ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއް މިއަދު ބަދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ބައިވެރިވެވަޑައިގެންނެވިއެވެ.

  • ދިވެހިރާއްޖެއާއި ކެމްބޯޑިއާގެ މެދުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން، "ދަ އެގްރީމެންޓް އޮން ވިސާ އެގްޒެމްޕްޝަން ފޮރ ހޯލްޑަރސް އޮފް ޑިޕްލޮމެޓިކް، އޮފިޝަލްސް އެންޑް އޯޑިނަރީ ޕާސްޕޯޓް" އަކީ، ދިވެހިންނަށް ކެމްބޯޑިއާއަށް ދަތުރުކުރުމުގައި ވިސާގެ ލުއިފަސޭހަތައް ހަމަޖައްސައިދިނުމުގެ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ، ބޮޑުވަޒީރުގެ ނައިބު، އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ޕްރަކް ސޮކޮންއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
  • ދިވެހިރާއްޖެ އާއި ކެމްބޯޑިއާގެ ފޮރިން މިނިސްޓްރީގެ މެދުގައި ބަދަލުކުރެވުނު "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ބައިލެޓަރަލް ކޮންސަލްޓޭޝަންސް" ގެ ސަބަބުން ރާއްޖެއާ ކެމްބޯޑިއާއިން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ. މިއެއްބަސްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ، ބޮޑުވަޒީރުގެ ނައިބު، އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ޕްރަކް ސޮކޮންއެވެ.
  • ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ކެމްބޯޑިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަންގެ މެދުގައި ބަދަލުކުރެވުނު "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ބައިލެޓެރަލް ކޮންސަލްޓޭޝަންސް" ގެ މަޤްޞަދަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދުގައިވާ އިޤްތިޞާދީ ގުޅުން ބަދަހިކޮށް، ހަމަހަމަ ކަމާއެކު ދެޤައުމަށްވެސް ފައިދާކުރާނެގޮތަށް މި ގުޅުން ހަރުދަނާކުރުމެވެ. މިއެއްބަސްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒު އިސްމާޢީލެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ، ބޮޑުވަޒީރުގެ ނައިބު، އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ޕްރަކް ސޮކޮންއެވެ.
  • ދިވެހިރާއްޖެ އާއި ކެމްބޯޑިއާގެ ހެލްތް މިނިސްޓްރީގެ މެދުގައި ބަދަލުކުރެވުނު "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ހެލްތް ކޯޕަރޭޝަން" އަކީ، ޞިއްޙީ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ހެލްތް، ނ.މ.ޝ.ޢ. އަޙްމަދު ނަސީމެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ، އެޤައުމުގެ ހެލްތު މިނިސްޓަރ މާމް ބުންހެންގްއެވެ. މި އެއްބަސްވުމުގެ ދަށުން ކެމްބޯޑިއާއިން ދިވެހިރާއްޖެއަށް ޞިއްޙީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
  • ދިވެހިރާއްޖެ އާއި ކެމްބޯޑިއާގެ ޓޫރިޒަމް މިނިސްޓްރީގެ މެދުގައި ބަދަލުކުރެވުނު "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން އޮން ޓޫރިޒަމް ކޯޕަރޭޝަން" ގެ ދަށުން ފަތުރުވެރިކަން އިޝްތިހާރުކުރުމާއި، މި ދާއިރާއިން މީހުން ތަމްރީންކުރުމާއި، ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރުމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ. މިއެއްބަސްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ، އެޤައުމުގެ މިނިސްޓަރ އޮފް ޓޫރިޒަމް ތާއުންގް ކޮން އެވެ.
  • ވިޔަފާރީގެ ދާއިރާއިން މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒް އާއި ކެމްބޯޑިއާ ޗެމްބަރ އޮފް ކޮމަރސްގެ މެދުގައި ބަދަލުކުރެވުނު އެއްބަސްވުމުގެ ސަބަބުން، ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް، އިންވެސްޓްމަންޓްތައް ފުޅާކުރުމާއި، ދިވެހިރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިނާޢީ ވިޔަފާރިތަކާއި، އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ފުރުޞަތުތައް ހުޅުވިގެންދާނެއެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ދިވެހި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ބޯޑު މެމްބަރު މުޙައްމަދު އިކްރާމް އިބްރާހިމްއެވެ. ކެމްބޯޑިއާގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކެމްބޯޑިއާ ޗެމްބަރ އޮފް ކޮމަރސްގެ ރައީސް ނިޔެކް ކިތް މިޔެންއެވެ.