بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަލިފުށީ ކައުންސިލްގެ ރައީސް އާދަމް ޢިމްރާން، ކައުންސިލްގެ ހުރިހާ މެންބަރުން، އަދި ޑަބްލިޔޫ.ޑީ.ސީ.ގެ ރައީސާއި، ޑަބްލިޔޫ.ޑީ.ސީ.ގެ ހުރިހާ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، މިދިޔަ އަހަރުގެ ބައިނަލްއަޤުވާމީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް. އެއީ ޑިސެންބަރު މަހުގެ 3 ވަނަ ދުވަސް. މިފަދަ ދުވަހެއް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރަނީ، އަދި އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ޤައުމީ ފެންވަރުގައި މި ފާހަގަކުރަނީ ވަރަށް މުހިންމު މަޤްޞަދެއްގައި. އޭގެ ތެރެއިންވެސް އެންމެ މުހިންމު މަޤްޞަދަކީ، ޤައުމުގެ ކޮންމެ ފަރުދެއްގެ އިންސާނީ ޙައްޤުތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ކަށަވަރުކޮށްދިނުމާއި، އެ ޙައްޤުތައް ލިބިދިނުން.

ހަމައެފަދައިން، މިއީ ޤައުމުގެ އިޖުތިމާޢީ ޢަދާލަތާއި މުޖުތަމަޢުގެ ހަމަޖެހުމާވެސް ގުޅޭގޮތުން ފާހަގަކުރެވޭ ވަރަށް މުހިންމު ދުވަހެއް. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތައް ފުއްދައިދީ، އެމީހުންގެ ޙައްޤުތައް ލިބިދެވޭނެ ޚާއްޞަ އިންތިޒާމުތަކެއް، ދައުލަތުގެ ފަރާތުން ހަމަޖައްސައިދިނުމަކީ، ހަމައެކަނި އިޖުތިމާޢީ ޢަދާލަތާ ގުޅިފައިވާ ކަމެއް ނޫން. އެއީ މުޅި މުޖުތަމަޢަށްޓަކައި ކުރެވޭ ވަރަށް މުހިންމު އިންވެސްޓެއް.

ސަބަބަކީ، ދައުލަތުގެ ފަރާތުން ހަމަޖައްސާ އެފަދަ އިންތިޒާމުތަކާއި، ކަނޑައަޅާ އުޞޫލުތައް، އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކި ގޮތްގޮތުން ވެދޭ އެހީތެރިކަމަކީ، ހަމަ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ފަރުދުންނަށްޓަކައި ކުރެވޭ ކަމަކަށްވާތީ.

މީހެއްގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރެދާނެ. ނަމަވެސް، އެއީ މުޅިން ނުކުޅެދޭ މީހެއް ކަމަށް އަޅުގަނޑުމެން ދެކިގެން ނުވާނެ. އެފަދަ ކޮންމެ މީހެއްގެ ކިބައިގައިވެސް، މުޅި މުޖުތަމަޢުގެ މަޞްލަޙަތާ ގުޅިފައިވާ އެހެން ކުޅެދުންތެރިކަމެއް ހުރެދާނެ. އަދި އެއީ، ބައެއް ކަންކަމުގައި، އެހެން މީހުންނަށްވުރެ މާ ޤާބިލް މީހަކަށްވެސް ފަހަރެއްގައި ވެދާނެ.

އަހަރަކު އެއްފަހަރު މި ބާއްވާ ރިވެލި މަޢުރަޒުން އެކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަ ސާބިތުވެގެންދޭ. އެންމެފަހުން މި ބޭއްވި މަޢުރަޒުގައިވެސް، 93 ބައިވެރިން، ތަފާތު ފަސް ދާއިރާއަކުން އެ ބޭފުޅުންގެ ހުނަރުވެރިކަމާއި ޤާބިލުކަން އަޅުގަނޑުމެންނަށް ދައްކާފައިވޭ.

އޭގެ ތެރޭގައި، ވަރަށް ހުނަރުވެރި އަތްތެރި މަސައްކަތްތެރިން އެބަތިބި. އަމިއްލަ އީޖާދުތަކަށް އެއްޗެހި ތައްޔާރު ކުރައްވާ ހުނަރުވެރިން އެބަ ތިއްބެވި. ދަނޑުވެރިކަމުގެ ދާއިރާއާއި، ކުރެހުމުގެ ދާއިރާއިންވެސް ވަރަށް ފާހަގަކޮށްލެވޭ ހުނަރުވެރިން އެބަ ތިއްބެވި. ކާބޯތަކެތި ތައްޔާރުކުރެއްވުމުގައިވެސް، ހަމަ އެހާ ފާހަގަކޮށްލެވޭ ބޭފުޅުން އެބަ ތިއްބެވި.

މިފަދަ މަޢުރަޒުތަކުން އަޅުގަނޑުމެންނަށް ވަރަށް މުހިންމު މެސެޖެއް ލިބިގެންދޭ. އެއީ، ނުކުޅެދުންތެރިކަމެއް ހުއްޓަސް، އެމީހެއްގެ ކިބައިގައި ހުރި ހުނަރުތަކުގެ ބޭނުން ހިފޭނެ ފުރުޞަތު އަޅުގަނޑުމެން ފަހިކޮށްދޭންޖެހޭކަން. މުޖުތަމަޢުންވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލައިގަނެ، އެމީހުންނަށް އެކަށީގެންވާ ފުރުޞަތު ހޯދައިދެވިއްޖިއްޔާ، އެމީހުންގެ ބޭނުން މުޖުތަމަޢަށް ހިފޭނެކަން.

އެފަދަ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން މިހާރުވެސް ވަރަށް މުހިންމު މަސައްކަތްތަކެއް އެބަ ކުރޭ. މިރޭ އަޅުގަނޑުމެން މި އިފްތިތާޙްކުރި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރަކީ، މި ދެންނެވި މަސައްކަތުގެ ވަރަށް މުހިންމު ބައެއް. މި ދަފްތަރުގެ އެންމެ މުހިންމު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މަޢުލޫމާތު، ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބެލެހެއްޓުން.

މި ދަފްތަރުން ކޮށްދޭނެ އެންމެ މުހިންމު ކަމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ފުރިހަމަ ރަޖިސްޓްރީއެއް ތައްޔާރުކުރެވިގެން ދިޔުން. އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންނާއި ކުދިން، ވަކި ކެޓަގަރީތަކަކަށް ބަހާލެވިގެންދާނެ. އޭރުން އެއިން ކޮންމެ މީހެއްގެ ޙާލަތު ވަކިން ފާހަގަކުރެވޭނެ. އަދި ކޮންމެ މީހަކަށް ބޭނުންވާނެ އެހީތެރިކަމާއި، އެހީ ދޭންޖެހޭނެ މިންވަރާއި، ދޭންޖެހޭނެ ޚިދުމަތްތައްވެސް މި ދަފްތަރުން ކަނޑައެޅި ފާހަގަވެގެންދާނެ.

މި ދަފްތަރު ޤާއިމުކުރުމުގެ އަނެއް ބޭނުމަކީ، ރަށްރަށުގައި ދިރިއުޅޭ މީހުންނާއި ކުދިންގެ މަޢުލޫމާތުތައްވެސް، އެ ރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް، ދުވަހުން ދުވަހަށް އަދާހަމަކުރަމުން ގެންދިޔުން. ޤާނޫނެއްގެ ދަށުން އެފަދަ މީހުންނާއި ކުދިންނަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީއާއި، އެހެނިހެން އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުން، މި ދަފްތަރުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ.

ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، މިވަގުތު ގެންނަންޖެހިފައި އޮތް ބަދަލު ގެނައުމަށް، މި ދަފްތަރުން މަގުފަހިވެގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. މި ގެނެވޭ ބަދަލު އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އަޅުގަނޑުމެން ހާމަކުރާނަން.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހިކޮށްދޭންޖެހޭ އެންމެ މުހިންމު ކަމަކީ، އެ މީހެއްގެ ޙާލަތަށް ރިޢާޔަތްކޮށް ދޭންޖެހޭ ޚިދުމަތްތައް، އެ މީހަކު ދިރިއުޅޭ ވެށިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން. އެ ޚިދުމަތް ދިނުމަށްޓަކައި، މިހާތަނަށް ހަތަރު އަތޮޅެއްގައި، ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގައިގެން ޚިދުމަތް ދެވޭނެ މީހުން ތަމްރީން ކުރެވިއްޖެ.

އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށް އެބަ ގެންދަން. އަދި ތެރަޕިއުޓިކް ފަރުވާއަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްވެސް މެދުކެނޑުމެއްނެތި މިހާރު ކުރިއަށް އެބަދޭ. މިރޭ އަޅުގަނޑުމެން މި އިފްތިތާޙްކުރި ދަފްތަރުގެ ސަބަބުންވެސް، މި ދެންނެވި އެހީތައް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާވެ، ޚިދުމަތް ދިނުން އެތައް ގުނައެއް ފަސޭހަވެގެންދާނެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު އަނެއް ބޭނުމަކީ، އެ މީހުންނަކީވެސް ހަމަ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ބައެއް ކަމާއި، އެއީ މުޖުތަމަޢާ ވަކިނުކުރެވޭނެ އަދި އެކަހެރިކޮށް އިހުމާލުކޮށްނުލެވޭނެ ބައެއްކަން، އަޅުގަނޑުމެންވެސް ޤަބޫލުކުރުން. އަދި އެމީހުންނަށްވެސް އެކަން ޤަބޫލުކުރެވި، އެ ހިތްހަމަޖެހުން ހޯދައިދިނުން.

ނަމަވެސް، އެ ހިތްހަމަޖެހުން ހޯދައިދެވޭނީ، އަޅުގަނޑުމެން އެމީހުންނާ އެކުގައި ބާއްވާ ގުޅުން މިހާރަށްވުރެ ހަރުދަނާ ކުރެވިގެން. އަޅުގަނޑުމެންގެ ހިތްތަކުގައި އެމީހުންނާ މެދު އޮންނަންޖެހޭ އޯގާތެރިކަމާއި، ކުލުނާއި އިންސާނިއްޔަތުކަން، އަޅުގަނޑުމެންގެ ޢަމަލުންވެސް ދައްކައިދީގެން.

ނުކުޅެދުންތެރިކަމެއް ނެތަސް، އަޅުގަނޑުމެންގެ ލޯތްބާއި، އަޅައިލުމާއި، އޯގާތެރިކަން ބޭނުންވާ ވަރަށް ގިނަ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އެއީ، އަޅުގަނޑުމެންގެ މުސްކުޅި މައިންބަފައިންނާއި، ގާތްތިމާގެ މީހުން. އެފަދަ ބައެއް މީހުން މިއަދުވެސް ތިބީ، ޢާއިލާގެ ލޯބިން މަޙްރޫމްވެފައި. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އެފަދަ ބައެއް މީހުން މިއަދުވެސް ތިބީ، އެ މީހުންގެ ގާތްތިމާގެ މީހުން، އެމީހުން ބަލައި އަންނާނެ ވަގުތެއްގެ އިންތިޒާރުގައި.

އެމީހުން މިއަދު ލޯބޯކޮށިވެ، ގައިބާރު ދެރަވެފައި ތިއްބަސް، އެމީހުންގެ ގާތްތިމާގެ މީހުން ދިރިއުޅެމުން އެ ދަނީ، މިއަދު ނިކަމެތި ވެފައި ތިބި މީހުން ކޮށްދިން ޚިދުމަތްތަކާއި، ދިން އެހީތެރިކަމުގެ ސަބަބުން. އެ ސަބަބަށްޓަކައިވެސް، އެމީހުންނަށް އެހީތެރިވެ، ޢާއިލާގެ ތެރެއަށް ގެންދިޔުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް.

އަޅުގަނޑުމެންގެ އުންމީދަކީ، މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އެފަދަ މީހުންގެ ޢާއިލާތަކުން އެމީހުންނާ ޙަވާލުވެ، ޢާއިލީ ލޯތްބާއި އޯގާތެރިކަމުގެ ތެރޭގައި، އުފާވެރި ދުވަސްތަކެއް ހޭދަކުރުމުގެ ހެޔޮ ނަސީބު އެމީހުންނަށް ލިބިގެންދިޔުން.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އެ މީހުންނަށް ބޭނުންވާ އެންމެހައި ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ހެޔޮ ތައުފީޤު ދެއްވާށި. އަޅުގަނޑުމެން އެންމެންނަކީވެސް، އެކަކު އަނެކަކަށް ލޯބިކުރާ އަދި އޯގާތެރިކަމާއެކު މުޢާމަލާތުކުރާ ބަޔަކު ކަމުގައި ލައްވައި، އަޅުގަނޑުމެންގެ މެދުގައި އުފާވެރިކަމާއި ހަމަޖެހުމާއި އަމާންކަން ދަމަހައްޓަވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.