ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު މިރޭ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެބަނދަރުގެ ވީ.ވީ.އައި.ޕީ ލައުންޖްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށާއި، މި މަޝްރޫޢު ވެގެންދާނީ މި ސަރަޙައްދުގެ އިޤްތިޞާދުގެ ކުރިއެރުމަށް މަގުފަހިކުރާނެ ހަބަކަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ހަމަ އެއާއެކު މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އިންޑިއާ ސަރުކާރާއި، އިންޑިއާގެ ރަޙުމަތްތެރި ރައްޔިތުން، ދިވެހި ރައްޔިތުންނަށް އަބަދުވެސް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ދޭދޭ ގާތް ރަޙްމަތްތެރި ގުޅުން ފާހަގަ ކުރައްވައި، ދެ ޤައުމުން ވެސް ޝައުގުވެރިވާ ކަންކަމުގައި ދެ ޤައުމަށްވެސް ފައިދާވާނެހެން މި ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ސަރަހައްދީ އަދި މަލްޓިލޭޓަރަލް ކޯޕަރޭޝަންގެ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތްކުރެއްވުމަށް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާ ސަރުކާރުން މާލީ ގޮތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަންވެސް ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަޙްމަތްތެރިކަމުގެ އަސްލަކީ ސަޤާފީ އަދި ތާރީޚީ ގުޅުމުގެ އިތުރުން، އެއްބައިވަންތަ އަޚްލާޤެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި އިންޑިއާގެ "ނެއިބަރހުޑް ފަސްޓް ޕޮލިސީ"ގެ ދަށުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިންޑިއާ ފަސްޓް ޕޮލިސީ ދެމެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވެވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރާއްޖެއާއި އިންޑިއާއާ ދެޤައުމުން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގައެވެ.