ރިއަލިޓީ ޝޯވއެއްގެ ގޮތުގައި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޤުރުއާން މުބާރާތްކަމުގައިވާ، "ރަންތާޖު" ޤުރުއާން މުބާރާތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙްކޮށްދެއްވައިފިއެވެ. މިމުބާރާތަކީ، ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމެންޓް ގުޅިގެން މިރޯދަމަހު ކުރިޔަށް ގެންދާ މުބާރާތެކެވެ. މިމުބާރާތުގެ ފުރަތަމަ ޝޯވ މިރޭ ވަނީ ރާއްޖެޓީވީން ދައްކާފައެވެ.

ރަންތާޖު ޤުރުއާން މުބާރާތް ހުޅުއްވައި ދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި "ރަންތާޖު" ޤުރުއާން މުބާރާތުގެ ފުރިހަމަކަން ފާހަގަކުރައްވައި، މިމުބާރާތް ރާވައި އިންތިޒާމްކުރުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކާއިމުބާރާތަށް އެހީތެރިވެދެއްވާ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މިފަދަ މުބާރާތެއް މަޤުޞަދަކީ، ޤުރުއާނަށްލޯބި ޖެއްސުމާއި، ތަޖުވީދުގެ މަގުން ޤުރުއާން ކިޔެވުމަށް ބާރުއެޅުން ކަމުގައިވެސ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދިވެހިރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށާއި، ޤުރުއާން މުބާރާތްތައް ބޭއްވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށްވެސް އަލި އަޅުއްވާ ލެއްވިއެވެ. މިގޮތުން ކޯވިޑް-19ގެ ހާލަތުގައިވެސް ޤުރުއާން މުބާރާތް މެދުކަނޑާނުލައި ބޭއްވިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިއަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމްތައް އަތޮޅުތަކުގައިވެސް ކުރިޔަށް ގެންދެވޭނެ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިސަރުކާރުގެ މަޤުޞަދަކީ، ދިވެހިންނަކީ ދީނަށް ލޯބި ކުރާ، އެކަކު އަނެކަކާއި އަޅާލައި އެކުގައި ދިރިއުޅެވޭ، ރަނގަޅު ރައްޔިތެއް، ކަމުގައި ހެދުން ކަމަށެވެ.

"ރަންތާޖު" ޤުރުއާން މުބާރާތުގެ އޮޑިޝަން، ރާއްޖޭގެ 6 ސަރަހައްދެއްގައި ބާއްވާފައިވާއިރު، މުބާރާތުގެ އޮޑިޝަންގައި 111 ފަރާތަކުން ބައިވެރިވިއެވެ. މިމުބާރާތަށް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމްވަނީ ހުށައަޅާފައެވެ.