މަޤާމުގައި ހޭދަކުރެއްވި ކޮންމެ ދުވަހަކީވެސް ދިވެހިރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވި ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާ އޮތީ، މިއަދު ހެނދުނު މ.އަތޮޅު މަދަރުސާގައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދައުލަތުގެ ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ހޭދަ ކުރެއްވި ކޮންމެ ދުވަހަކީ، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވި ދުވަހެއް ކަމަށެވެ. އަދި ވެރިކަމުގެ ދައުރު ފެއްޓެވި އިރު ކުރިމަތިވެވަޑައިގެންފައި އޮތް އެންމެ ބޮޑު އެއް ކަމަކީ، ދިވެހިންގެ މެދުގައި ހަމަޖެހުމާއި ޞުލްޙަޔާއި އެއްބައިވަންތަކަން ގެއްލި ބައިބައިވެފައި އޮތުން ކަމަށާއި އޭރު ސިޔާސީ ބޭނުންތަކެއްގައި ވަކި ބަޔަކު ގަސްދުގައި ދިޔައީ ހަމަޖެހުން ނަގައިލަމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނަށް އެންމެ ފުރަތަމަ ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ވިސްނިވަޑައިގަތީ މުޖްތަމަޢުގައި ޞުލްޙަ ޤާއިމުކުރުމާއި، ދިވެހިން އެއްބައިވަންތަކޮށް، އެކުވެރިކަމާއެކު ހަމަޖެހިގެން ދިރިއުޅުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ. އަދި އެއްބައިވަންތަކަން ޤާއިމްކުރެވޭނީ، ޚިދުމަތް ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް ހަމަހަމަކަން ޤާއިމުކޮށްގެން ކަމަށާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިސަރުކާރުން ފެށި ކޮންމެ މަޝްރޫޢެއްގެ އަމާޒަކީވެސް، ވަކި ރަށެއް ތަފާތުނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށް ދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ހިންގަވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މައްޗަށާއި އެދުވަހު ދިވެހިރައްޔިތުން ދައްކުވައިދިން އެއްބައިވަންތަކަމުގެ މައްޗަށް އަދި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގައި ސަލާމަތީ ޚިދުމަތްތަކުން ކުރި ބުރަ އަދި އަގުހުރި މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ސުނާމީ ކާރިސާގައި އެމަނިކުފާނާއި އާއިލާ ކުރަންޖެހުނު ތަޖުރިބާތައްވެސް ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން މިޖަލްސާގައި ވަނީ، ކޮޅުފުށީގައި ހަދާފައިވާ ސުނާމީ ކާރިސާގެ ހަނދާނީ ބިނާގެ މޮޑެލްއެއް މ.ކޮޅުފުށީ ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގެ ކުރިން ކޮޅުފުށީ ބަނދަރު ސަރަހައްދުގައި ބޭއްވި، ރަސްމިއްޔާތުގައި، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ، ސުނާމީ ކާރިސާގެ ހަނދާނީ ބިނާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވިއެވެ.

ސުނާމީ ކާރިސާގައި ކޮޅުފުށިން 16 މީހުން މަރުވެފައިވެއެވެ. އޭގެ ތެރެއިން 4 މީހުންނަކީ ވީނުވީއެއް ނޭނގިގެއްލިފައިވާ މީހުންނެވެ. މިއަދަކީ ދިވެހިރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާއަށް 18 އަހަރު ފުރުނު ދުވަހެވެ. ސުނާމީ ކާރިސާ އާއި ގުޅިގެން ފާހަގަކުރައްވަމުން އަންނަ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް މިއަހަރު ޤައުމީ ފެންވަރުގައި ފާހަގަކުރައްވަނީ މ. ކޮޅުފުށީގައެވެ.