ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޔޫ.އޭ.އީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ މި ދަތުރުފުޅަކީ، މިމަހުގެ 13 އިން 15 އަށް ބޭއްވި ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ޔޫ.އޭ.އީ ގެ ބޮޑުވަޒީރު، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި، މަދީނަތު ޖުމެއިރާގައި ހޯމަ ދުވަހު ބޭއްވެވި 9 ވަނަ ވޯލްޑް ގަވަރމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގެން އެ ސަމިޓްގެ ތެރެއިން ކުރިޔަށްދިޔަ "ފިއުޗަރ އޮފް ވޯރކް" ފޯރަމްގައި ތަޤްރީރްކުރެއްވިއެވެ. މިތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރައްޔިތުން އެދޭ މުސްތަޤްބަލް ޙާޞިލުކުރުމަށްޓަކައި ލިބެންހުރި ފުރުޞަތުތަކާއި ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.

މި ސަމިޓުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، "މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" އިފްތިތާހުކޮށްދެއްވާފައެވެ. "މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" އަކީ ޔޫއޭއީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީ.އީ.އީ.ޕީ) ގެ ދަށުން ފެށި ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ. މި ތަމްރީނު ޕްރޮގްރާމް ހިންގާނީ ރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު ސޮއިކުރައްވާފައިވާ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގެ ދަށުން ރާއްޖޭގެ ސަރުކާރު މުވައްޒަފުންނަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ފުޖެއިރާގެ ވަލީ އަޙުދު ޝައިޚް ޙަމަދު ބިން މުޙައްމަދު އަލް ޝަރްޤީއާ ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް އެޑްވާންސްޑް ޓެކްނޮލޮޖީ، ކޮޕް 28 ގެ ރައީސް، އަދި ޔޫ.އޭ.އީގެ ސްޕެޝަލް އެންވޯއީ އޮން ކްލައިމެޓް ޗޭންޖް ޑރ. ސުލްޠާން ބިން އަޙްމަދު ސުލްޠާން އަލްޖަބަރް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫ.އޭ.އީއަށް މިކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެެރިވެވަޑައިގެންނެވިއެެވެ.