2021ވަނަ އަހަރު ޝަހާދާ ސާނަވިއްޔާ ނިންމައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ޙާޞިލްކުރި ދަރިވަރު ގދ. ތިނަދޫ، މާކޮޅު ފާޠިމަތު ހުޔާމް ޚަލީލާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ. ފާޠިމަތު ހުޔާމަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރު ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު އޭނާއަށް ދެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ހުޔާމް ހޯދި ކާމިޔާބީގެ އަގު ވަޒަންކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން ހުޔާމްގެ މިކާމިޔާބީ އާއި ގުޅިގެން އޭނާގެ އާއިލާއަށާއި، ސްކޫލް، އަލްމަދްރަސަތުލް ޢަރަބިއްުޔަތުލް އިސްލާމިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ އާއި ތަޙުނިޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ޔުނިވަރސިޓީ ތަޢުލީމުގެ މަރުޙަލާގައިވެސް މޮޅު ކާމިޔާބީއެއް ހޯދައި، ދިވެހި ޤައުމުގެ ތަރައްޤީއަށާއި ކުރިއެރުމަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ފާޠިމަތު ހުޔާމް ޚަލީލް ވަނީ، ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން، 13 މާއްދާއިން އޭ ސްޓާރ ހޯއްދަވާފައެވެ. އާކިޓެކްޗަރގެ ދާއިރާއިން ކުރިޔަށް ދިޔުމަށް ގަސްދު ކުރައްވާ ހުޔާމް، މަތީ ތަޢުލީމް ޙާޞިލްކުރެއްވުމަށް ނިންމަވާފައި ވަނީ، މެލޭޝިޔާގެ "އިންފްރާސްޓްރަކްޗަރ ޔުނިވަސިޓީ ކުއާލާލަމްޕޫރް"އިން، "ބެޗްލަރ އޮފް ސައިންސް އިން އާކިޓެކްޗަރ ސްޓަރޑީޒް" އެވެ.

ހުޔާމަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރިޝިޕް ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަންގެ އިތުރުން، ހުޔާމްގެ މަންމަ އާއި އަލްމަދަރްސަތުލްޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު އަޒްމާ ބައިވެރިވެވަޑައިގެންނެވިއެވެ.