بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ހިޒް އެކްސެލެންސީ ޑޮކްޓަރ އެސް. ޖައިޝަންކަރު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ތިލަދުންމަތީ އުތުރުބުރިއާއި ދެކުނުބުރީގެ އަތޮޅު އަދި ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މި ފެށުނީ މި ބޮޑުއުތުރާއި މުޅި ބޮޑުތިލަދުންމައްޗަށް ތާރީޚުގައިވެސް އަންނާނެ އެންމެބޮޑު ބަދަލު. މިއަދަކީ ތިލަދުންމައްޗާއި މިލަމަޑުލު އުތުރަށް އުފާވެރި ދުވަހެއް. ހަނިމާދޫ އަދި މި ބޮޑުތިލަދުންމަތީގެ ރައްޔިތުން ދެކެމުން އައި ހުވަފެނުގައި މިއަދު މިޖެހުނީ ކުލަ. މިއީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު.

މި ރަސްމިއްޔާތު ބާއްވާއިރު މިއަދު ދަންނަވާލަން ބޭނުން ނުކުތާއެއް އެބަވޭ. އެއީ، އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރާ ވަކި އުޞޫލުތަކެއް، ވައްޓަފާޅިއެއް އޮންނަ ވާހަކަ. ކުރާ ކޮންމެ މަސައްކަތަކާއި، ހިނގާ ކޮންމެ މަޝްރޫޢެއް ހިންގަނީ މި ދެންނެވި ގޮތަށް. މިހާރު މުޅި ރާއްޖެއަށް މިގެންނަ ތަރައްޤީގެ ބަދަލު، އަޅުގަނޑުމެން ފުރަތަމަ ފަށަނީ ގަލަމު ތުނޑުން. ރަނގަޅަށް ދިރާސާކުރެވި، ހިސާބު ކިތާބުން ނަތީޖާ ހޯދުން. އެ ނަތީޖާގެ މައްޗަށް ފުރިހަމަ ޕްލޭނެއް ހެދުން. އެގޮތަށް އެކަން ނުކުރެވިއްޖެނަމަ، މި ޒަމާނުގައި އެއީ ނުވާ ކަމެއްފަދަ ކަމެއް. އެގޮތަށް އެކަން ނުކޮށްފިނަމަ، އެއީ ހަމަ ކަނޑުގައި އެޅި ރޮނގެއް. އެއާ އިދިކޮޅަށް، ކަން ކުރީމާ ދެން ވަނީ މާދެރަ ގޮތެއް. ވިސްނުމާއި ފިކުރާއި ޙިކުމަތާއި ކެތްތެރިކަމާ ނުލައި ދެމެހެއްޓެނިވި ތަރައްޤީއެއް ނުލިބޭނެ.

ހަނިމާދޫ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ މަސައްކަތް މިއަދު މި ފެށީ އަޅުގަނޑުމެން އެގޮތަށް. ހުއްޓި އޮވެ ފަހަތަށް ގޮސް ގެއްލިހުސްނުވާގޮތަށް. މި ފެށިގޮތަށް ފެށީމާ، މާތްﷲގެ އިރާދަފުޅާއެކު، ދެން މިކަމެއް ނުހުއްޓޭނެ. ފަހަތަކަށްވެސް ނުދާނެ. ރައްޔިތުންނަށްޓަކައި ޤައުމެއްގެ ކަންކަން ހަމަމަގުން ހިންގޭނީ ވަކި ހަމަތަކަކުން. ވަރަށްގިނަ އަމިއްލަ އިޙްސާސާއި، ދޭދޭ ޖަޒްބާތު އެއްފަރާތް ކޮށްގެން. ކެހި ކަނޑުލުގެ ހިތި ފިލުވޭނެ ކެތްތެރިކަމާއި ވިސްނުންނެތި، ކަނޑޫ ކަހައިފިނަމަ، އެ ހިތި އެންމެންގެ އަރުގައި ލާނެ. ކުރިއަށް ދާންޖެހޭ ސީދާމަގުން ކައްސާލައި މަގުމަތިވާނެ.

ވިސްނުމެއް، ރޭވުމެއް ނެތިއްޖެނަމަ، ރޭވެ އަލިވިލޭއިރު، އެންމެން އެކީ އެއްފަހަރާ ބިކަވާނެ. ކޮންމެ ކަމަކަށްވެސް ދެމެހެއްޓެނިވި ވިސްނުމަކާއި، ފެންހިފޭ ޕްލޭނެއް އޮންނަންވާނެ. މިއަދު ޢަމަލީ މަސައްކަތް މި ފެށުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ 136.6 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެއް. މަޝްރޫޢު ހިންގުމަށް އެންމެބޮޑު އެއްޗަކީ އެކަމަށް ބޭނުންވާ ފައިސާ. މި މަޝްރޫޢުގެ ފައިސާ ހުރީ ހަމަޖެހި ނިމިފައި.

މިއީ އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލް ހިމެނޭ ޕްރޮޖެކްޓެއް. 2.46 ކިލޯ މީޓަރުގެ އާ ރަންވޭއަކީ ދުނިޔޭގެ ބައްރުތަކުން ގިނަ ފަސިންޖަރުން އުފުލޭނެ ބޮޑެތި މަތިންދާބޯޓުފަހަރަށް އަޅާ ރަންވޭއެއް. މީގެއިތުރަށް، ބައިނަލްއަޤްވާމީ އެއަރޕޯޓަށް ބޭނުންވާނެ ހުރިހާ ވަސީލަތްތައް ހަނިމާދޫގައި ޤާއިމްކުރެވޭނެ.

މި އެއަރޕޯޓް ވެގެންދާނީ ބޮޑުތިލަދުންމައްޗާއި، މި އުތުރުގެ ރައްޔިތުން ފަޚްރުވެރިވާނެފަދަ ޒަމާނީ އެއަރޕޯޓަކަށް. މި އެއަރޕޯޓް ނިމުމާއެކު، ސީދާގޮތުންނާއި ނުސީދާގޮތުން މި ސަރަޙައްދުގެ އިޤްތިޞާދު ފެނުން ތޮޅިލައި އުދަވާން ފަށާނެ. އެތައް ހާސް ވަޒީފާއެއް އުފެދިގެންދާނެ. ގެސްޓްހައުސްތަކާއި، ސިޓީ ހޮޓާތަކާއި، ރިޒޯޓުތަކުގެ އެނދުތައް ބޮޑުތިލަދުންމަތީގައި އެތައް ގުނައެއް އިތުރުވެގެންދާނެ. އެކި ބާވަތްތަކުގެ ވިޔަފާރިތަކާއި، އިޤްތިޞާދީ މަސައްކަތްތަކަށް ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ. އިޤްތިޞާދީ ވަރުގަދަ ހަބަކަށް ބޮޑުތިލަދުންމަތި ހެދުމަށް މަގުފަހިވެގެންދާނެ. މި ދެންނެވީ މި އެއަރޕޯޓަށްފަހު ޠަބީޢަތު އޭގެ ޒާތުން ގެނެސްދޭނެ ކުރިއެރުމާއި ތަރައްޤީ. މިކަން ދިވެހިން މިތިބީ ތަޖުރިބާކޮށްފައި. ބައިނަލްއަޤުވާމީ އެއަރޕޯޓަކީ ތަރައްޤީގެ ރަސްމަގަށް ހުޅުވޭ މައި ދޮރާށިކަން އޮތީ ސާބިތުވެފައި. މީގެ ދިރިދިރި އޮތް މިސާލަކީ، މާލެ ސަރަޙައްދުގައި އޮތް ހުޅުލެ. އެއަރޕޯޓް ނެތްއިރުވެސް ހުޅުލެއަކީ ހަމަ ހަނިމާދޫހެން އޮތް ހަނި ދިގު ރަށެއް. ހުޅުލެއާ ކައިރީގައި ހުރީވެސް މުޅި ރާއްޖޭގެ އެހެން ރަށްތައްފަދަ ރަށްތަކެއް. މޫސުމާއި، އޮޔާއި ވަޔާ، ކަނޑުފަޅު، ވިލާ، ވެލީގެ ހިމުން އޮމާންކަމާއެކުގައި، މިތާ ނެތް އެއްޗެއް އެތާކު ވަކި ނެތް. މާލެ ސަރަޙައްދަށް ބާރު ސްޕީޑްގައި އައި ކުރިއެރުމުގެ އެންމެ ފުނުގައި ވިންދުޖަހާ އޮތް ސަބަބާއި ސިއްރަކީ ހުޅުލޭގައި ދަމާލި އިންޓަރނޭޝަނަލް އެއަރޕޯޓް.

މާލޭގެ ވިޔަފާރިތައް ފުޅާވެ، މަސްމާރުކޭޓުން ފެށި މަހުގެ ވިޔަފާރި، ދުނިޔޭގެ ކަންކޮޅުތަކަށް ވާސިލްވާން ފެށި. އަދި ދުނިޔޭގެ ބައްރުތަކަށް، ރާއްޖޭގެ ރަށްތަކާއި މީހުން ގުޅުވާލަދިނީ ހުޅުލޭ އެއަރޕޯޓް. ބޮޑުއުތުރާއި މި ބޮޑުތިލަދުންމަތި އަދި މުޅި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުގެ ތަޞައްވުރުގެ ތެރެއިން ވަރަށްގިނަ މަޝްރޫޢުތަކެއް ކުރިއަށް އެބަދޭ. އަދި އޭގެ ގިނަ ކަންކަން ފެށި އެދަނީ ނިމެމުން. މާލެ ސަރަޙައްދުގެ ކަނޑުދަތުރުފަތުރު ހައިސްޕީޑަށް ބަދަލުވީ ހުޅުލޭ އެއަރޕޯޓް ނިމުމަށްފަހު. އެ ޚިދުމަތް އޭރު ފެށުނީ ހަމައެކަނި ފަތުރުވެރިންނަށްޓަކައި. އަޅުގަނޑުމެން ދެންނެވިން، ރައްޔިތުންނަށްޓަކައި އަގުހެޔޮ އަރާމު، ހައިސްޕީޑް ފެރީ ނިޒާމެއް ގެންނާނަމޭ. މި ބޮޑު އުތުރުގެ 41 ރަށް އެވަނީ އެ ނިޒާމުން އަމުނާ ގަތާ ބަނދެވިފައި.

މި ސަރުކާރުގެ އާރު.ޓީ.އެލް. ޚިދުމަތް ދިނުމުގެ މަސައްކަތް ނިމިއްޖެ. ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކަންއަރުވަން. މިދާ މަގުން ގޮސްގެން މަގުމައްޗެއް ނުވާނެ.

ސާފު ބޯފެނާއި ނަރުދަމާގެ މަސައްކަތް ނުފެށޭ ހަމަ އެންމެ ރަށެއްވެސް މި ސަރަޙައްދުގައި ޢަމުދުން ނެތް. ހޯރަފުށީ އެއަރޕޯޓް ނިންމައި ބޭނުންކުރަން ފެށިއްޖެ. ފަރެސްމާތޮޑާ އެއަރޕޯޓުވެސް އަޅާ ނިމިއްޖެ. މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓުގެ އެކްސްޕެންޝަން މަސައްކަތް މޯބިލައިޒް ކުރެވިއްޖެ. މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއަރޕޯޓް އަޅާނެ ފައިސާ ހޯދިއްޖެ. މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވައިލެވިއްޖެ. ދެން އޮތީ މަސައްކަތް ފެށުން.

ރ. އަތޮޅު ނިމުމުން، ޑޮމެސްޓިކް އެއަރޕޯޓްތަކުން މުޅި ރާއްޖެ، ވައިގެ މަގުން ގުޅާލައި ނިމޭނެ. އާރު.ޓީ.އެލް. ޚިދުމަތާއި، ހަނިމާދޫ އެއަރޕޯޓާއި، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރާއެކު ފުރިހަމަވާނީ ދިރުންހުރި އިޤްތިޞާދެއްގެ ފުރިހަމަ މޮޑެލްއެއް. އެއީ، މިދާ މަގުން ގޮސް މަގުމަތި ނުވެ، މާދަމާ މުޅި ރާއްޖެ އޮންނާނެ ގޮތުގެ ނަމޫނާ. މީގެތެރެއިން ބައެއް މަޝްރޫޢުތަކަކީ، އިންޑިއާގެ އެހީތެރިކަމާއެކު ސަރުކާރުން ހިންގާ މަޝްރޫޢުތަކެއް. އެނގިވަޑައިގަންނަވާނެ ފަދައިން، އިންޑިއާއަކީ އެކި ދާއިރާތަކުން ވަރަށްގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމެއް.

ރާއްޖޭގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިއަކީ އިންޑިއާ.

The relationship between Maldives and India is based on traditionally intertwine trade, culture, and personal contact. Our relationship have remained unhindered through time. Over the last 4 years, India has become our largest economic partner, contributing to the socio-economic development of the nation.

This is a very momentous occasion for the people of Bodu Thiladhunmathi, as they are witnessing their long-held dream of a modern and state-of-the- art international airport becoming a reality.

My government and I, acknowledge with deep appreciation, the continued generous assistance provided by Prime Minister Narendra Modi, his government and the friendly people of India to the people of Maldives.

It is a great honour and privilege for us that the Honourable Minister of External Affairs of India, His Excellency Dr. Jaishankar is joining us on this joyous occasions. Thank you, Excellency. Your presence here this evening is a demonstration of the close bond between India and Maldives. May this friendship continue to flourish in the years to come.

ކުރިންވެސް އަޅުގަނޑު ދެންނެވިން. ސަރުކާރުގެ ހުރިހާ ސިޔާސަތުތަކަކާއި އަމާޒު ގޮސް ނިމޭ ވަކި ޚާއްޞަ ދިމާއެއް އޮންނަ ވާހަކަ. މާނަވީ ޖަޒީރާ ރާއްޖޭގެ އަމާން ބަނދަރު ހިފުމަށްޓަކައި ދާންޖެހޭ މަގަކާއި، ވާންޖެހޭ ކަންތައްތަކެއް ހުރި ވާހަކަ. އަނެއްކާވެސް ދަންނަވަން. ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ އުތުރަށް ޖެހެން މި ފެށީ އަބަދުވެސް މި ދަންނަވާ ބޮޑު ބަދަލުގެ ހެޔޮ ރޯޅި. މި ބަދަލު ގެނެވެނީ ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް ކޮށްގެން.

ކުޅުދުއްފުށީގައި ޓަރޝަރީ ޞިއްޙީ ޚިދުމަތް ޤާއިމުކުރުމަކީ އެ ބަދަލަށްޓަކައި ކުރާ ކަމެއް. މިއަދު ޢަމަލީ މަސައްކަތް މި ފެށުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވެންވާއިރު، އެކުއެކީ އަންނަ އެހެން ބަދަލެއް ވާނެ. އެއީ، މި ބޮޑުތިލަދުންމައްޗަކީ އިންވެސްޓަރުންނަށް ފައްކާވެފައި އޮންނަ، މީހުން ދިރިއުޅޭ 41 ރަށުގެ މައްޗަށް އެކުލެވޭ ބޮޑު އާބާދީއަކަށްވާނެ. އަދި ޓޫރިޒަމް ތަރައްޤީ ކުރަން ނަލަ ރީތި ގިނަ ރަށްތަކެއް އޮންނާނެ.

މި ތިލަދުންމަތީގެ ހަމަ ކޮންމެ ރަށަކީވެސް ޓޫރިޒަމް ނުވަތަ ދަނޑުވެރިކަން ނުވަތަ އިޤްތިޞާދީ އެހެނިހެން ކަންކަމަށް ތައްޔާރުވެފައި އޮންނާނެ ރަށެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ކުރާ މަސައްކަތުގެ ވަށައިގެން اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ރަޙްމަތާއި މަދަދު ލެއްވުން. ދިވެހިންނާއި ދިވެހިރާއްޖެއަކީ ދުނިޔެއަށް ހެޔޮ މިސާލެއް ކަމުގައި ލެއްވުން. ދިވެހި ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.