‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިއަދު މެންދުރުފަހު އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައި ވަނީ ފީޑޯ ޕްރައިވެޓް ލިމިޓެޑާއެވެ.

‎ދެ ފަންގިފިލާ ހިމެނޭ މި އިމާރާތުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި 4 ކްލާސްރޫމާއި 2 ސެމިނަރ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ ހިމެނޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

‎އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް ވަޑައިގެން އެ ސަރަޙައްދު ބައްލަވާލައްވާފައެވެ.

‎އަދި މިއަދު މެންދުރުފަހު އެމަނިކުފާނު ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލުގެ ސީނިއަރ މެނޭޖްމަންޓާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ މެނޭޖުމަންޓުން ވަނީ ޞިއްޙީދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި މިހާރު އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާވެ ހޯދިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ހޮސްޕިޓަލު އިތުރަށް ތަރައްޤީކުރުމަށް މިހާރު ކުރިޔަށްދާ މަސައްކަތްތައް ފާހަގަކުރައްވައި ހޮސްޕިޓަލަށް އިންސާނީ ވަޞީލަތް އަދިވެސް އިތުރަށް ބޭނުންވާކަމާއި މީގެ އިތުރުން ވެސް ޚިދުމަތުގެ ގޮތުންނާއި ވަޞީލަތުގެ ގޮތުން އިތުރަށް ބޭނުންވާކަންކަން މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ މެނޭޖުމަންޓުން ފާހަގަކުރެއްވިއެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ހޮސްޕިޓަލުގެ މެނޭޖުމަންޓުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ޙައްލު ހޯދެން ހުރިކަންކަމަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އައްޑޫސިޓީއަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ.