ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މީޑިޔާއާ ބައްދަލުކުރައްވައި، ގުޅިފައިވާ ބަޔާނެއް ދެއްވައިފިއެވެ. މީޑިޔާއާ ބައްދަލުކުރައްވައި މި ބަޔާން ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އާ ކެމްބޯޑިއާގެ ބޮޑުވަޒީރު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަރައްޤީއަށް ކުރާ މަސައްކަތުގައި، ދެ ޤައުމަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތަކާއި، އެކަންކަމުން އަރައިގަތުމަށް ބޭނުންކުރާ ސިޔާސަތުތަކާއި ވިސްނުންތަކުގައިވެސް އެއްގޮތްކަމެއް އެބަހުރި ކަމަށެވެ. އަދި ދެ ޤައުމުންވެސް އިސްކަންދީފައި ވަނީ، ބައިނަލްއަޤުވާމީ ގުޅުންތައް ހަރުދަނާކުރުމަށާއި، އަވައްޓެރިންނާއި އޮންނަ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް ކަމުގައެެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު ދެއްވި ބަޔާނުގައި، ވިޔަފާރި އާއި ޘަޤާފީ ދާއިރާތަކުން ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ.

ދެޤައުމެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގެ އެންމެ މުހިއްމު ބަޔަކީ، އެ ދެޤައުމެއްގެ ރައްޔިތުންގެ މެދުގައި ބަދަހިވެފައި އޮންނަ ގުޅުންކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވީ، ވިސާ ނެގުމަކާއި ނުލައި 30 ދުވަހަށް ދެޤައުމުގެ ރައްޔިތުން އެއްޤައުމުން އަނެއްޤައުމަށް ދަތުރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނު ކަމާއި މެދު އުފާކުރައްވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، ކެމްބޯޑިއާގެ ހަނޑުލާއި ދަނޑުވެރިކަމުގެ ދާއިރާގެ އެހެނިހެން ބާޒާރުތަކުން ދިވެހި އިމްޕޯޓަރުންނަށް ފުރުޞަތު އޮތްކަން ފާހަގަކުރެއްވިއެވެ. ކެމްބޯޑިއާއިން މައިގަނޑުގޮތެއްގައި ހަނޑޫ އެކްސްޕޯޓު ކުރާއިރު ދަނޑުވެރިކަމުގެ އެހެނިހެން ބާވަތްތައް ކަމަށްވާ ޒުވާރިއާ މިރުހާ އަލުވި ، ކެޝޫނަޓްސް އަދި މޭވާ ފަދަ ބާވަތްތައް އެކްސްޕޯޓް ކުރެއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ދެއްވި ބަޔާނުގައި ވަނީ ކެމްބޯޑިއާގެ ދިފާއީ ބާރުތަކަށް ރާއްޖޭގައި ހިންގާ ޑައިވް ޓްރެއިނިން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކެމްބޯޑިއާގެ މަތީ ތައުލީމު ދޭ ތަންތަނުގައި ދިވެހި ދަރިވަރުންނަށް ކިޔެވުމަށް 10 ސްކޮލަޝިޕް ފުރުސަތެއް ދިނުމަށް ކެމްބޯޑިއާ ސަރުކާރުން ނިންމާފައިވާކަން ވެސް ބޮޑުވަޒީރު އިޢުލާނު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ދެއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވީ، ދެޤައުމަށް ފައިދާހުރިގޮތުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނުކަން ފާހަގަކުރައްވައި، ކެމްބޯޑިއާއިން އަންނައުނާއި، ދަތުރު ފަތުރާއި ގުޅުން ހުރި މުދަލާއި، ލަކުޑި ރާއްޖެއަށް އިމްޕޯޓްކުރުމަށް ވެސް މަޝްވަރާކުރެވުނު ކަމަށެވެ. އަދި ރާއްޖޭގައި ތައްޔާރުކުރާ ދަޅުމަހާއި މަހުގެ އުފެއްދުންތައް ކެމްބޯޑިއާއަށް އެކްސްޕޯޓް ކުރުމާގުޅޭ ގޮތުން ކެމްބޯޑިއާގެ ބޮޑުވަޒީރާއެކު މަޝްވަރާކުރެވުނު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަފާތު ބާވަތްތަކަށް އިމްޕޯޓް ސިންދަފާތު ކުރުމުން ލިބޭނެ ހަމައެކަނި ފައިދާއަކީ، ރާއްޖޭގައި ވިއްކާ އަސާސީ ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތަކުގެ އަގު ދަށަށް ދިޔުން ނޫންކަމަށާއި، އޭގެ އިތުރުން ކާނާގެ ރައްކާތެރިކަން އިތުރުވެ، ކާބޯތަކެތި ބޭނުން ކުރާ ފަރާތްތަކަށްވެސް އިތުރު އިޚްތިޔާރުތައް ލިބިގެންދާނެ ކަމަށެވެ.

މިއަދު ކެމްބޯޑިއާއާ ރާއްޖެއިން 6 އެއްބަސްވުމެއްގައި ސޮއެކުރެއްވިކަން ފާހަގަކުރައްވައި، އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ މުސްތަޤުބަލަށް އުޖާލާކަން ލިބި ކުރިމަގުގައި ދެޤައުމުގެ ގުޅުން އިތުރަށް ދިރުވައި އާލާކޮށް ހަރުދަނާކުރުމަކީ، ނުހަނު އިސްކަންދެއްވާކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތުން ޚާއްސަކޮށް އދ އާއި އެހެނިހެން ބައިނަލްއަޤުވާމީ ފޯރަމްތަކުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ދެޤައުމު އެކުގައި މަސައްކަތް ކުރުމަށާއި، މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން ދެޤައުމުން ގެންގުޅޭ އެއްގޮތް ސިޔާސަތުތަކާއި، ބައިނަލް އަޤުވާމީ ސުލްޙަ މަސަލަސްކަމާއި ސަލާމަތާއި ގުޅުން ހުރި ކަންކަމުގައި އެއްބާރުލުން ދިނުމަށްވެސް މަޝްވަރާކުރެނުކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ދެއްވި ބަޔާން ނިންމަވާލައްވަމުން، ދެބޭފުޅުންވެސް ވަނީ، ދެޤައުމުގެ
ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިޔުމަށާއި، ކުރިއެރުވުމަށް ޓަކައި މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށްފަހުގައި، ކުރިއަށް އޮތް އަހަރުތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.