بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އައިލެންޑް އޭވިއޭޝަންގެ ޗީފް، ކޯޕަރޭޓް އެފެއާޒް ޙުސައިން ސުހައިލް، ފުވައްމުލަކުގެ މޭޔަރ އިސްމާޢީލް ރަފީޤު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ކައުންސިލް މެންބަރުން، ފުވައްމުލަކުގެ މުއައްސަސާތަކުގެ އިސްވެރިން، އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާއި އަދި މި ކޯލް ސެންޓަރުގެ އެންމެހައި މުވައްޒަފުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވަނީ، މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން، އަތޮޅުތެރޭގަޔާއި ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް ޤާއިމުކުރެއްވުމާއި، ވަޒީފާތައް ހަމަޖައްސަވައިދެއްވުން. ވަކިން ޚާއްޞަކޮށް، އެ ފުރުޞަތު މަދު ރަށްރަށަށް އިސްކަންދެއްވައިގެން، އެ ކަންތައްތައް ކުރެއްވުން.

އެނގިވަޑައިގަންނަވާނެ، ފުވައްމުލަކަކީ ރާއްޖޭގެ އެހެން ހުރިހާ އަތޮޅުތަކާ ވަރަށް ތަފާތު، ކައިރީގައި ފަޅު ރަށެއްވެސް އަދި ފަޅެއްވެސް، ގިރިއެއްވެސް އޮންނަ ރަށެއް ނޫން. ރާއްޖޭގެ އެހެން އަތޮޅުތަކުގައި ކުރެވޭ ޒާތްޒާތުގެ ވިޔަފާރި، އެ ކަހަލަ އިކޮނޮމީއެއް މި ރަށުގައި އެވަރަށް ހިންގުމުގެ ފުރުޞަތު ވަރަށް ހަނި. އެހެންވުމުން، ކޮބައިތޯ ފުވައްމުލަކުގައި ކުރެވިދާނެ ކަންތައްތަކަކީ. އެއީ، ސަރުކާރުން އަބަދުވެސް ބަލަމުންދާ ކަމެއް.

އަޅުގަނޑު މިއަދު ހަމަ ފާހަގަކުރަން، އައިލެންޑް އޭވިއޭޝަންގެ މި ކޯލް ސެންޓަރ ހުޅުވިގެންދާއިރު، މި ސަރުކާރު އައިފަހުން ޓްރޭޑް ނެޓް، އަދި އެން.ސީ.އައި.ޓީ. ގައި ގާތްގަނޑަކަށް ހަތްދިހައަށްވުރެ ގިނަ ވަޒީފާ މިހާރުވެސް މިވަނީ އުފެދިފައި. މިއީ ހަމަ މި ސިޔާސަތުގެ ދަށުން. އެހެންވީމާ، އަޅުގަނޑު ހަމަ އެކަންތައް ފާހަގަކޮށް، ޚާއްޞަކޮށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ ތަރައްޤީގެ މައިގަނޑު އަމާޒަކީ، ދެންމެ ސުހައިލް އެ ވިދާޅުވިފަދައިން، ކަންތައްތައް ލާމަރުކަޒު ކުރުން. ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާ، ޤައުމުގެ ކަންތައްތައް އެންމެ ފުރިހަމަކޮށް، އެފިޝަންޓްކޮށް، އިފެކްޓިވްކޮށް ހިންގޭނީ ލާމަރުކަޒު ކޮށްގެންކަން. ރަށުގައި ބަޔަކު ތިބެގެން، ރަށުގައި ކަންތައްތައް ގާތުން ފެންނަ ބަޔަކު، އެ ކަންތައްތައް ހިންގުމާ ހަވާލުވެގެންކަން.

އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ އެ މަސައްކަތަކީ ކައުންސިލްތައް ބާރުވެރިކޮށް، އަދި އެނޫނަސް މުއައްސަސާތައް އެކަށީގެންވާ ގޮތަކަށް ހިންގުމުގެ ޖާގަ ހޯދައިދިނުން. އިރާދަކުރެއްވިއްޔާ، ސަރުކާރުން ކުރާ މަސައްކަތުގައި އަދިވެސް އިތުރަށް ކަންތައްތައް އަޅުގަނޑުމެންނަށް މިގޮތަށް ފެށިގެންދާނެ.

ދެންމެ ސުހައިލް ވިދާޅުވިފަދައިން، އަޅުގަނޑުވެސް ހަމަ ފާހަގަކޮށްލަން ބޭނުން، އައިލެންޑް އޭވިއޭޝަންގެ ފްލީޓަށް ބަލައިފި ކަމަށްވަންޏާ އެނގިވަޑައިގަންނަވާނެ، ހުރި ބޯޓުތަކަކީވެސް ވަރަށް ދުވަސްވެފައި ހުރި ޑޭޝް މަރުކާގެ ބޯޓުތައް. ކެޕޭސިޓީއަށް ބަލައިފި ކަމަށްވަންޏާވެސް ދަތިތަކެއް އެބަހުރި. ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮންމެ އަހަރަކު އެއަރޕޯޓުތައް ހުޅުވަމުން އެބަދޭ. މިއިން ކޮންމެ ތަނަކަށްވެސް ދަތުރުފަތުރު ކުރަން ޖެހިފައި އޮތީ. މައިގަނޑު ގޮތެއްގައި ޢާންމުންނަށް ޚިދުމަތްދިނުން މިއޮތީ އައިލެންޑް އޭވިއޭޝަނަށް. އަދި އެހެން އެއަރލައިންތައް ހުރީ ބޮޑަށް ޓުއަރިޒަމް ދާއިރާއަށް، އެތެރެއިން ކަންތައް ކުރެވުނުނަމަވެސް.

އަޅުގަނޑުމެންނަށް އެނގޭ، މި އެއަރޕޯޓުތައް އިތުރުވެގެންދާއިރުއާއި، ތަރައްޤީ ވަމުންދާއިރު، ފްލީޓްވެސް އިތުރުވާން އެބަޖެހޭ، ބޮޑުވާން އެބަޖެހޭ، ގިނަވާން އެބަޖެހޭ. މިހާރު އިރާދަކުރެއްވިއްޔާ، މި މަހު ނުވަތަ ޖަނަވަރީ މަހުގެ ތެރޭގައި، ފްލީޓަށް ލިބޭ އިތުރު އޭ.ޓީ.އާރު. ރިޕޯޓުތަކާއެކީ ފަސޭހަތަކެއް އަންނާނެ. އަޅުގަނޑު ހަމަ ދިވެހި ރައްޔިތުންނަށް ޔަޤީންކަން ދޭން ބޭނުންވަނީ، ދިވެހި ސަރުކާރުގެ ފަރާތުން ދަތުރުފަތުރުގެ ކަންތައްތައް ފަސޭހަކަމާއެކު ހަމަޖެއްސުމަށް ކުރަންޖެހޭ ކަންތައްތައް ކުރާނެކަން.

އެނގިވަޑައިގަންނަވާނެ، މި ސަރުކާރަކީ އަބަދުވެސް ދަތުރުފަތުރުގެ ކަންތައްތަކަށް ސަމާލުކަންދޭ ސަރުކާރެއްކަން. އަދި އަޅުގަނޑު ހަމަ ފާހަގަކުރަން ބޭނުން، 2008 ވަނަ އަހަރު އުފެދިގެން އައި ސަރުކާރު، އޭރުގެ އެމް.ޑީ.ޕީ.އިންވެސް ދަތުރުފަތުރުގެ ކަންތައްތަކަށް ވަރަށް ބޮޑަށް ސަމާލުކަމެއްދިން. މިއަދު އަޅުގަނޑުމެންނަށް ނަތީޖާ އެބަ ފެނޭ. އާރު.ޓީ.އެލް. މެދުވެރިކޮށް ޚާއްޞަކޮށް، ކަނޑާއި އެއްގަމުގައި މިހާރު ފެށިފައިވާ ޕަބްލިކް ޓްރާންސްޕޯޓް ނެޓްވަރކްގެ ތެރެއިން. އެއީ ޙަޤީޤީ ތަރައްޤީއަކީ. ކޮންމެ ދުވަހަކު ބޭނުންވާ ތަނަކަށް، ރަށްރަށަށް ދިޔުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބުން. އެހެންވީމާ، އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

ދެން، މިއަދު އަޅުގަނޑު މުވައްޒަފުންނަށް ދަންނަވާލަން ބޭނުންވޭ، ކޮންމެ ޚިދުމަތެއް ފެށިގެންދާ ދުވަހު، ވަރަށް ޖޯޝާއެކު، ވަރަށް ފޯރިއާއެކު ވަރަށް ހިނިތުންވުމާއެކު އަޅުގަނޑުމެން އެ މަސައްކަތެއް ފަށައިގަންނަނީ. ބައެއްފަހަރު ދިމާވާ ކަމެއް، އެ ޖޯޝްނެތި އަޅުގަނޑުމެން އެ މަސައްކަތް ކުރާ ކަމަށްވަންޏާ، އެ ޚިދުމަތް އެންމެ ބޭނުންވާ ގޮތަށް ނުދެވިދާނެ. މިއަދު އަޅުގަނޑުމެން ވިސްނަންވާނީ، ދޭ ކޮންމެ ޚިދުމަތަކީވެސް، ތަރައްޤީ އަންނަ މިންވަރަކަށް، ރައްޔިތުންގެ އެކްސްޕެކްޓޭޝަނާ އެއްވަރަކަށް ރަނގަޅަށް ދެވޭ ޚިދުމަތަކަށް ހެދުމަށް.

ހަމަ އެއާއެކު، އައިލެންޑް އޭވިއޭޝަންގެ ހުރިހާ ޚިދުމަތްތަކެއްވެސް، މި ދެންނެވި ގޮތަށް ވީހާވެސް ކެއަރރިންގ ގޮތެއްގައި ދިނުން މުހިންމު. އެއީ، އޮންބޯޑް ސަރވިސް ކަމުގައިވިޔަސް އަދި ގްރައުންޑް ސަރވިސް ކަމުގައިވިޔަސް، އެކަން ވަރަށް މުހިންމު ކަމެއް އެއީ. އެހެންވީމާ، އެކަމަށް ޚާއްޞަ ސަމާލުކަމެއް، ޚާއްޞަކޮށް، އައިލެންޑް އޭވިއޭޝަނުން ތިޔަބޭފުޅުން ދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އެނގިވަޑައިގަންނަވާނެ، ފުވައްމުލަކުގެ ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. ދިވެހި ސަރުކާރުން މި ރަށުގެ ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، އަދި ޢާންމުންނަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ކުރާ މަސައްކަތް. އަޅުގަނޑު މި ދެންނެވި ޕަބްލިކް ޓްރާންސްޕޯޓްވެސް އެއްގަމުގައި ވެއްޖިއްޔާ، މި ދަތުރުކުރެވެނީ މަގުތައްވެސް ހަދައިގެން. ފުވައްމުލަކުގެ އެއްކޮޅުން އަނެއްކޮޅަށް މުޅި ރަށުތެރެއަށް ބަލައިލާއިރު، ވަރަށް ޙައިރާންކުރުވަނިވި ކަހަލަ މަންޒަރުތަކެއް މި ފެންނަނީ. މިއީ، ކުރިން އަޅުގަނޑުމެންނަށް ފެނުނު މަންޒަރެއް ނޫން. ތާރުއަޅައި މަގުތައް ހެދެމުން މިދަނީ. އަދި އިތުރަށްވެސް ވަރަށް ގިނަ ކަންތައްތައް ފުވައްމުލަކަށް ރައީސުލްޖުމްހޫރިއްޔާ، މި ސަރުކާރުން ކޮށްދެއްވަމުން އެބަ ގެންދަވާ. އަޅުގަނޑަކީވެސް ފުވައްމުލަކު މީހަކަށްވީތީ، ރައީސުލްޖުމްހޫރިއްޔާ އެ ދެއްވާ އިސްކަމަށާއި، ސަމާލުކަމަށްޓަކައި، ފުވައްމުލަކުގެ ހުރިހާ ރައްޔިތުންގެ ނަމުގައި އެ މަނިކުފާނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް، ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ މުޙަންމަދު މިހާދު، މި ކޯލް ސެންޓަރެއް ހެދުމުގެ ވާހަކަ ދެއްކެވި ހިސާބުން، ކައުންސިލާއެކީ ވަގުތުން ވަގުތަށް އެ ކަންތައްތައް ނިންމަވައި، މިހާ އަވަސް ފުރުޞަތެއްގައި މިކަންތައް ފަށްޓަވައިދެއްވުން އެއީ. އެކަން އަޅުގަނޑު ފާހަގަކޮށް، މެނޭޖިންގ ޑައިރެކްޓަރ މުޙަންމަދު މިހާދަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި މިއިން ކޮންމެ ކަމެއްވެސް ކުރެވޭކަން މިއީ، އަޅުގަނޑުމެންނަށް ފެންނަ ތަފާތު ކަމެއް.

މިހާރު ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތައް ވަރަށް ތަފާތު. އަޅުގަނޑަށް އިއްޔެ ހުރެވުނީ، މުޅި ދުވަސްއެކީ އައްޑޫގައި. ކައުންސިލްގެ ފަރާތުން ތަފާތު މަންޒަރެއް ފެނިގެންދަނީ. ކަންކަން ކުރުމުގެ ޝައުޤުވެރިކަމާއި ބައިވެރިވުން އަޅުގަނޑުމެންނަށް ފެނިގެންދަނީ. ފުވައްމުލަކުގައިވެސް ވަރަށް އެކުގައި އަޅުގަނޑުމެންނަށް އެބަ މަސައްކަތް ކުރެވޭ. މޭޔަރ އަދި މޭޔަރގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ކައުންސިލް މެންބަރުންނާއި އަދި މުއައްސަސާތަކުގެ އިސްވެރިންގެ ބައިވެރިވުން ހުރިހާ ކަމެއްގައި އެބަ ލިބޭ. އަޅުގަނޑު ދަންނަވަން އޮތީ ތިޔަބޭފުޅުންނަށް، އެނޫންގޮތަކަށް ކަންތައްތައް އޮވެގެންނެއް، އެންމެ އެކަށީގެންވާ ގޮތަކަށް ކަންތައްތަކެއް ނުވާނެއޭ. ޕޮޒިޓިވް މައިންޑެއްގައި އަޅުގަނޑުމެން ތިބެގެން ނޫންގޮތަކަށް ހަމަ ނުކުރެވޭނެއޭ.

އެހެންވީމާ، އެންމެންގެ ޙައްޤަށްޓަކައި މުޅި ރައްޔިތުންގެ މަންފާއަށްޓަކައިވެސް އަޅުގަނޑުމެން މިއަދު މިގޮތަށް އެކީގައި ގުޅިގެން މަސައްކަތްތައް ކުރަން އެބަޖެހޭ. މިކަމަށްޓަކައި ހުރިހާ ބޭފުޅުންނަށް، މިކަމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިގޮތަށް މަސައްކަތް ކޮށްފި ކަމަށްވަންޏާ އަޅުގަނޑުމެންގެ ކުރިމަތީގައި އަބަދުވެސް އޮންނާނީ އުފާވެރިކަމާއި ކާމިޔާބީ. اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން ކުރާ މަސައްކަތުގައި ބަރަކާތްލައްވައި، އަޅުގަނޑުމެންނަށް އަބަދުމެ ކާމިޔާބީ މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.