އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރަންމެޑަލް ހޯދި ރާއްޖޭގެ ބީޗު ވޮލީ ފިރިހެން ޓީމާ، އަދި ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ރަން މެޑަލާއި ރިހިމެޑަލް އަދި ލޯމެޑަލް ހޯދައިދިން ބޮޑީބިލްޑިންގ ޓީމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ބައްދަލުކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޚުލޫފާއި، ވޮލީ ބޯލް އެސޯސިއޭޝަނާއި، ބޮޑީ ބިލްޑިންގ އެސޯސިއޭޝަންގެ އިސްވެރިންނާއި ޓީމުތަކުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ބީޗު ވޮލީ ޓީމާއި ބޮޑީބިލްޑިންގ ޓީމުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ޓީމުތަކުގެ މެމްބަރުންނަށާ އޮފިޝަލުންނާއި އެސޯސިއޭޝަންތަކަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްެވެސް ކުޅިވަރެއް ބާކީ ނުކޮށް، ހުރިހާ ކުޅިވަރުތަކެއްގައި ވެސް ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށާ، އެކަމުގެ ނަތީޖާވެސް ރަނގަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅުންތެރިންނަށާ އެތުލީޓުންނަށް އިތުރު ތަމްރީން ފުރުޞަތުތައް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބީޗް ވޮލީއާ ވޯޓަރ ސްޕޯޓްސްގެ ކުޅިވަރުތަކަކީވެސް ރާއްޖޭގައި ކުރިއަރުވައި ކާމިޔާބީތައް ހޯދޭނެ މުސްތަޤުބަލް އޮތް ކުޅިވަރުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޚުލޫފް ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ ފާއިތުވި 4 އަހަރުގެ ތެރޭގައި މީގެ ކުރިން ކުޅިވަރުގައި ހޯދިފައި ނުވާ ގިނަ ކާމިޔާބީތައް ހޯދިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ބަހައްޓަވާ އިސްކަން ފާހަގަކުރައްވައި، ބޮޑީބިލްޑިންގ އާއި ބީޗް ވޮލީން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް މިނިސްޓަރ މަޚްލޫފު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ވޮލީ ބޯލް އެސޯސިއޭޝަނުންނާއި، ބޮޑީބިލްޑިންގ އެސޯސިއޭޝަނުންވެސް ވަނީ، ކުރިން އެކުޅިވަރުތަކަށް ނުލިބޭ ސަމާލުކަމާއި، މާލީ އެހީތެރިކަން މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކުރިޔަށް އޮތް މުބާރާތްތަކާއި ގުޅޭ މައުލޫމާތުވެސް އެސޯސިއޭޝަންތަކުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާ ކުރައްވާފައެވެ.

އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރާއްޖެއަށް ރަން މެޑަލް ލިބުނު އިރު، މިއީ ރާއްޖެއަށް ލިބުނު ވޮލީގެ ފުރަތަމަ ރަންމެޑަލެވެ. 2008 ވަނަ އަހަރުން ފެށިގެން ބޮޑީބިލްޑިންގ މުބާރާތްތަކުން ރާއްޖެއިން ރަންމެޑަލް ހޯދަމުން އަންނައިރު، ޑިސެމްބަރު މަހު ބޭއްވި، ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ބޮޑީބިލްޑިންގ ޓީމް ވަނީ އެއް ރަން މެޑައްޔާއި، އެއް ރިހި މެޑަލްގެ އިތުރުން ހަތަރު ލޯ މެޑަލް ހޯދާފައެވެ. މިއީ ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ރަންމެޑަލް ހޯދި ފުރަތަމަ ފަހަރެވެ.