ޤައުމުގެ އާރާއިބާރާއި، މުސްތަޤްބަލަކީވެސް މިއަދުގެ ޒުވާނުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ ދެވަނަ ގްލޯބަލް ޔޫތު މޮބިލައިޒޭޝަން (ޖީ.ވައި.އެމް) އަދި ބިގް ސިކްސް މޫވްމަންޓް ހުޅުވުމުގެ ގޮތުން ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގާލްގައިޑުންނާއި ޒުވާން ލީޑަރުންގެ ކުރިއެރުމަށް ދޭ ސަމާލުކަން އިތުރުކުރުމަށް އެދިވަޑައިގެންފައެވެ.

ޖީ.ވައި.އެމް.ގެ މި ވަރޗުއަލް ރަސްމިއްޔާތަކީ، ޒުވާނުންގެ އިސްނެގުމާއެކު ކުރިއަށް ގެންދާ ގްލޯބަލް އެކްޝަންއަށް ދެ އަހަރު ފުރުމާއި އޭގެ ފައިނަލް އިމްޕެކްޓް ރިޕޯޓް 2020 ވަނަ އަހަރުގެ ޑިސެންބަރުމަހު އިފްތިތާޙްކުރުމަށް ފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނާ ހަމައަށް ވާޞިލްކޮށްދިނުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތެކެވެ.

މި ވާޗުއަލް އިވެންޓުގައި، ޒުވާނުންގެ އިސްނެގުމާއެކު ހޯދާފައިވާ އެކިއެކި ޙައްލުތަކާ ގުޅޭގޮތުންނާއި ބިގް ސިކްސް އަދި ޕާޓްނާޝިޕް މޮޑެލްތަކާ ގުޅޭގޮތުންނާއި ގްލޯބަލް ޔޫތު ފައިނޭންސިން މޮޑެލްތަކުން ލިބުނު ތަޖުރިބާތަކާއި ގުޅޭގޮތުން މައުލޫމާތު ޙިއްޞާކޮށް މަޝްވަރާ ކުރާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ގެ ފްރަންޓްލައިންގައި ހަރަކާތްތެރިވި ޒުވާނުން، އެއްވެސް މަޖުބޫރުކަމެއްނެތި ކަންކަމުގައި އިސްނަގައިގެން އުޅުމާއި، އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ޝާމިލުކޮށް އެ ފަރާތްތަކުގެ އުފާވެރިކަން ކަށަވަރުކުރުމަށް ކުރި މަސައްކަތްތަކުން އެ ޒުވާން ލީޑަރުންނަކީ ނަމޫނާ އަދި ބަދަލުގެނެސްދެވޭނެ ފަރުދުންތަކެއްކަން ސާބިކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ.

ޖީ.ވައި.އެމް.އާއި ދެވަނަ ބިގް ސިކްސް މޫވްމަންޓްގެ ކާމިޔާބުކަމާ އެކު ބޭއްވުމުން އެކަމަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިއާއެކު މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަށް ހުރި ހުރަސްތަކާއި މައްސަލަތަކުން އަރައިގަތުމުގެ އެންމެ ރަނގަޅު ގޮތްތައް ފެނިގެންދާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ ތިން ގާލްގައިޑެއް ފުރަތަމަ ޖީ.ވައި.އެމް އިވެންޓުގައި ބައިވެރިވާކަމާއި އަދި 2 ގައިޑަކު އިންޑިޔާގެ ޕޫންގައި ކުރިޔަށްދިޔަ ޔޫތް އިވެންޓުގައި ބައިވެރިވެ ރާއްޖޭގެ ޒުވާނުންގެ ލީޑަރޝިޕް ދައްކަމުންއަންނަކަން ފާހަގަކުރައްވާފައެވެ.

ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމާލައްވަމުން ވަނީ، ހުރިހާ ފަންތިއެއްގައި ޒުވާނުންގެ ބައިވެރިވުން ހިމަނައި، ޒުވާނުންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ މަސައްކަތްކާއި ދެއްވާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ޗީފް ގައިޑެއްގެ ހައިޞިއްޔަތުން، ގާލް ގައިޑުންނާއި ޒުވާނުންނަށް ރަނގަޅު މުސަތަޤްބަލެއް ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.