بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ނިޢުމަތްތަކުގެވެރި اللهُ سُبْحَانَهُ وَتَعَالَى ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާޢީލް ޢަބްދުﷲ، ފުވައްމުލަކު މޭޔަރ އިސްމާޢީލް ރަފީޤު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ފުވައްމުލަކު ކައުންސިލްގެ މެންބަރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން، މުއައްސަސާތަކުގެ ވެރިން، ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހީވާގި މުވައްޒަފުންނާއި އަދި އެންމެހައި މުދައްރިސުން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ސްކޫލްގެ އެންމެހައި ދަރިވަރުން، އަދި ފުވައްމުލަކުގެ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، 40 އަހަރު ފުރިގެންމިދާ މުނާސަބަތުގައި، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހުރިހާ ދަރިވަރުންނަށާއި، އެންމެހައި ހީވާގި ބެލެނިވެރިންނަށާއި، މުދައްރިސުންނަށާއި، އަދި އިސް ދަރިވަރުންނަށާއި، ތަޢުލީމީ މަރުކަޒަށް އެކި ގޮތްގޮތުން ޚިދުމަތް ކޮށްދެއްވާފައިވާ އެންމެހައި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރުން.

އާދެ، އަޅުގަނޑުމެން ވިސްނާލަންޖެހޭނެ، 40 އަހަރު ފުރިގެންދާއިރު، ސްކޫލެއްގެ ޙަޤީޤީ ދައުރަކީ ކޮބައިތޯ. މިއީ، އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންޖެހޭ ކަމެއް. އާދެ، ސްކޫލަކުން މިކުރާ މަސައްކަތަކީ، ވަރުގަދަ ރަނގަޅު މުޖުތަމަޢެއް ބިނާކުރުން. ހެޔޮލަފާ، އަޚްލާޤު ހެޔޮ، މީހުންނަށް އަޅައިލާ، ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރުން. އަޅުގަނޑުމެން ގަބޫލުކުރަންވާނެ، ސްކޫލެއްގައި ކިތަންމެ ރަނގަޅު މުދައްރިސުންތަކެއް ތިބި ނަމަވެސް، އަދި ސްކޫލްގައި ވަސީލަތްތައް ކިތަންމެ ފުރިހަމައަށް ހުރި ނަމަވެސް، މި ދެންނެވި ކަންތައްތައް ހަމައެކަނި ސްކޫލް ތެރެއިން، ސްކޫލްގެ ހަތަރުފާރު ތެރެއިން، ސްކޫލްގެ މުވައްޒަފުންނާއި، މުދައްރިސުން ހަމައެކަނި ކުރާ މަސައްކަތަކުން ކާމިޔާބެއް ނުވާނެކަން. މަޤްޞަދު ހާސިލު މި ކުރެވެނީ، މުޅި ރަށުގެ އެންމެން، މުޅި މުޖުތަމަޢުގެ އެންމެން އެކުގައި ކުރެވޭ މަސައްކަތުން. އާދެ، ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް، ޤައުމަށް ބޭނުންވާފަދަ ދަރިންތަކެއް ބިނާކުރުމަކީ، މާދަމާގެ މުސްތަޤްބަލަށް ޖީލެއް ތައްޔާރުކުރުމަކީ އެއީ، އަޅުގަނޑުމެން ގަބޫލުކުރަންވާނެ، އެންމެންގެ މަސްއޫލިއްޔަތެއްކަން. މުޅި ރަށުގެ ހުރިހާ އެންމެން، އަޅުގަނޑުމެން ޤައުމުގެ ހުރިހާ އެންމެންކުރަންޖެހޭ މަސައްކަތެއްކަން.

އާދެ، އެނގިވަޑައިގަންނަވާނެ، ކޮންމެވެސް ކަމެއް ކޮންމެ މީހަކަށްވެސް ކުރެވޭނެ. އަޅުގަނޑު ހަމަ ހިތަށްއަރަނީ އަޅުގަނޑުމެންނަށް ނޭނގިވެސް، އަޅުގަނޑުމެން އެކަމެއްގެ މަތިން ހަނދާންނެތިފައި ހުއްޓަސް، މީހަކަށް ރަނގަޅު ކަމެއް، ހެޔޮ ކަމެއް ކޮށްދެވިފައި އޮތް ކަމަށްވަންޏާ، އެމީހަކަށް އަޅުގަނޑުމެން ހީނުކުރާކަހަލަ ކާމިޔާބީތަކެއް ލިބި، ހީނުކުރާފަދަ ހެޔޮ ރަނގަޅު މީހަކަށް އެމީހަކު ބަދަލުވެގެން އެބަދެއޭ. އަޅުގަނޑުމެންނަށް މިކަހަލަ މެސެޖެއް މިނިސްޓަރުގެ ވާހަކަފުޅުންވެސް ދެއްވި.

އަޅުގަނޑު މިއަދު ޚާއްޞަކޮށް، ފުވައްމުލަކުގެ ހުރިހާ ރައްޔިތުންނަށް، ޓީޗަރުންނަށް އެކަންޏެއް ނޫން، ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި މަޤްޞަދު ހާސިލުކުރުމަށްޓަކައި ސްކޫލްގެ ކަންތައްތައް، ހަމައެކަނި ސްކޫލްގައި ހިމެނޭ ފަރާތްތަކަށް ދޫކޮށްނުލައްވައި، އެކަމުގައި ފުންކޮށް ވިސްނަވައި، އަޅުގަނޑުމެން އެންމެން ރަނގަޅަށް ބައިވެރިވެ، ކޮންމެ މީހަކަށްވެސް އެ ކުރެވެން އޮތް ކަމެއް، އެ ކަންތައް ހާސިލުކުރުމަށްޓަކައި ކޮށްދެއްވާށޭ.

އާދެ، އެއްވެސް ޝައްކެއްނެތް، 40 އަހަރު ވެގެންދިޔައިރު، މި ސްކޫލުން އެތައް ކާމިޔާބީތަކެއް ހޯދައިފި. އަދި އެކަންކަމުގެ ފަހަތުގައި އެތައް ބަޔަކު އެބަތިބި. އެއްވެސް ކަމެއް ހާސިލު މި ކުރެވެނީ، އިންޑިވިޖުއަލީ ވަކިވަކި ފަރުދަކަށް ކުރެވޭ މަސައްކަތަކުންނެއް ނޫން. ޓީމެއްގެ ގޮތުގައި ކުރެވޭ މަސައްކަތަކުންވެސްމެ. އެހެންކަމުން، މިއަދު 40 އަހަރު ފާހަގަކުރަމުންދާއިރު، މި ސްކޫލްގެ ކާމިޔާބީއަށްޓަކައި، ކުރިއެރުމަށްޓަކައި، ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރުމަށްޓަކައި، އެ މަސައްކަތުގައި ބައިވެރިވި، 1982 ވަނަ އަހަރުގެ އެޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން، މިއަދާ ހަމައަށް ބައިވެރިވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ކުރީގެ 20 ޕްރިންސިޕަލުން، އޭގެ ތެރޭގައި، އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވާ ޕްރިންސިޕަލުންނަށް އަޅުގަނޑުމެންގެ ދުޢާއަކީ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން. އަދި ކުރީގައި މަސައްކަތް ކުރެއްވި އެންމެހައި ޓީޗަރުންނަށާއި، އެކި ގޮތްގޮތުން ޚިދުމަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންނަށް ގޭޓެއް ދައްކަވައިދެއްވައިފި. ރަން ގޭޓެއްގެ ގޮތުގައި، ރަން 50އާ ހަމައަށްދާއިރު އެ ތަޞައްވުރު. އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި މަސައްކަތްތަކާއެކު 50 އަހަރަށް މި ސްކޫލް ވާސިލުވާއިރު، އިރާދަކުރެއްވިއްޔާ މި ސްކޫލް ވާނީ، ވަރަށް ފުރިހަމަ، ވަށާޖެހޭ ތަޢުލީމެއް ދެވޭ، ރާއްޖޭގެ އެހެން ކަންކޮޅުތަކަށްވެސް އޭގެ ނަމޫނާ، މޮޑެލް ސްކޫލެއްގެ ގޮތުގައި. އެ މަސައްކަތްތައް ކުރިއަށްދާ ވާހަކަ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ.

އާދެ، ރައީސުލްޖުމްހޫރިއްޔާ ވަނީ މިވަގުތު ރާއްޖޭގެ މިފަދަ މޮޑެލް ދެ ސްކޫލެއްގެ ތެރެއިން ޏ. އަތޮޅު ތަޢުލީމީ މަރުކަޒަކީ، އެއް ސްކޫލް ކަމަށް ކަނޑައަޅުއްވާފައި. އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ކުރިއަށް އެބަދޭ. މި ކަންތައްތައް ތަޢާރުފްވެ، މި މަސައްކަތްތައް ފެށުމުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސިޔާސަތާ އެއްގޮތަށް، ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަންތައްތަކެއް އަޅުގަނޑުމެންނަށް ސްކޫލްގައި ޤާއިމުކުރެވިގެންދާނެ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިއަދު ވިސްނާލަން އެބަޖެހޭ، ސްކޫލްގައި ހަމައެކަނި ފޮތް ބެލުމުން، ފޮތް ކިޔުމުން، ނުވަތަ ފިލާވަޅުތައް ހަމައެކަނި ދަސްކުރުމުން، އަޅުގަނޑުމެންނަކަށް ނުފުދޭނެކަން. އަޅުގަނޑުމެންގެ ހުރިހާވެސް މަސައްކަތެއްގެ އަމާޒު ބަހައްޓަންވީ އެކި ހުނަރު އަށަގަތުމަށްޓަކައި. ކޮންމެ ދަރިވަރަކީވެސް، ކޮންމެ ކުއްޖަކީވެސް، ކޮންމެވެސް މަސައްކަތެއް ދަސްކުރެވިފައިވާ ކުއްޖަކަށްވުމަކީ، އެންމެ މުހިންމު ކަންތައް. އެހެންވީމާ، މިއަދު ދަރިވަރުން މިކަމާ ވަރަށް ފުންކޮށް ވިސްނައި، ފަޚުރުވެރިކަމާއެކު، ތިމަންނާއަކީ، މިވެނި މަސައްކަތެއް ދަންނަ، ކުރެވޭ މީހެކޭ، ކުއްޖެކޭ އެހެން ބުނެލުމުގެ ފުރުޞަތު ހޯދުމަށްޓަކައި ދަރިވަރުން މި ކަމަށްޓަކައި ވިސްނަންވީ. ކޮންމެވެސް މަސައްކަތްތަކެއް، މަސައްކަތެއް ދަސްކުރަންވީ.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ތަރައްޤީއާއެކު، މިހާރު މި ހިނގާ ކަންތައްތަކާއެކު، ކުރިއަށް އޮތީ މިފަދަ ފަރާތްތައް އަޅުގަނޑުމެންނަށް ބޭނުންވާނެ ދުވަސްތައް. އެކި ދިމަދިމާއަށް އަޅުގަނޑުމެން ބަލައިލިޔަސް، ޞިއްޙީ ދާއިރާއަށް، ޓެކްނިކަލް ދާއިރާތަކަށް ބަލައިލިޔަސް، މެޑިސިން، މެޑިކަލް ދާއިރާއަށް ބަލައިލި ކަމުގައިވިޔަސް، އަދި އިންޖިނިއަރިންގ ދާއިރާއަށް ބަލައިލި ކަމުގައިވިޔަސް، ޓީޗިންގ ދާއިރާއަށް ބަލައިލި ކަމުގައިވިޔަސް، ފިޝަރީޒަށް ބަލައިލި ކަމުގައިވިއަސް، ޓޫރިޒަމްގެ ދާއިރާއަށް ބަލައިލި ނަމަވެސް، މިއިން ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް، އަޅުގަނޑުމެންނަށް އެބަ ފެނޭ ފުރުޞަތުތައް. އެހެންނަމަވެސް، އަޅުގަނޑުމެން މިއަދު މަސައްކަތްތައް ދަސްކޮށް، ސްކޫލް ނިމިގެން ނުކުންނައިރު، ހިތްހަމަޖެހިލައިގެން މާދަމާގެ ދިރިއުޅުމަކަށް އަހުލުވެރިވެފައިވާ ބަޔަކަށްވުމަށް އެކަމަށް ތައްޔާރުވުމަށްޓަކައި، މަސައްކަތް ކުރަންވީ. އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ހުރިހާ ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ނަޞޭޙަތްތެރިވަން، މިގޮތަށް ކޮންމެ ކުއްޖެއްގެވެސް ވިސްނުން ބަހައްޓައި، މަސައްކަތްތަކަށް ބޮޑަށް ޝައުޤުވެރިކަން ބަހައްޓަން.

އާދެ، ކުރީގައިވެސް އަޅުގަނޑު މި ދެންނެވީ، ކާމިޔާބު މިވަނީ އަޅުގަނޑުމެން އެކީގައި ގުޅިގެން ކުރެވޭ މަސައްކަތަކުން. އަޅުގަނޑު ހަމަ ހުރިހާ ރައްޔިތުންނަށް ޚާއްޞަކޮށް، މުދައްރިސުންނަށް ދަންނަވާލަން ބޭނުންވޭ، ކުރާ ކޮންމެ މަސައްކަތެއްވެސް، އަދި ކޮންމެފަދަ މަގާމެއްގައި ތިމާ ހުއްޓަސް، ތިމާއަށް ކޮށްދެވޭ ކަންތައްތަކެއް ކޮށްދިނުމަށް. އަދި މި މަސައްކަތްތައް ގުޅިގެން ކުރުމަށް. އަޅުގަނޑުމެން އެކި މަގާމުތަކުގައި ތިބޭއިރު، ތާއަބަދަކަށް އެމަގާމެއްގައި ނުހުރެވޭނެ އެއްވެސް މީހަކަށް. ކޮންމެވެސް ހިސާބަކުން އަޅުގަނޑުމެން ދާންޖެހޭނެ. އެހެން ބަޔަކު އެ މަގާމާ ހަވާލުވާނީ.

އެހެންވީމާ، އަޅުގަނޑުމެން ބަލަންވީ، އެ މަގާމުގައި އަޅުގަނޑުމެންނަށް އެ ލިބޭ ވަގުތުކޮޅުގައި ނުވަތަ އަޅުގަނޑުމެން މަގާމުގައި ތިބޭ ވަގުތު، ކުރެވެންހުރި ކަންތައްތަކެއް ވީހާވެސް ރަނގަޅަކަށް ކުރުމަށް. އެކަމެއް ކޮށްފައި ދިޔައިމާ، އެމީހެއްގެ ރަނގަޅު ވާހަކަ މީހުން ދައްކާވަރަށްވެސް ކުރުމަށް. ޚިދުމަތެއް ދޭ ކަމަށްވަންޏާ، ލިބިގަންނަ ފަރާތްތައް ހިތްހަމަޖެހޭގޮތަށް ދިނުމަށް. ތިމާއަކީ އެންމެ ރަނގަޅު މީހާ ކަމަށްވުމަށް، ވާދަވެރިކަމެއްގެ ގޮތުގައިވެސް އެންމެ ރަނގަޅީ ތިމަންނާއޭ، އެހެން ތިމާގެ ހިތަށް ގަބޫލުކުރެވޭ ގޮތަށްވެސް އުޅުމަށް. ހަމަޖެހޭ ދިރިއުޅުމެއްވެސް، އަމާން މުޖުތަމަޢެއްވެސް، ކުރިއަރައިގެންދާ ޤައުމެއްވެސް، އެކުވެރި ރަށެއްވެސް، އަދި ބަދަހި މުޖުތަމަޢެއްވެސް އަޅުގަނޑުމެންނަށް ހޯދޭނެ ހަމައެކަނި ގޮތަކީ، މި ދެންނެވި ގޮތަށް އެމީހެއްގެ ވާޖިބު، އެމީހެއްގެ ޒިންމާ، ހުރިހާ ގޮތަކުންވެސް އަދާކުރުން. ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުމާއި، ކުރާ ކަންތައްތަކާ މެދު ވިސްނައި، ފޯކަސްކޮށް، ކޮންސެންޓްރޭޓް ކޮށްގެން، އެކަމެއް ކުރުމާއި، ހިތްހެޔޮކަމާއެކު، އަނެކާއަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުން.

އާދެ، އަޅުގަނޑު މި ވާހަކަ ދަންނަވާއިރު، އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތައްވެސް އެބަހުރި. އަޅުގަނޑަށް އެބަ ފެނޭ. ތަންކޮޅެއް ދަންވީމާ، ކޮންމެވެސްވަރެއްގެ ވަރުބަލިކަމެއްވެސް ހުރެދާނެހެން އަޅުގަނޑަށް އެބަހީވޭ. އެހެންވީމާ، އަޅުގަނޑު ތަންކޮޅެއް ކުރުކޮށްލަން މަސައްކަތްކުރާނަން. އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ ގަބޫލުކުރަންވާނެ، ވަރަށް ގިނަ ކަންތައްތައް އެބަހުރި، މި ދެންނެވި ބީދައިން، އަޅުގަނޑުމެން ވިސްނައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެކަމެއްގެ ތެރޭގައި ބައިވެރިވެވޭނެ. ބައިވެރިވެގެން އެ ކަންތައްތައް ޙައްލުކުރެވޭނީ.

އެއްކަމަކަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެބަ ފެނޭ، ތިމާވެށްޓަށް އަންނަ ބަދަލުތައް. އަޅުގަނޑުމެން ހަމަ ކަންބޮޑުވާ ދަރަޖައިގައި މިކަން އޮތީ. ކަންދިމާކުރި ގޮތުން، މިދިޔަމަހު އިޖިޕްޓަށް "ކޮޕް 27"ގެ ސަމިޓުގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނު. ދުނިޔޭގެ ހުރިހާ ލީޑަރުންވެސް ދެއްކެވީ، ތިމާވެށްޓަށް ކުރިމަތިވާ ބިރުވެރިކަމުގެ ވާހަކަ. ދުނިޔެ ހޫނުވުމާއި، ވައި ނުސާފުވުމާއި، ގޮނޑުދޮށްތައް ގިރައިގެން ދިޔުމާއި، ގޮނޑުދޮށްތައް ހަޑިވުމާއި، ކުނި އުކުމާއި، އަދި އެނޫނަސް އިންސާނުންގެ ދިރިއުޅުމުގެ ތެރެއިން، އަޅުގަނޑުމެން ކުރާ ކަމެއްގެ ސަބަބުން ދެން އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތަކުގެ ވާހަކަ.

އަޅުގަނޑު ދަންނަވާލަން މިއުޅެނީ، އަޅުގަނޑުމެން ކުރާ ކަމެއްގެ ސަބަބުން އެ ލިބޭ ގެއްލުން ހަމަގައިމުވެސް އަޅުގަނޑުމެންނަށް ކުޑަކުރެވޭނެއޭ. ތަންތަނަށް ކުނި އުކުން، އެއީ އަޅުގަނޑުމެން ނުކޮށް، ހުއްޓާލެވޭނެ ކަންތައްތައް. އަދި ހަމައެއާއެކު، އަޅުގަނޑުމެންގެ ސަބަބުން ކުރެވޭ ކޮންމެ ކަމަކީ އެކަމެއް ކޮންޓްރޯލްކޮށް، އެކަމެއް އަޅުގަނޑުމެންނަށް މަދުކުރެވޭނެ ކަންތައްތައް. އަޅުގަނޑު މިހެން މި ދަންނަވަނީ، އެނގިވަޑައިގަންނަވާނެ، ފުވައްމުލަކު ރައްޔިތުންގެ ޒަމާންވީ، އެތައް އަހަރެއްވީ އުންމީދެއް، މި ރަށުގެވެސް ތިމާވެށީގެ މައްސަލަތައް ޙައްލުކުރުން. ތިމާވެށްޓަށް މިކުރާ އަސަރުގެ ސަބަބުން ވަރަށްބޮޑު މައްސަލައެއް ކުރިމަތިވެފައި އޮތް ރަށެއް މި ރަށަކީ. ރަށުގެ އުތުރު ފަރާތް، ވަރަށްބޮޑަށް ގިރާ. އެއީ ރައްޔިތުންގެ، އެންމެންގެ ކަންބޮޑުވުމަކަށްވެފައި އޮތް ކަމެއް. ދެން ﷲ އިރާދަކުރެއްވީތީ، އަޅުގަނޑުމެންނަށް މިއަދު އެކަމަށް ޙައްލެއް އެބަ ލިބޭ.

އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، މި ކަންތައްތަކަށް ތިޔަބޭފުޅުން ވިސްނަވާށޭ. އަދި ހަމައެއާއެކު، މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތަކަކީ، އެއީކީ ވަކި މުއައްސަސާއަކުން، ވަކި ވަޒީރަކަށް، އަދި ސަރުކާރަށް އެކަނި ޙައްލުކުރެވޭނެ ކަންތައްތަކެއް ނޫނޭ. ފުންކޮށް ވިސްނަވާ! މަސްތުވާތަކެތީގެ ވަބާ ވަރަށްބޮޑު. އެއީ، ވަރަށް ގިނަ އަހަރުތަކެއްވީ މައްސަލައެއް. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މައްސަލަތައް ހުރުމުން އެކަމަށް އެކަށީގެންވާ ޙައްލު ނުހޯދިފައި އޮތުމުން، މިހާހިސާބަށް ކަންތައްތައް އައިސްފައި އޮތީ. އެކަމަކު މިއިން ކޮންމެ ކަމެއްވެސް ޙައްލުކުރެވެން އޮތީ، އަޅުގަނޑުމެން އެންމެން އެކަންކަން ޙައްލުކުރުމަށްޓަކައި ހެޔޮ ނިޔަތެއްގައި އެ މަސައްކަތުގައި ބައިވެރިވެގެން. އަޅުގަނޑު ހަމަ ދަންނަވާލަން، މި ރަށުގައިވެސް އެ މައްސަލަ އެބައޮތް. އެހެންވީމާ، މިކަހަލަ ކަންތައްތައް ޙައްލުކުރުމަށްޓަކައި، ރަނގަޅު ކުރުމަށްޓަކައި، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކުރަން އެބަޖެހޭ.

އާދެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސަރުކާރުން، ތަޢުލީމީ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަންތައްތައް، އެ މަސައްކަތްތައް ކުރިއަށް ގެންދާނަން. މި ރަށަށް ބަލައިލިނަމަވެސް، އަޅުގަނޑު ނުދެންނެވިޔަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރަށުގައި ހަތަރު ސްކޫލް ހުރިއިރު، އެ ހަތަރު ސްކޫލްގައި ކުރެވޭ މަސައްކަތްތައް. ކްލާސްރޫމްތަކާއި، މަލްޓި-ޕަރޕަސް ހޯލު، އަދި އެހެނިހެން ސައިންސް ލެބް، ނޫނީ އެނޫނަސް ބޭނުންވާ ވަރަށްގިނަ ކަންތައްތަކެއް، ހަމައެކަނި ކުރާނަމޭ ބުނަނީކީއެއް ނޫން. ކަންތައްތައް ކޮށްނިމި، އެ ތަންތަނުގެ ބޭނުންވެސް ހިފަމުންދަނީ.

އެހެންވީމާ، ތަޢުލީމީ ދާއިރާ ފުޅާކުރުމަށްޓަކައި އިރާދަކުރެއްވިއްޔާ މި ސަރުކާރުން، ދިވެހިރާއްޖޭގައި މިކުރާ މަސައްކަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ. މި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު ސަމާލުކަމެއް، އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންތަކުގެ ގޮތުގައި އެ ކަންތައްތައް ކުރިއަށްދާނެ. އެއާއެކީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ޞިއްޙީ ދާއިރާއަށް އެ އަންނަ ބަދަލުތައް. މި ރަށުންވެސް ހަމަ، އިއްޔެވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެ ބަދަލުތައް. އެކަންތައްތައް ކުރިއަށްދާނެ.

ދަރިވަރުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، އިރާދަކުރެއްވިއްޔާ ފުރުޞަތުތައް ލިބޭނެއޭ. މިއަދު ހުޅުވުނު އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ކޯލް ސެންޓަރ. އެވެސް ވަޒީފާތަކެއް. އިއްޔެ އަޅުގަނޑު އައްޑޫގައި ހުރެގެން ސެލިބްރޭޓް ކުރިން، އައްޑޫގައި މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިގެން ހުޅުވި ފްލައިންގ ސްކޫލް. ފްލައިންގ ސްކޫލްގައިވެސް މިހާރު ކިޔަވައި، ގާތްގަނޑަކަށް ނިމިފައި ދަރިވަރުންތަކެއް އެބަތިބި. މާގިނަ ދުވަސްތަކެއްނުވެ ބޯޓު ދުއްވޭވަރު އެ ކުދިންނަށް ވާނެ. އެހެންވީމާ، މިހުރީ ތިޔަ ކުދިންނަށް ހުރި ފުރުޞަތުތައް. ގަދައަޅައި މަސައްކަތް ކުރަންވީ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ހަމަ ދަންނަވާލަން. ދަރިވަރުން، ކޮންމެ ކަމެއް ކުރުމުގައިވެސް، އަބަދުވެސް ހިތުގައި، ހަނދާނުގައި ބަހައްޓަންވާނެ، ފަރްޟު ފަސްނަމާދު ކުރުމަށާއި، ޤުރްއާން ކިޔެވުމަށާއި، އަބަދުވެސް ރީތި އަޚްލާޤު ދެމެހެއްޓުމަށް. އެނގިވަޑައިގަންނަވާނެ، އިސްލާމްދީން އެންމެ ބާރުއަޅާ ކަންތައްތަކަކީ، މި ޙަފްލާ ފެށުމުގައި ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުންވެސް އަޑުއިވިގެންދިޔައީ، އުޚުއްވަތްތެރިކަން، އެކުވެރިކަން، ދުޝްމަން ނުވުންކަން. އެކަންކަން އިސްކުރުން. އެކަންކަމަށް، ރިވެތި އަޚްލާޤަށް، އެންމެ ބޮޑަށް އިސްލާމްދީން ބާރުއަޅަނީ.

އެހެންވީމާ، ތިޔަކުދިން ކުރާ ކޮންމެ ކަމެއްގައިވެސް އަބަދުވެސް ހިނިތުންވެފައި ހުރެ، އަނެކާއަށް ހެޔޮ ބަހެއް، ހެޔޮ ވާހަކައެއް، ހެޔޮކަމެއް ކޮށްދިނުމަކީ، ޢަޒުމަކަށް ހަދާ. ވަގުތެއް ނެތް. އަޅުގަނޑުމެންނަށް ޝޮކެއް އަންނަނީ. ކުއްލި ސިހުމެއް އަންނަނީ ލިބޭ ޚަބަރަކުން. އެއީ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަޅުގަނޑުމެންނަށް ލިބޭ ވަގުތަކީ. އެއްވެސް މީހަކަށް ނޭނގެ، ތިމަންނާ ދުނިޔޭގައި ހުންނާނީ 40 އަހަރު ކަމެއް، 50 އަހަރު ކަމެއް، 20 އަހަރު ކަމެއް.

އެހެންވީމާ، ކޮންމެ ކުއްޖަކަށްވެސް ޚާއްޞަކޮށް، ސްކޫލް ދުވަސްވަރަކީ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި، ކަންތައްތައް ދަސްކުރުމަށްޓަކައި، ލިބޭ ރަނުގެ ފުރުޞަތު. އެންމެ ރަނގަޅު ކުއްޖާއަށްވުން. އަދި މިކަހަލަ ވާހަކަތައް ހުކުރު ޚުޠުބާގައި ދައްކައިފިނަމަ، ނޫނީ ކޮންމެ މީހަކުވެސް ރަނގަޅު ވާހަކައެއް ދައްކައިފި ކަމަށްވަންޏާ، އަޅުގަނޑުމެން އަބަދުވެސް އެ ވާހަކައެއް އަޑުއަހަންވާނެ. އަޅުގަނޑުމެންނަށް ވަރަށް ގިނައިން ފެންނަ ކަމެއް މިކަހަލަ ޖަލްސާތަކުގައި، މިހެން ތިބޭއިރުވެސް، ވަރަށް ގިނައިން ފޯނު އޮންނާނީކީ ޖީބަކުނޫން. ފޯނު އޮންނާނީ އަތުގައި. ދެން ސްޓޭޖްގައި ހުންނަ މީހާ ދައްކާ ވާހަކައެއް، ބައެއް ފަރާތްތަކަށް ހަމަ އެއްގޮތަކަށްވެސް އަޑުއިވޭކަމަކަށްވެސް ނުވާނެ. އަޅުގަނޑުމެންނަށް ހަމަ މިސްކިތްތަކުންވެސް މިކަން ފެނޭ. ވަރަށް ރަނގަޅު ޚުޠުބާތަކެއް މިހާރު އަންނަނީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.

އެއްކަމަކަށް އަޅުގަނޑު ދަންނަވާނީ، ދަރިވަރުންނަށް އަދި އެހެން ބޭފުޅުންނަށްވެސް، ކޮންމެ މީހަކުވިޔަސް، ނުބަލާށޭ، ނުބައްލަވާށޭ ކާކުތޯ ވާހަކަ ދައްކަނީ. ކޮންމެ މީހަކު ދެއްކިޔަސް، ރަނގަޅު ވާހަކައެއް ދައްކައިފިނަމަ އަޑުއައްސަވާށޭ. އަޅުގަނޑު، ދަރިވަރުންނާ ދައްކަންހުރި ވާހަކަތައް ވަރަށް ގިނަ. އެހެންނަމަވެސް، އަޅުގަނޑަށް މިވަގުތު މިތާ ހުރެގެން ހުރިހާ ވާހަކަތަކެއް ނުދެއްކޭނެ. އެހެން ފުރުޞަތެއް އަޅުގަނޑަށް ޕްރިންސިޕަލްގެ ފަރާތުން ލިބިއްޖިއްޔާ އަޅުގަނޑު ތިޔަ ކުދިންނަށް ކިޔައިދޭނެ ވާހަކަތައް ވަރަށް ގިނަ. މިނިސްޓަރު ވިދާޅުވެދެއްވި ކަހަލަ، އަޅުގަނޑު ކިޔައިދޭނަން ފަންސާހަކަށް ވާހަކަ ތިޔަ ކުދިންނަށް. 40 ވާހަކަ. 40 އަހަރަށް ކޮންމެ އަހަރަކަށް ވާހަކައެއްގެ ނިސްބަތުން އެ ފުރުޞަތު އަޅުގަނޑަށް ލިބިއްޖެ ކަމަށްވަންޏާ އިރާދަކުރެއްވިއްޔާ އެ ވާހަކަ ކިޔައިދޭނަން. ޒުވާން ޢުމުރުގެ ބޭނުން ހިފަންޖެހޭގޮތުގެ ވާހަކަ އަޅުގަނޑު ކިޔައިދޭނަން. އެކަމަކު މީހަކު ވާހަކައެއް ކިޔައިދިނީމާ، އެގޮތަށް ޢަމަލުކޮށްގެން ނަތީޖާ ނެރެވޭނީ.

އެހެންވީމާ، މި ވާހަކަކޮޅާއެކު އަޅުގަނޑު ނިންމާލާނީ. މި ސްކޫލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައިވެސް ބުރަ މަސައްކަތްތަކެއް ކުރެވިއްޖެ. އަޅުގަނޑަށް ތަންކޮޅެއް އުނދަގޫވޭ. އަޅުގަނޑަށް ކުޑަކޮށް ސިހުމެއްވެސް އައި. ކޮންމެވެސް އިނާމެއް ލިބިއްޖެ. އަޅުގަނޑު ނުދެނަހުރިން. ދެން އެއީ، ކުރީގެ ކަންތައްތައް އެ ހުންނަނީ. ކޮންމެ މީހަކުވެސް ބަލަންވާނީ އެމީހަކަށް ކުރެވޭވަރުގެ ކަމެއް ކޮށްދެވޭތޯ. އަޅުގަނޑުވެސް ބެލީ. ޑޮކްޓަރ މުޞްޠަފާ ލުޠުފީ މިރަށު އަތޮޅުވެރިކަންވެސް ކުރެއްވި. ޑޮކްޓަރ ޢަބްދުﷲ ރަޝީދު ޕްރިންސިޕަލްކަންވެސް ކުރެއްވި. އަދި އަޅުގަނޑަށް އެބަ ފެނޭ، ކުރީ ސަފުން ހަމަ މި ރަށުގެ ކުރީގައިވެސް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން. އަޅުގަނޑު ބެލީ އަބަދުވެސް އަޅުގަނޑަށް ކުރެވޭ، ވަރަށް ކުދިކުދި ކަންތައްތައް ކުރަން. ބައެއް ބޭފުޅުން ޖޯކުވެސްޖަހާ. މި ރަށު ބޭފުޅުންވެސް ޖޯކުޖައްސަވާ އަޅުގަނޑަށް. ތަންކޮޅެއް ހަމަ ވަރުގަދަ ބޭފުޅުންވެސް ޖޯކުޖައްސަވާ، އެހެން ކުދިކުދި ކަންތައްތައް ކުރާތީ. ދެން އަޅުގަނޑުގެ ވާހަކައަކީ ކުރެވޭކަމެއް ކޮށްދޭށޭ. އެ ހެވޭ ކިތަންމެ ކުޑަ ކަމެއްވިޔަސް. އެކަމަކުން ބަދަލެއް އަންނާނެއޭ.

We can make a huge change tremendous. Huge change. Even doing a little thing. That will matter.

އެހެންވީމާ، ސްމޯލް ސްޓެޕް އަޅުގަނޑުމެން ކިޔަނީ. ސްމޯލް ސްޓެޕް އެއިން ވަރަށްބޮޑު ޗޭންޖެއް އަންނާނެ. އެކަމަށް މިއަދު އަޅުގަނޑުމެން ބަލަންވީ. އަޅުގަނޑުމެން ރަށަށްވެސް އެ މީހަކަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދޭންވީ. ޤައުމަށްވެސް ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދޭންވީ.

އެއާއެކު އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ. ވަރަށްބޮޑަށް ޝުކުރިއްޔާ. އަޅުގަނޑަށް ވަރަށްބޮޑު އުފާވެރިކަމެއް، ވަރަށްބޮޑު ހިތްހަމަޖެހުމެއް މި ލިބުނީ، މިހާ މުހިންމު ކަމެއްގައި މި ސްކޫލްގެ ދަރިވަރަކަށް އަޅުގަނޑު ދެން ނުވި ނަމަވެސް، ހަމަގައިމުވެސް އަޅުގަނޑު ފަޚުރުވެރިވަން. އަޅުގަނޑު އުފާކުރަން، ފުވައްމުލަކަށް އަޅުގަނޑު ނިސްބަތްވި މީހަކަށްވެ ހުރެ، މި ސްކޫލް ހޯދާފައިވާ ކާމިޔާބީއާއި، އަދި މިސްކޫލުން އުފައްދާފައިވާ ދަރިންނަށްޓަކައި. އަޅުގަނޑުމެންގެ މޭޔަރަކީވެސް މި ސްކޫލްގެ ދަރިވަރެއް. އަދި އަޅުގަނޑުމެންނަށް ކުރީ ސަފުން އެތައް ބޭފުޅުންނެއް އެބަ ފެނޭ. ދިވެހި ޤައުމަށް، ދިވެހި ސަރުކާރަށް އެކި މަގާމުތަކުގައި ޚިދުމަތް ކުރައްވާ ބޭފުޅުން މިހާރުވެސް އެބަ ތިއްބެވި. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން، ވަޒީރުކަން، ޑޮކްޓަރީކަން، ޕައިލެޓްކަން، އިންޖިނިއަރިންގ، ފިޝަރީޒް ދާއިރާގައި، އެކި ދާއިރާތަކުގައި މި ސްކޫލް އުފެއްދި ދަރިން ވަރަށް ގިނަ. އެ ދަރިން ޤައުމަށް އެތައް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފި.

ދެންމެ އަޑުއިވިގެން ދިޔައީ، މިއަދުގެ މިނިސްޓްރީގައި، އެޑިޔުކޭޝަންގައި ކޮލިޓީ އަދި އެހެނިހެން މުހިންމު މަސައްކަތްތައް ބެއްލެވުމަށްޓަކައިވެސް މި ސްކޫލުން ދަރިވަރުވި ދަރިންތަކެއް އެބަތިބިކަން. އެއީ، އަޅުގަނޑުމެން އުފާކުރާ ކަމެއް. އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވޭ. އަޅުގަނޑުމެންނަށް އަދި މި ރަށުގެ ރައްޔިތުންނަށް ހަމަގައިމުވެސް ލިބޭ ޝަރަފެއް، އެފަދަ ބޭފުޅުން އެފަދަ މަގާމުތަކުގައި ތިއްބަވައިގެން ޤައުމަށް ޚިދުމަތް ކުރެއްވުމަކީ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މިކަމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. ﷲ އިރާދަކުރެއްވިއްޔާ ހެޔޮ ނިޔަތުގައި، އަޅުގަނޑުމެން ކުރާ މަސައްކަތްތައް އަޅުގަނޑުމެންނަށް ކާމިޔާބުވާނެ.

އަޅުގަނޑުގެ ދުޢާއަކީ، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ފުވައްމުލަކުގެ ދަރިން، ދަރިވަރުން، އަދި މުޅި ދިވެހިރާއްޖޭގެ ހުރިހާ ދަރިންނަކީވެސް ހިތްއަލި، ކާމިޔާބީއާ ހަމައަށް ދެވޭނެ ބައެއްގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. ދިވެހި ޤައުމަށް، ދިވެހި ރައްޔިތުންނަށް އުފާފާގަތި، ފަހި ދުވަސްތަކެއް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.