ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ފުޖެއިރާގެ ވަލީ އަޙުދު ޝައިޚް ހަމަދު ބިން މުޙައްމަދު އަލް ޝަރްޤީއާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ވޯލްޑް ގަވަރމަންޓް ސަމިޓް 2023ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދުނިޔޭގެ ކުރިމަގު ބައްޓަންކުރުމަށް މަގުފަހިކޮށްދެމުން އަންނަ ވޯލްޑް ގަވަރމަންޓް ސަމިޓު، ހުއްޓުމެއްނެތި ކާމިޔާބުކަމާއެކު އެތައް އަހަރެއްވަންދެން ކުރިޔަށްގެންދަވާތީ، ޔޫ.އޭ.އީގެ ލީޑަރޝިޕުން ގެންގުޅުއްވާ ދުރުވިސްނުންފުޅަށް ތަޢުރީފުކުރައްވައި، ވާހަކަފުޅު ދައްކަވާފައެވެ. ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ކުރިޔަށްދަނީ މި ފެބްރުއަރީ މަހުގެ 13 އިން 15 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ.)ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޔޫ.އޭ.އީއާ ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގާތްގުޅުމަކީ އިސްލާމީ އަޚްވަންތަކަމާއި، ޘަޤާފީ، ތާރީޚީ އަދި ދެ ޤައުމުން ޤަބޫލުކުރާ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޔޫ.އޭ.އީ.އަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަލީއަޙްދު ވަނީ ތަރައްޤީގެ ކަންކަމުގައާއި ވިޔަފާރިއާ އިންވެސްޓްމެންޓުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ބައިނަލްއަޤްވާމީ ގުޅުންތަކާއި އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ދިވެހިރާއްޖެއާއި ޔޫ.އޭ.އީގެ ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެން ދިއުމަށާއި އޭގެ ލާބައާ މަންފާ ދެ ޤައުމުގެ ރައްޔިތުން ލިބިގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

މިއަހަރަކީ ދިވެހިރާއްޖެއާ ޔޫ.އޭ.އީއާ ދެމެދު ސިޔާސީ ގުޅުން ޤައިމުކުރިތާ 45 އަހަރެވެ.