بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް އިލްޔާސް ޖަމާލް، ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިން، ސަފީރުން، ދައުލަތުގެ އިސްވެރިން، މި މުބާރާތުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން، ވަކިން ޚާއްޞަކޮށް ސްކޫލް ދަރިވަރުން، ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، 35 ވަނަ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތް ހުޅުވުމުގެ މި ރަސްމިއްޔާތުގައި، ބައިވެރިވެވޭކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް އުފާކުރަން. އަދި ޚާއްޞަކޮށް، މުޅި ރާއްޖެއިން ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވާތީ، އެކަމަށްޓަކައި ވަކިންބޮޑަށް އަޅުގަނޑު އުފާކުރަން.

އާދެ، މިފަހަރުގެ މުބާރާތް ވަރަށްބޮޑަށް ތަފާތު. އެނގިވަޑައިގަންނަވާނެ، އެތައް އަހަރަކަށްފަހު، ވަރަށް ތަފާތު މާޙައުލެއްގައި މި މުބާރާތުގެ ފެށުން މިއަދު މި ގެނެސްދެވެނީ. އާދެ، މި މިސްކިތުގެ ވަރަށް ހިތްގައިމު ފަންގިފިލާއެއްގައި. އަދި އަޅުގަނޑުމެންނާ އެކީގައި އެހެން ފަންގިފިލާއެއްގައި މުބާރާތުގެ ބައިވެރިން ނުވަތަ ދަރިވަރުން އެބަ ތިއްބެވި. އަޅުގަނޑުމެންނަށް ދެންމެ ފެނިގެންދިޔަ ވީޑިޔޯ ރިޕޯޓުންވެސް މި މުބާރާތާ ގުޅޭގޮތުން ވަރަށް ތަފާތު މަޢުލޫމާތުތަކެއްވެސް އަޅުގަނޑުމެންނަށް ލިބިއްޖެ.

އާދެ، އެއްކަމަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއީ ވަރަށް ފުރިހަމަ ބިނާއެކޭ. ޚާއްޞަކޮށް، އެތެރެ ވަރަށް ފުރިހަމަ. ވަރަށް ރީތި. ވަރަށް ޒީނަތްތެރި. އަޅުގަނޑު މި ދެންނެވީ، މި މިސްކިތުގެ ބޭރާ އަޅައިބަލާއިރު، މިސްކިތާއި އަދި މިސްކިތުގައި މިހިރަ އެހެން ތަންތަން ތަފާތުވާނެ ވާހަކަ. ރީތި ވާހަކަ، ޒީނަތްތެރިކަން އިތުރުކޮށްފައިވާ ވާހަކަ. އަޅުގަނޑަށް ހީވަނީ މިއީހެން އަޅުގަނޑުމެންގެ ކޮންމެ މީހެއް ގައިގައިވެސް ހުންނަންޖެހޭނެ ސިފަޔަކީ. ބޮޑަށް މިޖެހެނީ އެތެރެ ރީތިވާން، ބޭރުފުށަށްވުރެ. އެއީ އަޅުގަނޑުމެން އެންމެންނަށްވެސް އަޅުގަނޑަށް ހީވަނީ ލިބޭ ފިލާވަޅެއްހެން. އެކަމަށްޓަކައި މި މިސްކިތް ބިނާކުރުމަށްޓަކައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކާއި، މިއަދާ ހަމައަށް އެކަންތައްތައް ކުރެއްވި އެންމެހައި ސަރުކާރުތަކަށާއި އަދި ހުރިހާ ވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މި މުބާރާތް ކުރިއަށްދާއިރު، ކުރިއާ ޚިލާފަށް އެކުއެކީގައި ގެންދާ ގިނަ ކަންތައްތަކެއް އެބަހުރި. އެނގިވަޑައިގަންނަވާނެ، މިސްކިތުގެ ހޯލުތެރޭގައި، ބޭރުގައި، ވަރަށް ގިނަ ކަންތައްތަކެއް މިއާ ގުޅުވާލައިގެން ކުރިއަށް އެބަގެންދޭ. އަޅުގަނޑަށް ހީވަނީ، މިއީ ޤުރްއާން ކިޔެވުމުގެ މުބާރާތެއް ކުރިއަށް ގެންދާއިރު، ޘަގާފީގޮތުން ކުރީއްސުރެ ކިޔަވައިދިނުމުގެ ކަންތައްތައް ކުރަމުން އައިގޮތް ދައްކައިދޭ މިކަހަލަ ކަންތައްތަކެއް ކުރުމަކީ އެއީ، ވަރަށް ރަނގަޅު ކަމެއްހެން. އެއިންވެސް އަޅުގަނޑު ގަބޫލުކުރަނީ، މިކަމުންވެސް އަޅުގަނޑުމެންގެ މަޤްޞަދު އިތުރަށް ހާސިލުވެ، އެކަމުގެ ފަސޭހަތަކެއް، ފައިދާތަކެއް ކުރާނެކަމަށް.

އާދެ، އެނގިވަޑައިގަންނަވާނެ، މިފަދަ މުބާރާތެއް ބޭއްވުމުގެ ބޭނުން. ޤުރްއާނުގެ ޢިލްމު ފުޅާކޮށް، މުޅި ރާއްޖޭގެ ހުރިހާ ދަރިވަރުންގެ ހިތްތަކުގައި އިސްލާމީ ތަޢުލީމު އަށަގެންނެވުމަށްޓަކައި ނުވަތަ ފުޅާކުރުމަށްޓަކައި، ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދޭ. ޤުރްއާނަކީ އެނގިވަޑައިގަންނަވާނެ، އެއީ، ﷲގެ ކަލާމްފުޅު. އެއީ، އިލާހީ ޤާނޫނު. އެއީ، އަޅުގަނޑުމެން އެގޮތަކަށް އުޅެންޖެހޭ ހުރިހާ ގޮތްތަކެއް އަޅުގަނޑުމެންނަށް އަންގަވައިދެއްވައި ބަޔާންކޮށްދެއްވައިފައިވާ ފޮތެއް.

އެހެންވީމާ މިއަދު، ޤުރްއާން ކިޔެވުމާއެކު، ޤުރްއާނުން އަޅުގަނޑުމެންނަށް މި އަންގައިދޭ އެއްޗެއް އެނގުމަކީ އެއީ، ވަރަށްބޮޑަށް ސަމާލުކަމެއް އަދި މުހިންމު ކަމެއް ދޭންޖެހޭ ކަމެއް. ހަމައެއާއެކު، އެގޮތަށް އަޅުގަނޑުމެން އުޅުން އެއީ، އަޅުގަނޑު ދަންނަވާނީ، މި ޤުރްއާން މުބާރާތެއް ބޭއްވުމުގެ ބޭނުމާއި، ޤުރްއާން ކިޔެވުމުގެވެސް ބޭނުމަކަށް މިވަނީ.

އެހެންވީމާ، މިއަދު އަޅުގަނޑު ހަމަ ވަރަށްބޮޑަށް އިލްތިމާސް ކުރަން، ހުރިހާ ބޭފުޅުންނަށްވެސް، އަޅުގަނޑުމެންނަކީ އަބަދުވެސް ޤުރްއާނަށް ލޯބިކުރާ، ޤުރްއާން ގިނަގިނައިން ކިޔަވައި، ޤުރްއާނުގައި ބަޔާންކުރައްވާ އެއްޗެތީގެ މާނަ އޮޅުންފިލުވައި، އަދި އެގޮތަށް އުޅެވޭތޯ އަބަދުވެސް މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެންވުމަށް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް اللهُ سُبْحَانَهُ وَتَعَالَى އެންމެބޮޑަށް އަންގަވައި، އަމުރުކުރައްވާފައިވާ ކަންތައްތަކަކީ، ކުޑަކުދިންނަށް އަޅައިލުމާއި، އޯގާތެރިވުމަށް. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި، ހަމަޖެހުން ޤާއިމުކުރުމަށްޓަކައި، އެކަމަށް މަސައްކަތްތައް ކުރުން. އަޅުގަނޑުމެން ވިސްނާލަންޖެހޭ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދުނިޔެމަތީގައި އިންސާނަކަށްވެސް ކުރެވޭ އެންމެ މާތް ކަމަކަށްވަނީ، ޤުރްއާން އުނގަންނައި ދިނުން. ޤުރްއާން ކިޔެވުން.

މިފަދަ ކަމެއް ކުރިއަށްދާއިރު، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި، ކަންތައްތަކެއް ހިނގާ. އައިސްފައި ހުންނަ ރުޅިއެއްގެ ސަބަބުން، ފަހުން ހިތާމަކުރާ ކަހަލަ ކަންތައްތައް ބައެއްފަހަރު އަޅުގަނޑުމެންނަށް ކުރެވޭ. މިއީ އަޅުގަނޑުމެން މިއަދު ވިސްނަންޖެހޭ ކަންތައްތައް. ކަމެއް ކޮށްފައި، ފަހުން އެކަމަކާ ވަރަށްބޮޑަށް ދެރަވޭ. ނުކުރެވުނުނަމައޭ ހިތަށްއަރާ ކަހަލަ ކަންތައްތައް އަޅުގަނޑުމެން އިންސާނުންނަށް ކުރެވޭ.

އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެކަހަލަ ކަންތައްތަކާމެދު ފުންކޮށް އަބަދުވެސް ވިސްނަންވާނެއޭ. ކުރާ ކޮންމެ ކަމަކީ ހެޔޮ ކަމެއްގެ ގޮތުގައި ކުރެވޭނީ އޭރުން. އަދި ހަމައެއާއެކު، އަޅުގަނޑު ދަންނަވާލަން ބޭނުން، ޤުރްއާން އަޅުގަނޑުމެންނަށް އަންގަވާފައިވާ، ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި. ކިބުރުވެރި، ފޮނި، ބޮޑާނުވުން. ކޮންމެ ފަދަ މަގާމެއް ތިމަންނާއަށް ލިބުނަސް، އެއީކީވެސް އަދި ތާއަބަދު، ދާއިމަށް އޮތް ކަމެއް ނޫންކަންވެސް އަޅުގަނޑުމެން ދަންނަން އެބަޖެހޭ. އަބަދުވެސް މީހުން ދާނީ ބަދަލުވަމުން. އެއްދުވަހު މިކަހަލަ މަގާމެއްގައި، އަނެއް ދުވަހު ވަޒީރުކަމުގައި، އަނެއް ދުވަހު އެހެން ކަމެއްގައި. އެ ބަދަލުވެގެންދޭ.

އެހެންވީމާ، އަޅުގަނޑުމެންނަށް ލިބޭ އެއްވެސް ކާމިޔާބީއެއްގެ މައްޗަށް، ލިބޭ މަތިވެރި ކަމެއްގެ މައްޗަށް، މަގާމެއްގެ މައްޗަށް، އަމިއްލައަށް ތިމާ ކިބުރުވެރިވެ، ފޮނިވެ، މާ ޝަރަފުވެރިވުމަކީ އެއީ، އަޅުގަނޑަށް ހީވަނީ މިފަދަ މާތް ކަމެއްގެ ފެށުމުގައި އަޅުގަނޑުމެން ހަމަ ވިސްނާލަންޖެހޭ ކަމެއްހެން.

ދެން އަޅުގަނޑު މިއައީ އެއްވެސް ހާލެއްގައި އެހާގިނަ ފިލާވަޅުތަކެއް ކޮންމެހެން ކިޔައިދޭކަށް، ނަގައިދޭކަށްވެސް ނޫން. އެހެންނަމަވެސް، ޤުރްއާން މުބާރާތެއްވީމާ، އަޅުގަނޑު ހިތަށްއެރީ، ހަމަ މިކަހަލަ މުނާސަބު އެއްޗެއް ދަންނަވާލުމަކީ ހަމަ ވަރަށް މުހިންމު ކަމަކަށްވާނެއޭ.

އާދެ، ޤުރްއާން މުބާރާތް، މިއަދު ކުރިއަށް ގެންދާއިރު، ރާއްޖޭގައި ވަރަށް ތުއްތުކުދިން ހިތުދަސްކޮށް، އަދި ދުނިޔޭގެ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި، ވަރަށް ރަނގަޅު ކާމިޔާބީތައް ހޯދާފައި އެބަވޭ. މި ކާމިޔާބީތައް މި ހޯދެނީ ވަރަށް ގިނަގުނަ ބައެއްގެ މަސައްކަތުން. ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒާއި، ބެލެނިވެރިންނާއި، އަދި މިނޫނަސް އުނގަންނައިދޭ އެތައް އެދުރުންނެއްގެ ވަރަށް ބުރަ މިންނެތް މަސައްކަތުން. އަޅުގަނޑު މިއަދު އެ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުންވެސް، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ދީނީ ކަންތައްތަކަށް. ވީހާވެސް ބޮޑަކަށް ޞައްޙަ ޢަޤީދާ އޮޅުންފިލުއްވައި ދެއްވައި، ދެމެހެއްޓެނިވި ގޮތަކަށް މުޅި ރައްޔިތުންގެ ތެރެއަށް ކަންތައްތައް ފެތުރުއްވުމަށް. މި ސަރުކާރުން މިހާރުވެސް ގިނަ މިސްކިތްތަކެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި ހަމައެއާއެކު، އެތައް މިސްކިތެއް ނިމި، 14 މިސްކިތެއްގެ ޢަމަލީ މަސައްކަތް މިވަގުތުވެސް އިތުރަށް ކުރިއަށް އެބަދޭ.

އެނގިވަޑައިގަންނަވާނެ، އެންމެފަހުން ނިމިގެންދިޔަ ރަމަޟާން މަހު، އިޙްޔާ ޕްރޮގްރާމްތަކާއި، ދީނީ ނަސޭހަތް ދިނުމާއި، މާލެ ފިޔަވައި އެހެނިހެން ސަރަޙައްދުގައިވެސް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައިވަނީ. ރާއްޖޭގެ އާބާދީ ބޮޑެތި ހިސާބުތަކުގައި ވަރަށްގިނަ ޕްރޮގްރާމްތައް ހޭލުންތެރި ކުރުމުގެ އެކިއެކި ޕްރޮގްރާމްތަކާއި، ދީނީ ޕްރޮގްރާމްތައް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި މި ދެންނެވި ހޭލުންތެރިކަން އިތުރުކުރުމުގެ އެތައް ޕްރޮގްރާމްތަކެއް މިނިސްޓްރީ އޮފް ޔޫތު، މިނިސްޓްރީ އޮފް ޖެންޑަރ، ހޯމް އެފެއާޒް، މި ހުރިހާ މިނިސްޓްރީތަކެއްގެ ފަރާތުން ކުރިއަށް އެބަ ގެންދެވޭ.

އަޅުގަނޑު ދަންނަވާނީ، ކިތަންމެ ގިނަ ކަންތައްތަކަކާއި އަދި ޕްރޮގްރާމްތައް މިހެން ގެންދިޔަ ނަމަވެސް، އަޅުގަނޑުމެން އެ ކަންކަން ރަނގަޅަށް ބަލައިގަނެ، އެއިން ކިޔާ އެއްޗެއް، ބުނާ އެއްޗެއް އަޑުއަހައި، ދަސްކުރާ ބަޔަކަށް ނުވާކަމަށްވަންޏާވެސް، އެންމެ ރަނގަޅު ފައިދާއެއް އެއިން ނުކުރާނެއޭ.

އަޅުގަނޑު ހަމަގައިމުވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމެއް އޮވޭ. އެއީ، ހުކުރު ޚުޠުބާ. މި ސަރުކާރު އައުމަށްފަހު، މުޖުތަމަޢުގައި ހުރި ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައި، ފިލާވަޅުތަކެއްގެ ގޮތުގައި ހުކުރު ޚުޠުބާ އަޅުގަނޑުމެންނަށް އިވެނީ. ވަރަށް ފުރިހަމަ. ވަރަށް ރަނގަޅު. އެހެންވީމާ، އެވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން ރަނގަޅަށް ކަނުލައި އަޑުއަހަންވާނެއޭ. އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކެއްގެ ވާހަކަ، ކޮންމެ ހުކުރު ދުވަހަކުވެސް މި އަންނަނީ. ނެތް މައްސަލައެއްގެ ވާހަކައެއް ނުދައްކާ. އެއީ، މަސްތުވާތަކެތީގެ ކަންތައްތަކުގައިވިޔަސް، އެއީ މަގުމަތީގައި ދުއްވުމާއި، މަގުމަތީގައި އުޅުމާއި، އަދަބާއި، ވާހަކަދައްކާ ބަހުރުވައާއި، މި ކަންތައްތަކަށް ކަމުގައިވިޔަސް، އެކަންކަމާމެދު ފުންކޮށް އަޅުގަނޑުމެން ވިސްނަންވާނެ. މީހާ ޢުމުރުން އަދި ދުވަސްވެފައި ހުއްޓަސް، ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރެދާނެކަން. ޢުމުރުން ދުވަސްވިޔަސް، މީހާގެ ގައިގައި ހުރި ހުރިހާ ކަމެއް އެންމެ ފުރިހަމަނުވެދާނެ. އަދި ކޮންމެ މީހެއްގެ އެހެން ނުހުރެވެސްދާނެ. އެހެންވީމާ، ކޮންމެ ދުވަހަކީވެސް އަޅުގަނޑުމެން ހަދަންޖެހޭނީ އަޅުގަނޑުމެން ކަންތައްތައް ދަސްކުރާ، އިސްލާޙުކޮށް، ހެޔޮގޮތްތައް އަޅުގަނޑުމެން ހޯދައި ބަލާ ދުވަހަކަށް. އަޅުގަނޑު ހިތަށްއެރީ، ހަމަ މި ވާހަކަވެސް އަޅުގަނޑު ދަންނަވާލާނީއޭ.

އާދެ، ޤުރްއާނާބެހޭ މަރުކަޒުން ޚާއްޞަކޮށް، މި ޢިލްމު ފެތުރުމަށްޓަކައި ކުރައްވާ މަސައްކަތް އަޅުގަނޑު ވަރަށްބޮޑަށް ފާހަގަކުރަން. އަދި މިފަހަރުގެ މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރީތައް ކުރައްވައި، މިފަދަ އިންތިޒާމުތަކެއް ހަމަޖެއްސެވީތީވެ، ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ ޝައިޚް އިލްޔާސް ޖަމާލަށާއި، އަދި ޤުރްއާނާބެހޭ މަރުކަޒުގެ އެންމެހައި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ އަހަންމިއްޔަތުކަމާއި އެހީތެރިކަމަށްޓަކައިވެސް މިނިސްޓަރާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމައެއާއެކު، ސްކޫލްތަކުން ކުރާ މަސައްކަތްތައް ފާހަގަކޮށް، ސްކޫލްތަކުގެ ޕްރިންސިޕަލުންނަށާއި، އަދި މުދައްރިސުންނަށް، އަދި މި ޢިލްމު އުނގަންނައިދޭ އެންމެހައި މަރުކަޒުތަކަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކުން ކުރައްވާ މަސައްކަތް ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ތުއްތުކުދިން، މުޅި ރައްޔިތުން، ހުރިހާ އެންމެންނަކީ، ޤުރްއާނަށް އަބަދުވެސް ލޯބިކުރާ، ދީނީ ޢިލްމު އުނގެނުމަށްޓަކައި، އަބަދުވެސް މަސައްކަތްކުރާ ބައެއްގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالَى ލެއްވުން. އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވައި، އަބަދުވެސް ހެޔޮވިސްނުން ދެއްވައި، ހެޔޮގޮތްތައް އަޅުގަނޑުމެންނަށް މުޅި ޤައުމަށް މެދުވެރިކުރެއްވުން. ދިވެހި ޤައުމަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.