ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މއ. މަނާގެ، ޢަލީ ފާއިޒު މިއަދު ޢައްޔަންކުރައްވައި އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިންް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރެއްވި، ޢަލީ ފާއިޒަކީ 2022 ވަނަ އަހަރު މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުކަމުގެ މަޤާމާއި، 2021 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ބޯޑުގައި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި، އެމަނިކުފާނު ވަނީ މީގެ ކުރިން ބ. އަތޮޅުގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވައި، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާފައެވެ. އަދި 2012 ވަނަ އަހަރު ޢަލީ ފާއިޒު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުވެސް ފުރުއްވާފައެވެ.