بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السَّلَامُ عَلَيْكُمْ.

އަޅުގަނޑު ހަމަ އެންމެ ފުރަތަމަ ކަމަކަށްވެސް، މުބާރާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް، ހުރިހާ ކުދިން، ހުރިހާ ބޭފުޅުންނަށް ވަރަށްބޮޑަށް ތަހުނިޔާ ކިޔަން. އެއަށްފަހު، ސިންގަލްސް އަދި ޑަބަލްސް، އަދި ޓީމް އިވެންޓްތަކުން ޗެމްޕިއަންކަން ހޯދި ހުރިހާ ކުދިންނަށް، ހުރިހާ ފަރާތްތަކަށް ވަރަށްބޮޑަށް މަރުޙަބާ ކިޔަން.

އާދެ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ޚާއްޞަކޮށް ޓީ.ޓީ.، މި ކުޅިވަރު ވަރަށް ބޮޑަށް ކުރިއަރައިގެންދާ ތަން. އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހަށް ބަލައިލިނަމަވެސް، ރާއްޖެއަށް ކުޅިވަރުގެ މައިދާނުގައި މިވަނީ އިންޓަރނޭޝަނަލް މުބާރާތްތަކުންވެސް ވަރަށް ރަން ވަނަތަކެއް ލިބިފައި. އަޅުގަނޑު މި ފުރުޞަތުގައި ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި ޔޫތު މިނިސްޓަރ، ޓީ.ޓީ. އެސޯސިއޭޝަން، އަދި މިކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. މި ކުރެވުނު މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް މިއަދު ފެނިގެން އެބަދޭ.

އެނގިވަޑައިގަންނަވާނެ، ޔޫތު މިނިސްޓްރީ އަދި ޓީ.ޓީ. އެސޯސިއޭޝަނުން މިވަނީ ރަށްރަށުގައްޔާއި އަތޮޅުތަކުގައިވެސް ޓީ.ޓީ. ފުޅާކުރުމަށްޓަކައި، މި ކުޅިވަރު ތަރައްޤީކޮށް، މި ފުރުޞަތު ހޯދައިދިނުމުގެ މަސައްކަތް ފެށިފައި. އަޅުގަނޑު ހަނދާންވާގޮތުން، މި އަހަރުގެ ޖޫން މަސް ތެރޭގައި، ފުވައްމުލަކުގައި ޓީ.ޓީ. ފެށިގެން މިދިޔައީ. ހައެއްކަ މަސް ތެރޭގައި އަޅުގަނޑުމެންނަށް ޢަޖައިބުކުރުވަނިވި، ޙައިރާންކުރުވަނިވި ނަތީޖާތަކެއް މި ފެނިގެންދަނީ. ހުރިހާ ކުދިންނަށް ވަރަށްބޮޑަށް މަރުޙަބާ.

އާދެ، އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ ވަރަށްބޮޑު ސިޔާސަތެއް، ކުޅިވަރު ތަރައްޤީކޮށް، އެކި ރޮނގުރޮނގުން އެކި ކުޅިވަރުތައް އިތުރަށް ތަރައްޤީކޮށް، ރާއްޖެއަށް އެކި ވަނަތައް ހޯދާ ޔަންގް އެތުލީޓުން އުފެއްދުން. އިރާދަކުރެއްވިއްޔާ، މި މަސައްކަތް ހަމަ ބާރަށް ކުރިއަށް އަޅުގަނޑުމެން ގެންދާނަން.

އާދެ، ޚާއްޞަކޮށް ޓީ.ޓީ.އަށް ދެވޭ ސަމާލުކަމުގެ ތެރެއިން، އަޅުގަނޑުމެން މި ވިސްނަނީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، ޖަނަވަރީ މަސް ތެރޭގައި، އިރާދަކުރެއްވިއްޔާ ރ.އަތޮޅު އުނގޫފާރުގައި މިކަން ފެށޭތޯ. ޔޫތު މިނިސްޓަރ އަޅުގަނޑު ގާތުގައި ދެންމެވެސް ވިދާޅުވެއްޖެ، ކޯޗަކާ އެކީގައި، ޓީ.ޓީ.ގެ ކަންތައް ކުރެވިގެންދާނެއޭ. މުޅި ރާއްޖެއަށް އިރާދަކުރެއްވިއްޔާ ފުޅާކުރެވޭނެ. މިތިބަ ތުއްތުކުދިން ދިހަވަރަކަށް އަހަރު ފަހުން، އަޅުގަނޑުމެންނަށް ފެންނާނީ ވަރަށް ވަރުގަދަ ކުޅުންތެރިންތަކެއްގެ ގޮތުގައި.

ދެން، އަޅުގަނޑު ދަންނަވާލާނަން. ދީމާމެންގެ މި ގޯލްޑް މެޑަލްއާއެކު އަޅުގަނޑަށްވެސް ވަރަށް ބޮޑު ފޯރިއެއް، ޖޯޝެއް މިއައީ. ޚާއްޞަކޮށް، ޓީ.ޓީ.ގައި. އެހެންވީމާ، ޓީ.ޓީ. ކުޅުމުގައި މުޅިން މި އުޅެވެނީ. ޓީ.ޓީ. ރެކެޓެއްވެސް އަޅުގަނޑު ހޯދައިފިން. އެމްބެސެޑަރ ލަޠީފް އަޅުގަނޑަށް ހޯއްދަވައިދެއްވީ. އެހެންވީމާ، ޙަޤީޤަތަކީ ތިޔަކުދިން އެ ދައްކައިދިން ނަތީޖާ، އެ ހޯދައިދިން ވަނަތައް އެޕްރިޝިއޭޓް ކުރެވުނުވަރުން، ފޭވަރިޓް ސްޕޯޓްސްއެއްގެ ގޮތުގައި، ކުރީގައި އޮތް ކުޅިވަރު މިހާރު ބަދަލުކޮށްލައިފިން. މިހާރު ޓީ.ޓީ. އަށް. އެހެންވީމާ، މިހާރު ކުރާ ކަމަކީ ކިރިޔާ ވަގުތެއް ލިބުނަސް ޓީ.ޓީ. ކުޅުން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ޚާއްޞަކޮށް ޕޭރަންޓުންނަށް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެންނަށް މި ފެންނަނީ، ސްކޫލް ދަރިވަރުން، ތުއްތުކުދިން ކިޔެވުމާއެކީ، ރަނގަޅު ނަތީޖާ، ވަނަތައް ހޯދަމުންދާ ތަން ކުޅިވަރުގައިވެސް. ރަނގަޅު ރަން ވަނަތަކެއް ހޯދާތަން. އަދި ޓީ.ޓީ. ކުޅުމުގެ މި މައިދާނުންވެސް އަޅުގަނޑުމެންނަށް ކުދިން ފެނިގެން މިދަނީ އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭކަހަލަ ގޮތަކަށް.

މިކަމުގެ ސަބަބަކީ، އެއްވެސް ޝައްކެއްނެތް، ބެލެނިވެރިން، މިކަމަށްވެސް ވަގުތު ދެއްވައި، އަދި އެ ދެއްވާ ސަމާލުކަން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ހުރިހާ ބެލެނިވެރިންނަށް ޝުކުރު އަދާކުރަން. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ކިޔެވުމާ އެކީގައި ކުޅިވަރުގައި ކުދިން މަސްއޫލުކޮށްގެން، އިރާދަކުރެއްވިއްޔާ މި ދެ ކަންތައްވެސް ކުރިއަށް ގެންދެވޭނެއޭ.

އެހެންވީމާ، ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތް، ތިޔަދެއްވާ ވަގުތުތަކަށް ޚާއްޞަކޮށް، އަޅުގަނޑު ހަމަ ޝުކުރު އަދާކުރަން. އަދި އެއަށްފަހު، ޓީ.ޓީ. އެސީސިއޭޝަނުންވެސް މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް، ވަރަށް ބޮޑު ޝައުޤުވެރިކަމެއް ދެއްވާތީ، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ޔޫތު މިނިސްޓަރ މިކަމުގައި ވަރަށް ފޯރިއާއެކު ކުރައްވާ މަސައްކަތް ފާހަގަކުރަން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް އަބަދުވެސް ފެނޭ، ރާއްޖޭގެ ކޮންމެވެސް ރަށެއްގައި، ފުޓްސަލް، ނޫނީ ވޮލީ، ނޫނީ، ޓީ.ޓީ. ނޫނީ، ބެޑްމިންޓަން، މިކަހަލަ ކޮންމެވެސް ކަމެއްގައި އުޅުއްވާ ތަން. މިއީ، ޤައުމަކަށް އެންމެ މުހިންމު ކަންތައް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ކުޅިވަރުން އަޅުގަނޑުމެން ގުޅުވައިދޭ. އަޅުގަނޑުމެން އެއްބައިވަންތަކޮށްދޭ. އެހެންވީމާ، ކުދިންނަށްވެސް ފްރެންޑްސް ލިބި، އެ ފްރެންޑްޝިޕް ގްރޯ ވެގެންދޭ. އެހެންވީމާ މިއީ، އެންމެ މުހިންމު އެއް ކަމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަނީ.

ނިންމާލުމުގެ ކުރިން، އާ އަހަރަކާ، އަޅުގަނޑުމެން މި ކުރިމަތިލާއިރު، އާ އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ ޚާއްޞަކޮށް، މި ތުއްތުކުދިންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަކިވަކިން، ކޮންމެ ރައްޔިތަކަށް ހެޔޮއެދުމާއި ތަހުނިޔާ އަޅުގަނޑުމެންގެ ހިތުގެ ފުންމިނުން ފޮނުވަމުން، އަޅުގަނޑުމެން އެންމެ ހެޔޮއެދޭ ވާހަކަ ހުރިހާ ފަރާތަކަށް ދަންނަވާލަން.

އަޅުގަނޑުގެ ހުރިހާވެސް އެދުމަކީ، ޓީ.ޓީ.، މި ކުޅިވަރުން، ރާއްޖެއަށް އިތުރު ރަން ވަނަތައް ލިބި، ޚާއްޞަކޮށް މިހާރު ބޭރުގައިވެސް ޓްރޭނިންގ ހަދަމުން ގެންދާ ކުދިންނާއި، އަދި މި ތުއްތުކުދިން، ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދީ، މޯލްޑިވްސް ސަނީސައިޑް އޮފް ލައިފް، އަދިވެސް އިތުރަށް، ދުނިޔޭގެ އެކި ޤައުމުތަކަށް ބޮޑަށް މަޝްހޫރުވެ، ރާއްޖެ އެނގިގެން ދިޔުން. ވަރަށްބޮޑަށް އުފާކޮށްފިން. ވަރަށްބޮޑަށް ޝުކުރިއްޔާ ހުރިހާ ކުދިންނަށް. ހުރިހާ ބޭފުޅުންނަށް.

وَالسَّلَامُ عَلَيْكُمْ.