ޞިއްޙީ ދާއިރާ ފަދަ ދާއިރާތަކާއި އެނޫންވެސް އެކި ދާއިރާތަކުން މިހާރު ފެންނަމުންމިދާ ކުރިއެރުމުގެ އަސްލު ގުޅިފައިވަނީ ސަރުކާރުގެ ކާމިޔާބު ޚާރިޖީ ސިޔާސަތާ، ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައި ހުނަރާއި ޚިދުމަތްތައް މިހާރަށްވުރެ އިތުރަށް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ޕްރޮގްރާމް އިފްޠިތާޙުކޮށްދެއްވުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރ، ކަނބިލި ބިލްޑިންގގައި ކުރިއަށްދިޔަ މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖެއިން އަވަށްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ އެކި ޤައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅުނުވެދިޔަ ދުވަސްތަކުގެ މައްޗަށްއަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި އެމަނިކުފާނު ވަނީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި ހަރުދަނާ ލީޑަރޝިޕްގެ ދަށުން ބައިނަލްއަޤްވާމީ މުޖުތަމަޢުއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައެވެ. އެގޮތުން އދ.ގެ މެމްބަރު ޤައުމުތަކުގެ 94 އިންސައްތަ ޤައުމުތަކާއެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާއިރު، މިއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް އާދަޔާ ޚިލާފު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މިރޭގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން، މާލެ ސިޓީއަށް ޞިއްޙީ ޚިދްމަތް ސެންޓްރަލައިޒް ކުރުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް މި ސަރުކާރުން ލާމަރުކަޒީ އުސޫލުން ހިންގުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ބޭސްފަރުވާގެ އެހީތެރިކަން ހޯދުމަށް ރާއްޖޭގެވެރިކަންކުރާ ރަށަށް ކޮންމެހެން ދާން ޖެހޭގޮތަށް ހުރި ކަންކަން ބަދަލުކުރުމަކީ މި ސަރުކާރުގެ ވަޢުދެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި މި ވަޢުދު ފުއްދުމަށް ސަރުކާރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކާއި ޙާއްޞަކޮށް ސަރަޙައްދީ ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރެއްވުމަށް ސަރުކާރުން ރާއްވަވާފައިވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން، ރީޖަނަލް ޓާޝަރީ ހޮސްޕިޓަލްތަކުން ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ފެންވަރު ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އެ ވިސްނުން ހަޤީޤަތަކަށް ގެނައުމުގެ ޕްލޭންތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި މިދިޔަ އަހަރު މި ސަރުކާރުން ތަޢާރަފުކުރި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ހައިސްޕީޑް ފެރީގެ ޚިދުމަތުން އެކަމަށް އިތުރު ފުރިހަމަކަމެއް ލިބެމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ޚިދްމަތްތައް ހަރުދަނާކުރުމަށްޓަކައި ޞިއްޙީ ޚިދުމަތްތެރިންނަށް ތަޢުލީމާއި ތަމްރީނު ދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެއްގޮތްކޮށް، މިދިޔަ އަހަރު ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، މި އަހަރު ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޙާއްޞަ ސަމާލުކަމެއް ދޭން ސަރުކާރުން މީގެ ކުރިން އިއުލާންކުރައްވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗައިނާ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމާއި ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ކުރިއަށްއޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވެފައެވެ.

އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރަކީ 2020 ވަނަ އަހަރު ޗައިނާ ސަރުކާރުގެ ދީލަތި އެހީގައި ހުޅުވި ސެންޓަރެކެވެ.