް

1.      މުޖުތަމަޢުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއި، އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިންތިޒާމުތައް ހަމަޖައްސައިދިނުން.

2.      އިސްރަށްވެހިންނަށް ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއި ޕުރޮގުރާމުތައް ރާވައި ހިންގުން.

3.      އިސްރަށްވެހިން ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށާއި ދުޅަހެޔޮ، ދޮށީ އުމުރަކަށް ތައްޔާރުވުމަށް ހޭލުންތެރިކުރުމަށާއި، ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮކަން އިތުރުކުރުމަށް ޕުރޮގުރާމުތައް ރާވައި ހިންގުން.

4.      އިސްރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ފޯރުކޮށްދޭ އާންމު ޚިދުމަތްތައް ހޯދުމުގައި ބޭނުންވާ އެހީތެރިކަން އިސްރަށްވެހިންނަށް ފޯރުކޮށްދިނުން.