بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ރަޙްމަތާއި ބަރަކާތުން ފުރިގެންވާ، މިއަހަރުގެ ރަމަޟާން މަހާ ބައްދަލުވުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވިކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަދި މި ބަރަކާތްތެރި މައްސަރު ފެށުމުގެ އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަމެވެ. ހަމައެފަދައިން، މި މަތިވެރި މޫސުމުގެ ދަރުމައާއި ޘަވާބު އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ރޯދަ މަހަކީ އަޅުކަމާއި ތަޤްވާވެރިކަމުގެ މޫސުމެވެ. ކީރިތި ޤުރްއާން ކިޔެވުމާއި ދުޢާ ކުރުން ގިނަކޮށް، އަޅުކަންތައް ކުރުމުގައި ހީވާގިވުމާއެކު، އަނެކުންނަށް އެހީ ފޯރުވުމާއި ދީލަތިވުމުގައި އަތްތައް ހުޅުވައިލަންވީ މައްސަރެވެ. އަހަރަކު އެއް ފަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާ މި މަތިވެރި މައްސަރަކީ، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާ ވަރަށް އަގުހުރި ރަނުގެ ފުރުޞަތެކެވެ. އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތައް އިޞްލާޙްކޮށް، ޙަޔާތުގެ އާބާތުރަ ފިލުވައި، އިޞްލާޙްގެ މަގުގައި ދިރިއުޅުން އަލުން އާރާސްތުކުރުމަށް، އެކަލާނގެ ދެއްވާ މަތިވެރި ފުރުޞަތެކެވެ.

ރޯދައިގެ އެންމެ މަތިވެރި ރޫޙާނީ ފިލާވަޅަކީ، އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮންނަ ވަރުގަދަ ގުޅުން، އަލުން އާލާކޮށް ބަދަހިކުރުމެވެ. އެ ގުޅުން ކެނޑިގެން ނުދާނެ ގޮތުގެ މަތިން، ދުނިޔަވީ ދިރިއުޅުމުގެ ކަންތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގެ މަތިވެރި ފިލާވަޅެވެ. ރޯދައިން ލިބިދޭ ތަރުބަވީ ފިލާވަޅަކީ، ކެތްތެރިވުމާއި ތަޙައްމަލު ކުރުމަށް ތިމާގެ ނަފްސާއި ހަށިގަނޑު ހާނުވައި ތަރުބިއްޔަތު ކުރުމެވެ. އިސްރާފުކުރުންތަކާ ދުރުހެލިވެ، އިޤްތިޞާދު ކުރުމުގެ އާދަ ހަރުލެއްވުމެވެ. ރޯދައިގެ އަޚްލާޤީ ފިލާވަޅަކީ، ދުލާއި ހަށިގަނޑުގެ އެންމެހައި ނުރަނގަޅު އާދަތައް ދޫކޮށްލައި، ރިވެތި ބަސްމަގު އިޚްތިޔާރުކުރުމެވެ. ރޯދައިގެ އިޖްތިމާޢީ ފިލާވަޅަކީ، އަނެކުންނަށް ދީލަތިވެ ހެޔޮ ފޯރުވައިއުޅުމާއެކު، އެކުވެރިކަމާއި ޞުލްޙަމަސަލަސްކަން ފެތުރުމަށް މަސައްކަތް ކުރުމެވެ.

މި ބަރަކާތްތެރި މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާނާ އެކުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ތަރާވީޙް ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. ވަކިން ޚާއްޞަކޮށް، މި މައްސަރަކީ، ޙަސަދައާއި ރުޅިވެރިކަމާއި ނަފްރަތުން އެއްކިބާވެ، ދޭދޭ މީހުންގެ ދެމެދުގައި، އިސްލާމީ އަޚްވަންތަކަމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާ މައްސަރެއް ކަމުގައި ހައްދަވަމާ ހިންގަވާށެވެ. މައިންބަފައިންނާއި ޢާއިލާގައި ތިބި ޢުމުރުން ދުވަސްމީ މީހުންނާ އެކުގައި ވަގުތު ހޭދަކޮށް، އެމީހުންގެ އުދާސްތަކަށް ލުޔެއް ހޯދައިދެވޭތޯ ގަދައަޅައި މަސައްކަތް ކުރަމާ ހިންގަވާށެވެ.

މި މާތް މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ދަރުމަ އާއި ޘަވާބު ހޯދުމަށް މަސައްކަތް ކުރުމުގެ ހިތްވަރާއި ހެޔޮ ނަޞީބު، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަޅުގަނޑުމެންގެ މެދުގައި ތަނަވަސްކަމާއި ތިޔާގިކަން އިތުރުކުރައްވައި، ދީލަތިކަމާއި އެހީތެރިކަން އިސްކުރުމުގެ ހެޔޮ ވިސްނުމާއި ތައުފީޤު ދެއްވުން އެދެމެވެ. މި މާތް މައްސަރުގެ ރޯދަ ފުރިހަމަ ގޮތުގައި ހިފުމުގެ ހެޔޮ ތައުފީޤު ދެއްވައި، މި މައްސަރުގެ ރަޙްމަތާއި ފުއްސެވުމާއި ދިންނެވުން، އެންމެހައި ދިވެހިންނަށާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރައްވައި، ދެދުނިޔޭގެ ނަސީބުވެރިންކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން.